ބޮލީވުޑް

"ސީއައިޑީ" ހުއްޓާލި ސަބަބު ކިޔައިދީފި

"ސީއައިޑީ"އަކީ ސޮނީ ޓީވީން ދެއްކި އެންމެ މަޝްހޫރު އެއް ޝޯ އެވެ. މި ޝޯ 20 އަހަރު ދެއްކުމަށް ފަހު ކުއްލިއަކަށް ހުއްޓާލީ 2018 ގައެވެ. މިހާ މަޝްހޫރު އަދި ގިނަ ބަޔަކު އެ ޝޯއެއް ދެކެ އެހާ ލޯބިވާ ޝޯއެއް ހުއްޓާލުމަށް ފަހު އެ ހުއްޓާލަން ޖެހުނު ސަބަބެއް ސޮނީ ޓީވީން ވެސް އަދި ޝޯގެ ޕްރޮޑިއުސަރުން ވެސް މިހާތަނަށް ހާމަ ކޮށްފައެއް ނުވެ އެވެ.

ޝޯ ހުއްޓާލީއްސުރެ ޝޯގެ ފޭނުން މި ސުވާލު ކުރަމުން ދެއެވެ. "ސީއައިޑީ" ހުއްޓާލީ ކީއްވެތޯ އާއި އަލުން ފަށާނެތޯ ނުވަތަ ނޫންތޯ އެވެ؟ މި ސުވާލުތަކުގެ ޖަވާބު އެނގޭ މީހަކު މިހާތަނަށް ވެސް ހުރި ކަމަކަށް ނުވެ އެވެ. މިހާރު މި ޝޯ ހުއްޓާލި ސަބަބު އެނގިއްޖެ އެވެ. އެ ކަން ހާމަކުރީ އެ ޝޯގައި އޭސީޕީ ޕްރަދިޔުމަންގެ ރޯލު އަދާކުރި ޝިވާޖީ ސަތަމް އެވެ. "ސީއައިޑީ" ގައި ވެސް ފެންނަނީ ހުރިހާ މައްސަލައެއްގެ ހައްލު އޭނާ އާއި ޓީމުން ހޯދާ ގޮތެވެ. މިފަހަރު ފޭނުންގެ ހިތުގައި އުފެދިފައިވާ ސުވާލުތަކުގެ ޖަވާބު ވެސް އޭނާ މި ވަނީ ހާމަކޮށްފަ އެވެ.

ޓައިމްސް އޮފް އިންޑިއާ އަށް ދާދިފަހުން ދީފައިވާ އިންޓަވިއު އެއްގައި ޝިވާޖީ ބުނީ "ސީއައިޑީ" ހުއްޓާލީ އެ ޝޯ އާ ދޭތެރޭ ސޮނީ ޓީވީން ފަހަކަށް އައިސް ކަންތައް ކުރަން ފެށި ގޮތުން ކަމަށެވެ. ޝޯ ދައްކާ ގަޑި ރޭގަނޑުގެ މާ ލަސް ގަޑިތަކަށް ބަދަލު ކުރަމުން ގޮސް މީހުންނަށް ބަލަން ނުތިބެވޭހާ ލަސްކޮށް މިކަހަލަ އެތައް ކަމެއް އެ ޗެނަލުން ކުރަން ފެށުމުން އެ ޗެނަލްގެ ކުރިމަތީގައި ޝޯގެ އެއްވެސް އަގެއް ނެތް ކަމުގެ އިހްސާސް ޕްރޮޑިއުސަރުންނަށް ކުރެވުނު ކަމަށް ޝިވާޖީ ބުންޏެވެ.

އަދި ޝޯ ހުއްޓާލަން އެންގީ ވެސް ވަރަށް ހެއްވާ ގޮތަކަށް ކަމަށް އޭނާ ބުންޏެވެ.

"ހުކުރު ދުވަހެއްގައި ކުއްލިއަކަށް އަހަރެމެންނަށް އެންގީ އަންނަ ހޯމަ ދުވަހު ދައްކާނީ އެންމެ ފަހު އެޕިސޯޑޭ. އަހަރެމެންގެ ޕްރޮޑިއުސަރުންނަށް ވެސް އޭގެ ކުރިއަކުން ނޭނގޭ ޝޯ ހުއްޓާލަން ސޮނީން ގަސްތުކޮށްފައިވާ ކަމެއް. ނަމަވެސް ޝޯ ހުއްޓާލުމުގެ އަހަރެއްހާ ދުވަސް ކުރިއްސުރެ ޝޯގެ އަހައްމިއްޔަތު އެ ޗެނަލަށް އެހާ ބޮޑަށް ނެތް ކަމުގެ އިހްސާސް އެންމެންނަށް ވެސް ކުރެވެމުން ދިޔަ. އަދި އެ އަހަރު ތެރޭ ޝޯ އާ މެދު ތަފާތު ކުރުން ތަކެއް ޗެނަލުން ގެންގުޅޭކަން އެންމެންނަށް ވެސް ވިސްނުނު. ކޮންމެވެސް ކަމެއް އެބަ ގޯސް ވެޔޭ މުޅި ޓީމުގެ އެންމެންނަށް ވެސް ގަބޫލު ކުރެވުނު،" ޝިވާޖީ ކިޔައިދިނެވެ.

ޝޯ ހުއްޓާލަން ކުއްލިއަކަށް ނިންމީ ޗެނަލުންނެވެ. އެހެންވީމާ އެކަމާ ޕްރޮޑިއުސަރުންނަށް ވެސް އަދި ޝޯގެ ބައިވެރިންނަށް ވެސް ކުރެވޭނެ މާބޮޑުކަމެއް ނެތް ކަމަށް ޝިވާޖީ ބުންޏެވެ.

"ސީއައިޑީ" ހުއްޓާލި ފަހުން ފާއިތުވީ ދުވަސްތަކުގައި ޓީވީ އާއި ފިލްމްތަކުން ވެސް އެކަށީގެންވާ ރަނގަޅު ރޯލުތައް ކުޅެން ނުލިބޭ ކަމަށް މިދިޔަ ޖެނުއަރީ މަހު ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވިއު އެއްގައި ޝިވާޖީ ބުނެފައި ވެއެވެ.

އޭނާ ބުނި ގޮތުގައި މާދަމާ "ސީއައިޑީ" ފެށިޔަސް އެ ޝޯގައި ބައިވެރިވުމަށް އޭނާ އެންމެ ކުރީގައި ހުންނާނެ އެވެ. އޭސީޕީ ޕްރަދިޔުމަންގެ ކެރެކްޓާ ކުޅެ ކުޅެ ވަރުބަލި ނުވި ނަމަވެސް ގޭގައި ކަމެއް ނެތި ހުރެ ހުރެ ވަރުބަލިވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"ސީއައިޑީ" ތަފާތު ފޯމެޓެއްގައި އަލުން ފަށަން ޕްރޮޑިއުސަރުން ވެސް ވާހަކަ ދައްކަމުންދާ ކަމަށް ވެސް ޝިވާޖީ ބުންޏެވެ. ނަމަވެސް އަދި އެކަމަށް އަލިމަގެއް ނުފެންނަ ކަމަށް އޭނާ ބުންޏެވެ.

ޝިވާޖީގެ ފިލްމީ މަސައްކަތަށް ބަލާއިރު އޭނާ އެންމެ ފަހުން ފެނިފައިވަނީ ތާޕްސީ ޕަންނޫ އާއި ވިކްރާންތު މެސީގެ "ހަސީން ދިލްރުބާ" އިންނެވެ.