ވާހަކަ

ހިތް ރުއްސާނުތޯ

( 8 ފެބްރުއަރީ 2022 އާ ގުޅޭ )

"މާޝާﷲ... ތީ ހަގީގަތުގައި ވެސް ހޫރެއްކަން ޔަގީން... މިދުނިޔެމަތީގައާއި ދާއިމީ ހަޔާތުގައި ވެސް ހަމައެކަނި އަހަރެންގެ މީހެއް. އަހަރެންގެ ހޫރައިން... އައި ކާންޓް ވެއިޓް ޓު ކިސް ޔޯ އައިޒް." ހޫރައިންއާ ނަޒަރު ވަކިކޮށްނުލެވިފައި އިން ޒެހެންގެ ހިތުގެ ތެރޭ ޖަޒުބާތުތައް އުތުރިގަތެވެ.

ކައިވެނީގެ ވަލީމާ ހަމަޖެހިފައި އޮތް މާލަމަށް ދަޢުވަތު އެރުވުނު މެހެމާނުން ވަންނަމުން ދިޔައެވެ. އެ ބޮޑު މާލަމަށް ވަންނަން ހުރި ދެ ދޮރުގެ ކައިރީ މެހެމާނުންނަށް މަރުޙަބާ ކިޔުމަށް ބޯޑު ބެހެއްޓިފައި ހުއްޓެވެ. އަދި އަންހެން ފިރިހެން ވަކިކުރެވިފައިވާ ޙަފުލާއެއްކަން އެ ބޯޑުން ފެންނަން ހުއްޓެވެ. މާލަމަށް ވަންނަން ކަނާއަތް ފަރާތުގައި ހުރި ދޮރު ހާއްސަކުރެވިފައިވަނީ އަންހެނުންނަށެވެ. ފިރިހެނުން ވަންނަމުން ދިޔައީ ވައަތް ފަރާތަށް ހުރި ދޮރުންނެވެ. މާލަމުގެ އެތެރެ ދެބައި ކުރުމަށް ވަނީ އެއްކޮޅުން އަނެއްކޮޅަށް ފަރުދާއެއް ދަމާފައެވެ. ތަނުގެ ތެރެއިން އިވޭ ހަމައެކަނި އަޑަކީ މީހުން ވާހަކަދައްކާ އަޑެވެ. ހީނ ސަމާސާކުރާ އަޑުތަކެވެ.

ހޫރައިންގެ ކައިރީ ސުމައްޔާ ހުއްޓެވެ. ކޮޅަށް ހުރެހުރެ ފައިވާޅުވެއްޖެނަމަ އިށީނދެ ވޭނޭހެން ރީތި ލައުންޖެއް ބެހެއްޓިފައި ހުއްޓެވެ. ފިރިހެން ދަރިފުޅު ހޫރައިންގެ އަތުގައި ހިފާލައިގެން ހުރީ ނިކަން ހިނިއައިސްފައެވެ. ސާރާގެ ފިރިހެން ދަރިފުޅު ދަނިޔާލްއާއި ޔޫކް ތިބީ އަރަބިން އަޅާފަދަ ޖުއްބާއެއްގައެވެ.

"މަންމި... ޔޫ ލުކް ބިއުޓިފުލް. މިހެދުން ވެސް." ހޫރައިންގެ ހުދުމިނަލުން ޖަރީކުރެވިފައިވާ ހުދުކުލައިގެ ކައިވެނި ހެދުމުގައި ޔޫކް ފިރުމާލިއެވެ. ކައިވެނި ހެދުމުގައި ހޫރައިން ފެނުނު ފަހުން އެ ކުޑަދަރިފުޅު ހޫރައިންގެ ރީތިކަމަށް ތަޢުރީފު ކުރި މީ ފުރަތަމަ ފަހަރެއް ނޫނެވެ. ބޭރަށް މީހުންގެ ތެރެއަށް ނުކުމެ އުޅޭއިރު ކަޅުހެދުން ނޫން ހެދުމެއްގައި އެކުއްޖާއަށް އޭނާ ފެނުނު މީ ޔަގީނުން ވެސް ފުރަތަމަ ފަހަރެވެ. އުނދަގޫކަމެއް އިޙްސާސް ނުކުރެވުނަސް މުޅި ހެދުމުގައި ހަރުކޮށްފައިވާ މިނަލުގެ ސަބަބުން ހެދުން ބަރުކަން ހޫރައިންއަށް އިހްސާސްވެއެވެ.

