މާލޭ ސިޓީ ކައުންސިލް

ނިއުޕޯޓް ހުރީ ސިޓީ ކައުންސިލްގެ ބިމެއްގައި: ނަރީޝް

Feb 10, 2022

ނިއުޕޯޓް ކުރިން ހިންގި ބިމަކީ މާލެ ސިޓީ ކައުންސިލްގެ ބިމެއް ކަމަށް މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވެއްޖެ އެވެ.

ނަރީޝް މިހެން ވިދާޅުވެފައި މިވަނީ ސްޓްރާޑާ ކުންފުނިން ނިއުޕޯޓް ހިންގަމުން ދިޔަ ބިން ހުސްކޮށް ދައުލަތާ ހަވާލުކުރުމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަށް ހައިކޯޓުން ތާއީދުކޮށްފައި ވަނިކޮށެވެ.

ސިނަމާލެ ބްރިޖްގެ މަސައްކަތްތައް ނިމެންދެން އެތަނުގެ މަސައްކަތް ކުރިއަށްދާ ގޮތް ބަލަން ތިބެވޭ ގޮތަށް އެ ސަރަހައްދުގައި ޕްލެޓްފޯމެއް ހެދުމަށާއި ރެސްޓޯރެންޓެއް ހިންގުމަށް ސްޓާރާޑާ ކުންފުންޏާ ބިމެއް ހަވާލު ކުރީ ޑިސެމްބަރު 22، 2016 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެންމެ ފުރަތަމަ އެ ބިން އެ ކުންފުންޏަށް ތިން އަހަރަށް ހަވާލު ކުރި ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުގައި ފަހުން އެ މުއްދަތު އަށް އަހަރަށް އިތުރު ކުރި އެވެ.

އެކަމަކު އެއްބަސްވުމުގެ ދަށުން ދައްކަން ހަމަޖެހިފައިވާ މަހު ކުލި ދައްކަމުން ނުދާ ކަމަށް ބުނެ މިސަރުކާރުގައި ޕްލޭނިން މިނިސްޓްރީން ވަނީ ސެޕްޓެމްބަރު 26، 2019 ވަނަ ދުވަހު އެއްބަސްވުން ބާތިލްކޮށް އެ ދުވަހުން ފެށިގެން 26 ދުވަހުގެ ތެރޭގައި އެ ބިން ހުސްކުރުމަށްފަހު މިނިސްޓްރީއާ ހަވާލުކުރަން އަންގާފަ އެވެ. އޭގެ ފަހުން ވެސް އެ ބިިން ސްޓްރާޑާ ކުންފުނިން ބޭނުން ކޮށްފައިވާ ކަމަށް ބުނެ ދައުލަތަށް ނުދައްކާ އޮތް ކުއްޔާއި ޖޫރިމަނާގެ އިތުރުން ބަދަލު ނަގައި ދިނުމަށް އެދި ޕްލޭނިން މިނިސްޓްރީން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ.

ސިވިލް ކޯޓުން ދައުލަތާ އެއްކޮޅަށް ކުރި ހުކުމުގައި ބުނެފައިވަނީ 15 ދުވަހުގެ ތެރޭގައި އެ ބިން މިނިސްޓްރީއާ ހަވާލުކޮށް، ކުއްޔާއި، ޖޫރިމަނާގެ އިތުރުން ބަދަލުގެ ގޮތުގައި ޖުމްލަ 1.1 މިލިއަން ރުފިޔާ ދައުލަތަށް ދެއްކުމަށެވެ. އެ ފައިސާ 30 ދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ހަލާސް ކުރުމަށް ވެސް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެ ހުކުމަށް ހައިކޯޓުން ތާއީދުކުރީ މިދިޔަ އަހަރު އޮކްޓޯބަރު 11 ވަނަ ދުވަހު އެވެ.

ނިއުޕޯޓްގެ ބިމާ މެދު ދައުލަތުގެ ބައެއް އިދާރާތަކުން އަންގަމުންދާ އެންގުންތަކާ ގުޅިގެން ނަރީޝް ވިދާޅުވީ ނިއުޕޯޓް ހިންގި ބިމަކީ މާލެ ސިޓީ ކައުންސިލްގެ ތަނެއްގެ ގޮތުގައި ދެކެނީ އެ ބިމުން ކުލީގެ ގޮތުގައި ލިބެން ޖެހޭ ފައިސާ ހޯދަން މީރާއިން މާލެ ސިޓީ ކައުންސިލަށް އަންގަމުންދާ ކަމަށެވެ.

"ކައުންސިލްގެ ބިމެއް ނޫންނަމަ އަންގަންޖެހޭ ސަބަބެއް ނެތް! ލާމަރުކަޒީ ގާނޫނު ވުޖޫދުވި އިރުވެސް އެ ބިމަކީ އެއްވެސް ބައެއްގެ ރަޖިސްޓްރީގައި އޮތް ބިމެއް ނޫން،" ނަރީޝް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިވަގުތުވެސް އެ ބިމާ ގުޅިފައިވާ ބިންތަކުގެ މައްސަލަ ކައުންސިލާއި ދެކޮޅަށް ކޯޓުތަކުގައި އެބަހިނގާ ކަމަށާއި ކައުންސިލާ ބެހޭ ބިމެއް ނޫންނަމަ ކައުންސިލާ ދެކޮޅަށް ކޯޓްތަކުގައި މައްސަލަ ނުހިގާނެ ކަމަށެވެ. ނަމަވެސް ނަރީޝް އެ ވިދާޅުވާ މައްސަލަތަކުގެ ތަފްސީލެއް އެނގޭ ގޮތެއް ނުވި އެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްްދީން ޓެގް ކުރައްވާ ނަރީޝް ކުރެއްވި ޓްވީޓެއްގައި ވަނީ އަކްރަމަށް ތުހުމަތުވެސް ކުރައްވާފަ އެވެ. އެގޮތުން ވިދާޅުވީ އަކްރަމަށް މާލީ ގޮތުން ވާން އޮތް އަމިއްލަ ފައިދާ އަކަށް ގާނޫނު މުގުރަމުންދާ ކަމަށެވެ. އަދި އެގޮތަށް ކަންކަން ވެގެންދާއިރު އޭސީސީއާއި އެލްޖީއޭ ނިދާފައި އޮތީމާ ވާނީ މިހެން ނޫންތޯއޭ ވިދާޅުވެ ސުވާލުވެސް އުފައްދަވާފައިވެ އެވެ.

ސްޓްރާޑާ ކުންފުންޏަށް ފައިދާވާ ގޮތަށް ބިން ދިން ކަމަށް ތުހުމަތުކޮށް އޭރުގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ދައުލަތުން ދައުވާކޮށްދިނުމަށް އޭސީސީން އޭޖީ އޮފީހުގައި އެދުނެވެ. ނަމަވެސް ޕީޖީ އޮފީހުން ވަނ އެ މައްސަލަ އަނބުރާ އޭސީސީ އަށް ފޮނުވާލާފަ އެވެ.