މިލަންދޫ

މިލަންދޫ ކައުންސިލަރަކަށް ހަމަލާދީފި، ތުހުމަތު ރިޒާއަށް

Feb 10, 2022
1

ށ. މިލަންދޫ ރަށު ކައުންސިލްގެ މެންބަރު އަހްމަދު ޝިޔާމަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފި އެވެ.

އަވަސްއަށް މިއަދު މައުލޫމާތު ދެއްވަމުން ޝިޔާމް ވިދާޅުވީ މިލަންދޫ "ކްއެންޗު ގާޑަން" ގައި އޭނާގެ ކޮއްކޮއަކާއެކު ކޮފީއެއް ބޯން އިންދާ އޭނާއަށް ހަމަލާ ދިނީ ރޭ 11:00 ހާއިރު ކަމަށެވެ.

އެމްޑީޕީއަށް ނިސްބަތްތާ ޝިޔާމް ތުހުމަތު ކުރެއްވި ގޮތުގައި އޭނާއަށް ހަމަލާ ދިނީ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މަޖިލިސް މެންބަރު އަލީ ރިޒާ ފޮނުވި ގުރޫޕެކެވެ.

ޝިޔާމް ވިދާޅުވީ ރިޒާ، އޭނާ ދެކެ ހިތްހަމަޖެހިވަޑައި ނުގެން އުޅުއްވަނީ ރިޒާއާ ދެކޮޅަށް ފޭސްބުކްގައި ތަފާތު ޕޯސްޓްތައް ކުރާތީ އާއި ދެން އޮންނަ މަޖިލިސް އިންތިހާބެއްގައި ރިޒާއާ ވާދަ ކުރެއްވުމަށް އޭނާގެ ބޭބެ އަދި ށ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ޝިޔާމް މަަސައްކަތް ކުރައްވާތީ ކަމަށެވެ.

މީގެ އިތުރުން ރިޒާގެ މައްޗަށް ދައުލަތުން ތުހުމަތު ކުރާ ބައެއް މައްސަލަތަކުގައި އޭނާ، ރިޒާއަށް ފާޑު ކިޔާތީ އެކަމާ ކޯފާ އިސް ކުރައްވާ ގުރޫޕެއް ފޮނުވީ ކަމަށް ވެސް ވިދާޅުވި އެވެ. އެކަމަކު ރިޒާ ދައްކަވާ ބިރަށް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށްވެސް ވިދާޅުވި އެވެ.

"ހަގީގަތުގައި އަޅުގަނޑާއި އައްޔަކީ [މަޖިލިސް މެންބަރު އަލީ ރިޒާ] އެއް ޕާޓީ އަކަށް ނިސްބަތްވި ނަމަވެސް އަޅުގަނޑާއި އަޅުގަނޑުގެ ބޭބެ ކައުންސިލަށް އިންތިހާބުވެފައި މިވަނީ އައްޔަގެ މާ ބޮޑު ސަޕޯޓެއް އޮވެގެން ނޫން. އެހެންވެ އޭނާއާ އަޅުގަނޑުމެންނަށް ވާދަ ކުރެވިދާނެހެން ހީވާތީ އެކަމާ ހިތްހަމަނުޖެހިގެން އެ އުޅެނީ،" ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހަމަލާ ދިން އިރު މެންބަރު އަލީ ރިޒާ ރަށުގައި ހުންނެވި ކަމަށާއި ނަމަވެސް މިއަދު ހެނދުނު ފުރާވަޑައިގެންފައިވާ ކަމަށެވެ. ހަމަލާ ދިނުމުން ވައަތުން ތަންގަނޑެއް ކަނޑައިގެން ދިޔަ ކަމަށާއި އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

މި ތުހުމަތާ ގުޅިގެން އަލީ ރިޒާއަށް ގުޅޭ ގޮތެއް ނުވެ އެވެ. އެނގިފައިވާ ގޮތުގައި އޭނާ ހުންނެވީ ދަތުރެއްގެ މަތީގަ އެވެ.