"ތެންކިޔު ދަރިފުޅު. ދޭބަލަ އެކުދީންނާއެކު. މަންމައަށް އޯކޭ." ޔޫކް ހޯދަމުން އިންޝާއާއި ހަނާ އައުމުން ހޫރައިން ބުނެލިއެވެ. އޭނާގެ ގާތުން ދަރިފުޅު ނުދާން ހުންނަނީ ކޮންސަބަބަކާ ކަމެއް ހޫރައިންއަށް ޔަގީނެއްނޫނެވެ. އެހެންވިޔަސް އޭނާ ލަފާކުރިއެވެ. މީހުން ގިނަވެއްޖެނަމަ ހޫރައިންގެ ގާތުގައި ހުންނަން ޔޫކް ސަމާލުކަން އަބަދުވެސް ދެއެވެ.

"މާމަ މިހުރީ. މަންމަ އެކަންޏެއްނުވާނެ. އެއީ ޔޫކްގެ ރައްޓެހިން ކުދީން." ހޫރައިން ދަރިފުޅުގެ ކައިރީ ދާން ބާރުއެޅިއެވެ.

"މަންމި ގޮވީމަ ޔޫކްއަށް އަޑު އިވޭނެ އިނގޭ." މަންމައަށް ފަރުވާތެރިކަމާއެކު ބަލާލަމުން ޔޫކް ބުނެލިއެވެ. ހޫރައިން ބޯޖަހާލީއެވެ. އެ ދަރިފުޅު ކުރިޔަށް ހިނގައިގަތް ހިނދު އެކުއްޖާގެ އަތުގައި އިންޝާ ހިފާލި ގޮތް ފެނި ހޫރައިންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

ކައިވެނީގެ ތަހުނިޔާއާއި ހެޔޮ ދުޢާތަކާއެކު ސަލާން ބަދަލުކުރެވެމުންދިޔައެވެ. ނަމަވެސް އެ މާލަމުގައި ހޫރައިން ދަންނަ ބަޔަކަށް ތިބީ ހަމައެކަނި ހަސީނާގެ ޢާއިލާ އެކަންޏެވެ. ޔުނިވަރސިޓީގައި މަސައްކަތު މީހުންގެ ތެރޭގައި އުޅުނު އަބަދު ފެންނަ މީހުންނަށް ވެސް ހޫރައިން ދަޢުވަތު ދިނެވެ. އެމީހުންނަކީ އޭނާގެ އެކުވެރީންނޭ ބުނާހާ ގާތްބައެއްނޫނެވެ. މީ އޭނާގެ އަލަތު ކައިވެންޏެވެ. އެހެންނަމަވެސް ދަޢުވަތު ދޭނޭ ގާތް އެކުވެރިއެއް އޭނާގެ ނެތެވެ. މިރޭ އޭނާ އެންމެ ހަނދާންވަނީ ސުކޫލު ދުވަސްވަރުގެ ރަޙުމަތްތެރީންގެ މަތީންނެވެ. އެންމެން އުޅުނީ ކިހާ އެއްކޮށް ކަމެވެ. އެކުވެރިކަމުގެ އެ ގުޅުންތައް ކެނޑިގެން ހިނގައިދާނޭ ހިތަށް ވެސް އޭރު ނާރައެވެ. އޭރު އެ ހަނދާންތަކާއެކު އަޒްހަދުގެ ޚިޔާލުތައް ހިތުގެ ކަނަކުން ނުކުމެ ސިކުނޑީގެ ތެރެއަށް ފެތުރެން ފެށިއެވެ. ހޫރައިންއާއި ޒެހެންގެ ކައިވެނި ހަމަޖެހި ވަލީމާގެ ދަޢުވަތު ކާޑުތައް ޗާޕުކޮށްގެން ގެނެވުނު ދުވަހެވެ. ކާޑުތައް ބަލަން އިނދެފައި ހަސިންތައާއި މަންމައާ ދެމެދު އެ ދުވަހު ދެކެވުނު ވާހަކަ ދަރިފުޅަށް ކާންދޭން އިން ހޫރައިންއަށް ސާފުކޮށް އަޑު އިވުނެވެ.

