ރައީސް ޔާމީންގެ ޝަރީއަތް

އާރަށު މައްސަލަ: ދެ ދައުވާއަށް އިންކާރުކުރައްވައިފި

ވ. އާރަށުގައި ރިސޯޓެއް ތަރައްގީކުރަން ކުންފުންޏަކަށް އެރަށް ވިއްކާލައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް ފައިސާ ލޯންޑާ ކުރުމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއަށް އެމަނިކުފާނު އިންކާރުކުރައްވައިފި އެވެ.

އާރަށް ކުއްޔަށް ދިން މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހު މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ ދެ ދައުވާ ވެސް އިއްވާފަ އެވެ. އެކަމަކު އެދުވަހު ރައީސް ޔާމީން ވިދާޅުވީ ދައުވާ ސާފުވެވަޑައިނުގަންނަވާ ކަމަށެވެ. މިއަދުގެ އަޑުއެހުމުގައި އިސް ގާޒީ އަހުމަދު ޝަކީލް ވަނީ ދައުވާގައި ސާފުނުވާ ކަންކަން ސާފުކުރުމުގެ ފުރުސަތު އެމަނިކުފާނަށް ދެއްވާފަ އެވެ.

ދައުލަތުގެ ދައުވާގައި ބުނެފައި ވަނީ ޔޫސުފް ނައީމް، މިނިސްޓްރީ އޮފް ޓޫރިޒަމް އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ރިސޯޓެއް ހެދުމަށް ވ. އާރަށް ކުއްޔަށް ނެގުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ރައީސް ޔާމީން މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަންގަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ.

އެމަނިކުފާނުގެ ފަރާތްޕުޅުން ދިފާއީ ވަކީލް އަބްދުﷲ ޝިޔާޒް ވަނީ ދެ ދައުވާއާއި ގުޅިގެން ދައުލަތާ ގިނަ ސުވާލުތަކެއް ކުރައްވާފަ އެވެ. އެގޮތުން ދައުވާގެ ސީޣާއިން ދައުވާ އުފުލާފައިވާ އަމަލަކީ ކޮބައިކަމާއި، އަމަލު ހިންގި ތަނާއި، ވަގުތާއި، އަމަލު ހިންގި ގޮތް ސާފުކޮށްދެއްވުމަށް ވަނީ އެދިވަޑައިގެންފަ އެވެ. ނުފޫޒު ފޯރުވައިގެން ފައިސާ ހޯދި ގޮތެއް ސާފުކޮށްދިނުމަށް ވެސް އެދިވަޑައިގަތެވެ.

ސުވާލުތަކަށް ޖަވާބުދެއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވެފައިވަނީ ދައުވާގެ ސީޣާގައި މިއީ ކޮން މުއާމަލާތަކާ ގުޅިގެން އުފުލާފައިވާ ދައުވާއެއްކަން ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ. އެގޮތުން ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގައި، އަމަލު ހިންގި ވަގުތަކީ ރައީސް ޔާމީންގެ އެކައުންޓަށް އާރަށް ކުއްޔަށް ދީގެން ހޯދި ފައިސާގެ ޗެކު ޖަމާވި ދުވަސް ކަމަށް ވިދާޅުވި އެވެ. އެދުވަހަކީ ސެޕްޓެމްބަރު 17، 2015 އެވެ.

ދައުލަތުން ބުނެފައި ވަނީ ޓޫރިޒަމް މިނިސްޓްރީ މެދުވެރިކޮށް ހިންގަން ޖެހޭ މުއާމަލާތެއް ސީދާ ރައީސުލްޖުމްހޫރިއްޔާއާ ކޮށްފައި އޮތުމަކީ މަގާމުގެ ނުފޫޒު ބޭނުން ކުރުން ކަމަށެވެ.

ދައުލަތުން ޖަވާބު ދެއްވުމުން ރައީސް ޔާމީންގެ ފަރާތްޕުޅުން އަނެއްކާވެސް ނުފޫޒު ފޯރުވަން ބުނި ސީދާ އިބާރާތަކީ ކޮބައިކަން އެއްސެވި އެވެ. އަދި މި ހާދިސާ އަކީ އެމްއެމްޕީއާރްސީއާ ގުޅޭ ހާދިސާއެއްތޯ ވެސް އެއްސެވި އެވެ. ޖަވާބުގައި ދައުލަތުން ބުނެފައި ވަނީ މިއީ އެ ހާދިސާ ކަމަށެވެ.

މަނީ ލޯންޑަރިންގެ ދައުވާގައި، އެ ފައިސާ ރައީސްގެ އެކައުންޓަށް ޖަމާވި ހިސާބުން ކުށުގެ އަމަލު ފެށޭ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ. އަދި މައްސަލައިގެ ހެކިތަކަށް ބަލާއިރު މި މުއާމަލާތާ ގުޅިގެން އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބާއި ޔާމީން މަޝްވަރާކުރެއްވިކަން އެނގެން އޮތް ކަމަށް ދައުލަތުން ބުންޏެވެ. އަދި މި މުއާމަލާތުގައި އެއްބަސްވުމަކަށް އައިސްފައިވަނީ ރައީސް ޔާމީނަށް ރަގަޅު އެއްޗެއް ދީގެންކަން ޔޫސުފް ނައީމަށް ފޯނުކޮށްގެން އަދީބު ވިދާޅުވެފައިވާ ކަމަށް ހެކިތަކުން އެނގޭ ކަމަށް ދައުލަތުން ފާހަގަކުރި އެވެ.

ޖަވާބުތަކަށް ފަހު ވެސް ރައީސް ޔާމީންގެ ފަރާތްޕުޅުން ވިދާޅުވެފައިވަނީ ދައުލަތުން ސާފުކޮށްދިން މިންވަރަށް ސާފުވި ނަމަވެސް ރަގަޅަށް ސާފުނުވާ ކަމަށެވެ. ދައުލަތުން ދެއްވި ޖަވާބުތަކަށް ރިއާޔަތްކޮށް ދެ ދައުވާ ވެސް މިހާރު ސާފުކޮށްދެވިފައިވާ ކަމަށް ގާޒީ ނިންމެވި އެވެ.

ދައުވާތަކަށް ޖަވާބުދާރީވާން ގާޒީ އެންގެވުމުން ރައީސް ޔާމީން ވަނީ ދައުވާތަކަށް އިންކާރުކުރައްވާފަ އެވެ.

މި މައްސަލައިގައި ދެން ހިމެނޭ ޔޫސުފް ނައީމަށް ވެސް ދައުވާ އިއްވި އެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރިޝްވަތު ދިނުމުގެ ދައުވާ އެވެ. އޭނާ މިއަދު ވިދާޅުވެފައި ވަނީ ދައުވާ ސާފުނުވާ ކަމަށެވެ. އެހެންކަމުން ދެން އޮންނަ ދުވަހެއްގައި ޔޫސުފް ނައީމްގެ ބައިގައި ދައުވާ ސާފުކުރުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.