ގައުމީ ޔުނިވާސިޓީ

ޒުވާނުން ކުށްކުރާ ސަބަބު ހޯދަން ސާވޭއެއް ފަށަނީ

Feb 10, 2022
1

ޒުވާނުން ކުށްކުރާ ސަބަބުތައް ދެނެގަތުމަށް މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) އިން ހާއްސަ ސާވޭ އެއް ކުރިއަށް ގެންދިއުމަށް ނިންމައިިފި އެވެ.

އެމްއެންޔޫ އާއި ޔޫތު މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ ސާވޭގެ މަސައްކަތުގައި ހަރަކާތްތެރިވާނެ އެނިއުމަރޭޓަރުން ހޯދުމަށް އެމްއެންޔޫ އިން މިހާރު ވަނީ އިއުލާންކޮށްފަ އެވެ.

މިމަސައްކަތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށެވެ.

އެމްއެންޔޫ އިން ބުނީ ގުރޭޑް 10 ނިންމާފައިވާ އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ސާވޭގައި އެނިއުމަރޭޓަރެއްގެ ގޮތުގައި ބައިވެރިވެވިދާނެ ކަމަށެވެ. އެނިއުމަރޭޓަރުންނަށް ހާއްސަ ތަމްރީނެއް ދިނުމަށް ނިންމާފައިވެ އެވެ.

ސާވޭގެ ބޭނުމަކީ ޒުވާނުންގެ ކުށުގެ ވެއްޓާއި، ކުށްކުރާ ސަބަބުތައް ދެނެގަތުމާއި، ޒުވާނުންނަށް ދިމާވާ އެކި މައްސަލަތައް ދެނެގަތުން ކަމަށްވެސް އެމްއެންޔޫ އިން ބުނެ އެވެ.

ސާވޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހޮވާލެވޭ ވަކި ބައެއްގެ މެދުގަ އެވެ. ސާވޭ ފަށާނެ ދުވަހެއް އަދި ކުރިއަށް ގެންދާނެ ވަކި މުއްދަތެއް ވެސް އެމްއެންޔޫ އިން އަދި ހާމަކޮށްފައެއް ނުވެ އެވެ.