"އާތިފާއަށް ކާޑެއް ފޮނުވަން މަށަށް ފެންނަނީ." ހަސީނާ ބުންޏެވެ.

"އެ ކީއްކުރަން. އޭނާ އަނގައިންނެއް ނުބުނޭ. މިހާރު އަހަރެމެންގެ މެދުގައި އެއްވެސް ގާތްކަމެއް ނެތެއްނު. އޭރު އޮތް ގާތްކަމެއްގެ ސަބަބުން މޫނު އަނބުރާލަން ނުކެރިގެން މަގުމަތިން ފެނިއްޖެނަމަ ހިނިތުންވެލަނީ." ސުމައްޔާ ހަގީގަތް ހާމަކުރިއެވެ.

"އެހެންވެއޭ. އޭނާއަށް އަންގާލަން. އަހަރެމެންގެ ދަރިއާ އިންނާނެ މީހުންވާނެކަން. އޭނާގެ ފިރިހެން ދަރިއަށްވުރެ ހުރިހާ ގޮތަކުން ވެސް ޒެހެން ފުރިހަމަ. އެ ޢާއިލާއަށް ބެލިޔަސް." ހަސީނާ ފޫހިކަމާއެކު ވާހަކަދެއްކިއެވެ.

"ހަސީ. ތީ ކޮންވާހަކައެއް. އެއީ ނިމިފައިވާ ކަމެއް. އެ ދުވަހު ލިބުނު މާޔޫސްކަމާއި މިއަދު ލިބެމުންމިދާ ހިތްހަމަޖެހުމާ، ދެ ކަމުގައި ވެސް ވީ ﷲ ގެ މިންވަރުފުޅު. އޭރު އެއީ އަހަރެންގެ ހޫރްގެ ވަގުތެއްނޫން. މީ ﷲ އެ ދަރިފުޅަށް ކަނޑައަޅުއްވާފައިވީ ވަގުތު. އޭނާގެ މައްޗަށް އެންމެ ހެޔޮކަން ބޮޑުވެގެންވަނީ މިގޮތުގައިކަން ޔަގީން. ބައެއްގެ އެސްފީނާއާއި ހަސަދައަށް ހުށަހެޅޭނޭ ފަދަ ޢަމަލެއް ކުރަންވީ ކީއްކުރަން. އެމީހުންގެ ކައިރީ ލެއްވި ނިޢުމަތަށް ބޮޑާވެ ގަތުމުން އެ ހެޔޮކަމުގެ ބަރަކާތް ކެނޑިގެން ހިނގައިދާނެ. ހެޔޮ އެދޭ މީހުންނާ އުފާވެރިކަމުގެ ޚަބަރު ހިއްސާކުރުން އެންމެ ހެޔޮކަން ބޮޑީ."

"މަންމަ ބުނިހެން އަހަރެންގެ ވަގުތު މިޖެހުނީ އަދިކިރިޔާ. ކައިވެނީގެ ބައިވެރިއެއް އަހަންނަށް ޓަކައި ޚިޔާރުކޮށްދެއްވީ ﷲ. އަހަރެން އެކަމާ އުފާކޮށް ޝުކުރުވެރިވާން ޖެހޭނެ. އަހަންނަކީ ޒެހެންގެ އަނބިމީހާ." ޚިޔާލުތަކުގެ ތެރެއިން ހޫރައިންގެ ނަޒަރު ކައިރީގަ ހުރި ސުމައްޔާއަށް ހުއްޓުނެވެ. އެ މަންމަގެ ދުލުން ހެޔޮ ވާހަކައެއް ނޫނީ އޭނާ އަހާފައެއްނުވެއެވެ.

