ހަބަރު

ޖިންސީ އަނިޔާ ލިބުނު މީހާގެ ހާލު ދަނީ ދަށަށް: އައޖީއެމްއެޗް

ފިރިމީހާގެ ފަރާތުން ލިބުނު ސީރިއަސް ޖިންސީ އަނިޔާތަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ތިނަދޫ އަންހެންމީހާގެ ހާލު ރަނގަޅުވަމުން ދަނިކޮށް ކުލިއަކަށް ސީރިއަސްވާން ފަށައިފި ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓާއާ ގުޅައިގެން ފަރުވާ ދެމުން ދަނިކޮށް އޭނާގެ ހާލު ރަނގަޅުވާން ފެށުމުން، އޭނާ އަށް މި ދެ ދުވަހު ފަރުވާ ދީފައިވަނީ ވެންޓިލޭޓާގެ އެހީއަކާ ނުލަ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ ކޯޑިނޭޓަރު ޒީނަތު ހަބީބް ވިދާޅުވީ، އެ އަންހެންމީހާގެ ހާލު އިއްޔެއާ ހަމަޔަށްވެސް ދިޔައީ ރަނގަޅުވަމުން ކަމަށެވެ. ނަމަވެސް ކުއްލިއަކަށް އޭނާގެ ހާލު ގޯސްވަމުންދާތީ ޑޮކްޓަރުން ކަންބޮޑުވެފައިވާ ކަމަށާއި، އޭނާ އަށް ފަރުވާދޭން އަނެއްކާވެސް ވެންޓިލޭޓާ ބޭނުންކުރަން ޖެހިފައިވާ ކަމަށް ޒީނަތު ވިދާޅުވި އެވެ.

"އޭނަ މި ބާއްވަނީ ސެޑޭޓް ވެސް ކޮށްފަ. އިއްޔެއާ ހަމަޔަށްވެސް ވަރަށް ރަނގަޅު. އެކަމަކު މިއަދު ހަމަ ކުއްލިއަކަށް ހާލު ގޯސްވާން ފެށީ. މިހާ ސީރިއަސްވާން ފަށައިފިނަމަ އަނެއްކާވެސް ވެންޓިލޭޓަރަށް ބަރޯސާވާން ޖެހޭނީ،" ޒީނަތު ވިދާޅުވި އެވެ.

ފިރިމީހާގެ ފަރާތުން ގިނަ ދުވަސްތަކެއް ވަންދެން ލިބުނު ޖިންސީ އަނިޔާތަކެއް ފޮރުވުމުގެ ސަބަބުން ސީރިއަސް ހާލަތުގައި އައިޖީއެމްއެޗްގެ އައިސީޔޫގައި އެ އަންހެންމީހާ އެޑްމިޓްކުރިތާ ހަފުތާއަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އޭނާއަށް އިންސާފު ހޯދަދޭން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ޖެންޑަ މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް މިހާތަނަށް އެ މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް ޖެންޑަ މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.

ޖެންޑަ މިނިސްޓްރީ ކޮންސަލްޓަންޓް އަކްރަމް ވިދާޅުވީ، މައްސަލަ ތަހުގީގީ މަރުހަލާގައި އޮތުމުން މިހާތަނަށް ކުރެވުނު މަސައްކަތްތަކާ ބެހޭ ތަފްސީލު ދެވެން ނެތް ކަމަށެވެ. އެހެން ނަމަވެސް އެ މައްސަލައިގައި އަންހެން މީހާއަށް އޭނާގެ ހައްގު ހޯދައިދިނުމަށް ދަރިންނާ އަދިވެސް އާއިލީ އެހެން މީހުންގެ ބަޔާން ނެގުމަށް ފުލުހުން މަސައްކަތް ކުރަމުންދާ ކަމަށް އަކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ އަންހެންމީހާގެ ތިން ދަރިންގެ ހާލުވެސް އެ މިނިސްޓްރީން ވަރަށް ކައިރިން ބަލަމުންދާ ކަމަށެވެ. އެކުދިންނަށް ބޭނުންވާ ރައްކާތެރިކަމާއި އަޅައިލުން އާއިލާގެ ފަރާތުން ދޭތޯ ޔަގީންކުރަން ކޮންމެ ދުވަހަކުވެސް ކުދިންނާ އެ މިނިސްޓްރީން ގުޅައިގެން ވާހަކަ ދައްކާ ކަމަށާއި މިހާތަނަށް އާއިލާގެ ތެރެއިން ކުދިންނަށް އެއްވެސް އުނދަގުލެއް ކުރިމަތި ނުވާކަން ޔަގީންކޮށްފައިވާ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

"ކުދިންނަށް ރައްކާތެރި މާހައުލެއް ހޯދައިދޭން އަޅުގަނޑުމެން ވަރަށް ބޮޑަށް އެބަ މަސައްކަތް ކުރަން. އަޅުގަނޑުމެންގެ ސަޕޯޓް އަބަދުވެސް އެކުދިންނަށް ލިބެމުން ދާނީ. އަޅުގަނޑުމެން ވަރަށް އުފާކުރަން މިހާތަނަށް އާއިލާއިން އެކުދިން ވަރަށް ރަނގަޅަށް ބަލަމުން ދާތީ،" އަކްރަމް ވިދާޅުވި އެވެ.

އޭނާއަށް އަނިޔާ ކުރި ފިރިމީހާ މިހާރު ވަނީ ތަހުގީގަށް ހައްޔަރުކޮށްފަ އެވެ. މިދިޔަ ކްރިމިނަލްކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.

ތުހުމަތުގެ ކުރެވޭ ގޮތުގައި، އެ އަންހެންމީހާއަށް އަނިޔާކުރުމުގައި ތޫނު އެއްޗެއް ބޭނުންކޮށްފައިވެ އެވެ. އަދި އޭގެ ސަބަބުން އިންފެކްޝަން އުފެދި އަންހެން މީހާގެ މެ އާއި ސިކުނޑިއަށް އިންފެކްޝަންގެ އަސަރުކޮށްފައިވާ ކަމަށް ވެސް އާއިލާ އިން ވަނީ ބުނެފަ އެވެ.