"ކިހިނެއްވީ؟. އިށީންނަންވީތަ؟. ފެންފޮދެއް ގެނެސްދެން." ހޫރައިން ބަލަން ހުރިކަން ފާހަގަވުމާއެކު ސުމައްޔާ އަވަސްއަވަހަށް ވާހަކަދެއްކިއެވެ.

"މަންމަ އިށީންނަންވީނު. އެހެންނޫނީ ކަކުލުގަ މާބޮޑަށް ރިއްސަންފަށާފާނެ." ހޫރައިން ބުނެލިއެވެ.

ސުމައްޔާ އިށީންނަން ބޭނުންނުވުމުން އޭނާގެ އަތުގައި ހިފާލައި ފަހަތުގައި ހުރި ގޮނޑީގައި މަންމައާއެކު ހޫރައިން އިށީނެވެ. އެތަން ފެނި މިއުނާ އެ ދެމައިންގެ ގާތަށް އަތުވެއްޖެއެވެ.

ބައްޕަ ހުއްޓެއްކަމަކު ޒެހެންގެ ކައިވެނީގެ ޙަފުލާގައި ބައިވެރިއެއް ނުވެއެވެ. މުހިންމު މީހެއްގެ ގޮތުގައި ޒެހެން ވެސް ނުދެކެއެވެ. އޭނާ އުޅޭތަނެއް ވެސް އެމީހުންނަކަށް ނޭނގެއެވެ. ޒެހެންގެ އެންމެ ގާތުގައި ހުރީ މުނައްވަރެވެ. ސިޔާސީ ބޮޑެތި މީހުން އެ ޙަފުލާގައި ބައިވެރިވިއެވެ. މުނައްވަރުގެ އެންމެ ގާތް އެކުވެރިޔާ ހަންނާނުގެ ޢާއިލާ ވެސް ބައިވެރިވިއެވެ.

"ކައިދިން ގާތު ނުބުނަންތަ؟." މުނައްވަރު އަހާލިއެވެ.

"ބުނިން. އޭނާ އަންނަ ކަހަލަ ޚިޔާލެއް ނުކުރި. ހާއްސަކޮށް މިކަހަލަ ޕާޓީއެއްގަ އޭނާ ބޭނުމެއްވެސް ނުވާނެ ބައިވެރިވާކަށް." ޒެހެން ބުނެލީ ފާޑަކަށް ހިނިއައިސްފަ ހުރެއެވެ.

ގަޔާނުވިޔަސް ޒެހެންގެ ނިންމުން ޝާފީއާއި ރަހީމު ބަލައިގަނެއްޖެއެވެ. އެ މީހުން ޙަފުލާއަށް އައީ އެހެންވެއެވެ. ހަމައެއާއެކު އެ އެންމެންނަކީ އެއްތަނެއްގައި މަސައްކަތްކުރާ ތިން މީހުންނެވެ. އެކުވެރިކަން ކަނޑާލަންޖެހޭވަރު ކަމެއްކަމުގައި އެތަނުން އެކަކު ވެސް ގަބޫލެއްނުކުރެއެވެ. އެމީހުން ކައިވެނީގެ ތަހުނިޔާ ކިޔުމާއެކު ޙަފުލާ ރޭވިފައި އޮތް ގޮތާމެދު ނިކަން ޖޯކު ޖެހިއެވެ. އަންހެން ފިރިހެން ވަކިކުރެވިފައި އޮތީމައާއި މިއުޒިކެއްގެ އަޑު ނީވޭތީއެވެ. މާޙައުލުގައި "ރޮމޭންޓިކް" ކަމެއްނެތޭ އެމީހުން ބުންޏެވެ. ފިރިހެނުންތަކެއްގެ ތެރޭ އަނގަ ނަގައިގެން ނުތިބެވޭނެއޭ ކިޔާ ކައި ނިމުމުން އެމީހުން ދިޔައީއެވެ.

ޙަފުލާ ނިމުނުއިރު ޒެހެން ހުރީ ހޫރައިން ދުށުމަށް ބޭނުންވެފައެވެ. އަނބިމީހާގެ ހާލަކީ ކޮބާތޯ އެނގެން ބޭނުންވެފައެވެ. މާލަމުގެ ތެރޭގައި ހަމައެކަނި ތިބި ބަޔަކީ ޢާއިލާ މީހުންނެވެ. ދަމާފައިހުރި ފަރުދާ އެއްފަރާތްކޮށްލައި ހޫރައިން ހުރި ބަޔަށް ޒެހެން އައެވެ. އޭނާއާއެކު މުނައްވަރާއި ނަހުޔާނުގެ އިތުރުން ހަންނާނު އައެވެ. ކިރިޔާ ވެސް ދުރު މީހަކަށް ހުރީ ހަންނާނެވެ. ހޫރައިންގެ އާއިލާގެ ބައެއްކަމުގައި ހަސީނާވާއިރު ހަންނާނަކީ ޒެހެންގެ އާއިލާއާ އެ ފަދަ ގާތްކަމެއް އޮންނަ މީހެކެވެ.

"ޒެން. ހޫރް ގޮވައިގެން ކާން އިށީންނަންވީނު. އެކުއްޖާ ފެންފޮދެއްހާ ވަރު ވެސް ނުބޮއެ. ނުވެސް ކާން އެ އުޅެނީ." މިއުނާ ބުނެލިއެވެ.

"ތެދެއް. މާ ބޮޑަށް ޓަޔަޑްވީތަ؟. އަހަރެން ބަނޑުހައި. އެކަމް ހޫރް ނުކަންޏާ މަށެއް ވެސް ނުކާނަން." ޒެހެން ބުންޏެވެ.

"ޔޫކްއަށް ނިދެނީ." މޭޒެއްގައި ބޯޖަހައިގެން އޮތް ޔޫކަށް ބަލަން ހުރެ ހޫރައިން ބުނެލިއެވެ. އެތަނުގައި އާއިލާގެ ދެން އުޅޭ ކުޑަކުދީންތަ އަދިވެސް ފެންނަނީ ސަކަރާތުގައި އުޅޭތަނެވެ.

"ދެން ނުވާނެ ގިނައިރެއް. ކާލައިގެން ދާނީ. އޯކޭތަ؟." ޒެހެން ބުންޏެވެ. ހޫރައިން ހަމައެކަނި ބޯޖަހާލީއެވެ.

ހޫރައިންގެ ހަރަކާތްތަކަށް ހަންނާން ބަލަން ހުރީ މީ އޭނާއަށް އެ އަންހެންކުއްޖާ ފެނުނު ފުރަތަމަ ފަހަރަށްވީމައެވެ. އޭނާ މުނައްވަރުގެ ގާތުން ހޫރައިންއާ ބެހޭ ގޮތުން އޮޅުންފިލުވިއެވެ.

"ކިޔަމަންތެރި އަނތްބެއް ދޯ އެ ހޯދީ." ހަންނާނުގެ އަޑުގައިވީ ސަމާސާއެވެ.

"ހަންނާނު އަނެއްކާވެސް އާކޮށްލަން ވިސްނަނީތަ؟." މުނައްވަރު ދިމާކޮށްލިއެވެ. ނިކަން ހިނިއައިސްފަ ހަންނާނު ދެފަރާތަށް ބޯހޫރުވާލިއެވެ.

ކުޑަކޮށް ނަމަވެސް ހޫރައިން ކެއީމަ ޒެހެން އިނީ ހިތްހަމަޖެހިފައެވެ. މޭޒުދޮށުން ތެދުވަމުން ގޮނޑީގައި އަޅުވާފައި އޮތް އޭނާގެ ކޯޓު ނެގިއެވެ. އަދި އެ ހޫރައިންއަށް ދިއްކޮށްލާފައި އޭނާ އައިސް ސުމައްޔާގެ އަތުގައި އޮތް ޔޫކް އުރާލިއެވެ. އެވަގުތު އެކުއްޖާ ބޯހިއްލާލައި ބަލާލިއެވެ. ޒެހެންކަން އެނގުމުން ޒެންއޭ ގޮވާލައި އޭނާގެ ކައިރިއަށް ނިކަން ފަސޭހައިން ގޮސްފިއެވެ.

"ކާރުގަ ދަރިފުޅު ދާންވީނު." މިއުނާ ބުންޏެވެ.

"މަންމަމެން އާދޭ ކާރުގަ. އަހަރެމެން ޓެކްސީއެއްގަ ހިނގައިދާނަން. މިތާ އެބަހުއްޓެއްނު ގެންނަން ޖެހޭ އެއްޗެހި ވެސް. އަހަރެމެން ގެއަށް ގޮސް މަޑުކުރާނަން މަންމަމެން އަންނަންދެން." ޒެހެން މިހެން ބުނެ ހޫރައިންނަށް ބަލާލިއެވެ. އެއާއެކު އޭނާ ވެސް އެކަމާ އެއްބަސްވާކަން ބޮލުން ދައްކާލިއެވެ.

ސާރާއާއި ސުހާނާގެ އިތުރުން ޝާހީނާއާ ވަދާޢުގެ ސަލާމްކޮށްފައި ހޫރައިންގެ ދެމައިން ގޮވައިގެން ޒެހެން ނުކުތެވެ. މަގުމަތީ ޓެކްސީ އަންނަންދެން ދެމަފިރިން މަޑުކޮށްގެން ތިއްބެވެ. ދެމެދަށް ވެރިވެފައި އޮތީ ހިމޭންކަމެވެ. ގިނައިރެއްނުވެ ޓެކްސީ އައުމާއެކު ޒެހެން ކުރިއަށް ނުކުމެ ފަހަތު ދޮރުފަތް ހުޅުވާލިއެވެ. ހޫރައިންއަށް ބަލާލީ އަރާށޭ ބުނާފަދައިންނެވެ. އޭނާ އެރުމުން ޔޫކް ގޮވައިގެން ޒެހެން ވެސް އެރީ ފަހަތަށެވެ. އެމީހުން ދިރިއުޅޭން ހިފާފައި ހުރި އެޕާޓްމެންޓް ހުންނަ ގެއާ ހަމައަށް އާދެވުމާއެކު ޒެހެން އަރިއަކަށް ޖެހިލިއެވެ. ފަޓުލޫނުގެ ފަހަތު ޖީބުގައި ވޮލެޓު އޮންނާނޭ ޒެހެން ބުނެލިއެވެ. ހަރަކާތެއް ކުރަން ނޭނގިފައި ހޫރައިން އިނެވެ. ވޮލެޓު ނަގައިދޭން ޒެހެން ބުނެލިއެވެ. ހޫރައިން ދެ އިނގިލި ކުރީން ކަހަލަ ގޮތަކަށް ޖީބުގެ ތެރެއިން ވޮލެޓު ދަމައިގަތެވެ. އެ ހުޅުވާފައި ރުފިޔާ ނަގަން ވެސް ޒެހެން ބުނީ ހޫރައިން ގާތުގައެވެ. ފިރިމީހާ އެދުނު ފަދައިން ހޫރައިން ރުފިޔާ ނެގިއެވެ. ނަމަވެސް ޑްރައިވަރާ ރުފިޔާ ހަވާލުކުރީ ޒެހެންނެވެ. އޭނާ ކާރުން ފައިބާ ބަލާލަންވީއިރު ހޫރައިން އަނެއްފަރާތުން ފައިބައިފިއެވެ. ފަނޑު ހިނިތުންވުމެއް ޒެހެންގެ ތުންފަތުގައިވިއެވެ. ދޮރޯށިން ދެ މީހުން އެކުގައި ވަދެގެން އައިސް ލިފްޓަށް އެރިއެވެ.

"ޖީބުގަ އޮންނާނެ." ދޮރު ހުޅުވަން ތަޅުދަނޑި ނަގަން ޒެހެން އިޝާރާތް ކުރީ ހޫރައިންއަށެވެ. އޭނާ ޔޫކް އުރައިގެން ހުރުމުން އެކަން ކުރާން އުނދަގޫވަނީއޭ ހޫރައިން ހީކުރިއެވެ. ނަމަވެސް ޒެހެންގެ ގަސްދަކީ އެޔެއްނޫނެވެ.

"މާ އެތެރެއަށް އަތްނުލައްޗޭ." ފަޓުލޫނުގެ އަރިމަތީ ޖީބަށް ހޫރައިން އަތްލީ ވަގުތު ޒެހެން ބުނެލިއެވެ. ވަގުތުން ހޫރައިން އަތްދަމައިގަނެއްޖެއެވެ. ޒެހެން ބުނީމާ ވެސް އޭނާ ޖީބަށް އަތެއްނުލިއެވެ. އެހެންވެ އަމިއްލައަށް ޖީބުން ތަޅުދަނޑިފަތި އޭނާ ނެގިއެވެ. އެޕާޓްމެންޓްގެ ދޮރުހުޅުވިއިރު ޒެހެންގެ ތުންފަތުގައިވީ ހިނިތުންވުން މިފަހަރު ހޫރައިން ވެސް ދުށްޓެވެ.

މިއުނާއާއެކު ސުމައްޔާ އައިސް ފުރަތަމަ ވެސް ވަނީ ދަރީން ދިރިއުޅޭ އެޕާޓްމެންޓަށެވެ. ދިގު ސޯފާގެ ލެނގޭ ބައިގަ ދެއަތް ފުޅާކޮށްލައިގެން ކަނދުރާ ފަހަތަށް ދޫކޮށްލައިގެން ޒެހެން އިނެވެ. އޭނާ އިނީ ކައިވެނި ޙަފުލާއަށް ލައިގެން ހުރި އެއްޗެހީގައެވެ.

"ހޫރް ކޮބާ." ސުމައްޔާއަށް އަހާލެވުނެވެ.

"ޔޫކް ނިންދަވަނީ." ޒެހެން ބުނެލިއެވެ. އަދި ސޯފާގައި އިން ކަންނެތްގޮތް ބަދަލުކޮށްލައި ހަށިގަނޑު ސީދާކޮށްލިއެވެ.

"މަންމަމެން ކައިގެންތަ ތިބީ." ޒެހެން އަހާލިއެވެ.

"އާން. މި އެއްޗިއްސަށް ކިހިނެއް ހަދަންވީ." މިއުނާ އަހާލީ ޙަފުލާއިން އެމީހުން ގެނައި ހަދިޔާ ކޮތަޅުތަކަށް އިޝާރާތްކޮށެވެ.

"މާދަމާ ތިކަމާ އުޅޭނީ. މަންމަމެން ވެސް ދޭ ހަމަޖެހިލަން." ޒެހެން ބުންޏެވެ.

މިއުނާ ދާން ހިނގައިގަތުމުން ސުމައްޔާ ގަސްދުކުރީ މަޑުކުރާށެވެ. އޭނާ ދާނީ ހޫރައިންއާ ބައްދަލުކޮށްފައިކަން ބުންޏެވެ. މިއުނާ އަންނާނީ ފަހުންކަމުގައި ބުނެ އެ އެޕާޓްމެންޓްއިން ނުކުތީއެވެ. ސުމައްޔާ އައިސް ސޯފާއެއްގައި އިށީނެވެ. ޒެހެންގެ ވައަތްފަރާތުގައެވެ. އޭނާ މަޑުކުރީ ހަމައެކަނި ހޫރައިންއާ ބައްދަލުކުރާން އެކަންޏެއް ނޫނެވެ. ޒެހެންއާ ވެސް ދައްކަން ޖެހޭ މުހިންމު ވާހަކައެއް އޮތީމައެވެ. (ނުނިމޭ)