މިސްކިތް

ރޯދައަށް މިސްކިތްތަކުގައި ކެމެރާ ހަރުކޮށް ނިންމަނީ

ރޯދަ މަސް ފެށޭއިރު މާލެއާއި ވިލިމާލޭގެ މިސްކިތްތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިންމަން މާލެ ސިޓީ ކައުންސިލުން އަމާޒު ހިފައިފި އެވެ.

ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވާ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިސްކިތްތަކަކީ ރައްކާތެރި ތަންތަނަށް ހެދުމުގެ ގޮތުން ސީސީޓީވީ ހަރުކުރުމުގެ ގޮތުން އެ މަސައްކަތް ތިން ޕާޓީއަކާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ސީސީޓީވީ ކެމެރާ ހަރުކުރެވިގެންދާަ އިރު އެ ކެމެރާތައް ބަލަހައްޓަން މާލެ ސިޓީ ކައުންސިލްގެ އޮފީހުގައި ކޮންޓްރޯލް ރޫމެއް ހަދައި މޮނީޓާކުރަން 24 ގަޑިއިރު ތިބޭގޮތަށް މުވައްޒަފުން ވެސް ހަމަޖައްސާނެ ކަމަށެެވެ. އަދި ފުލުހުން ބޭނުންވެއްޖެނަމަ ސީސީޓީވީ ފުޓޭޖްތައް ދޭނެ ކަމަށް ވިދާޅުވި އެވެ.

"އުއްމީދުކުރަނީ ރަމަޟާން މަސް ފެށެންވާއިރަށް މަޝްރޫއު ގާތްގަނޑަކަށް ނިމޭނެ ކަމަށް. އޭރުން މާލެއާއި ވިލިމާލޭގައި ހުރި ހުރިހާ މިސްކިތެއްގެ ހުރިހާ ދިމާލެއް ކަވާވާ ގޮތަށް ގޮތަށް އެތެރެއާ ބޭރުގައި ހުންނާނީ ކެމެރާ ހަރުކުރެވިފައި. ނެޓްވޯކަކުން ގުޅާލެވިފައި." މުއިއްޒު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ ބޭނުންވަނީ ހުރިހާ މިސްކިތްތަަކަކީ ރައްކާުތެރި ތަންތަނަށް ހެދުމަށް ކަމަށާއި ސަރުކާރުން ބަޖެޓް ނުދޭނަމަ ސިޓީ ކައުންސިލަށް އާމްދަނީގެ ގޮތުގައި ލިބޭ އެއްޗަކުން މިސްކިތްތައް ބެލެހެއްޓުމަށް ހަރަދުކުރާނެ ކަމަށެވެ.

މިސްކިތްތައް މަރާމާތުކުރުމަށް އެކަށީގެންވާ ބަޖެޓެއް ސަރުކާރުން ނުދޭ ކަމަށް މުއިއްޒު މިއަދު ވެސް ވިދާޅުވި އެވެ. މިސްކިތްތަކުގެ މަރާމާތަށް ލިބުނީ އެންމެ އެއް މިލިއަން ރުފިޔާ ކަަމަށާއި ހުޅުމާލޭގެ އެންމެ ބޮޑު މިސްކިތް އެކަނި ވެސް އެފައިސާ އިން މަރާމާތު ނުކުރެވޭނެ ކަމުގައި ވިދާޅުވި އެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ކުރިން މަސައްކަތް ކުރީ އެންމެ ބޮޑަށް މަރާމާތުކުރަން ޖެހޭ މިސްކިތްތައް މަރާމާތުކުރުމަށް ކަމަށާއި ނަމަވެސް މިވަގުތު ހުރި ފައިސާ އިން ހުރިހާ މިސްކިތެއްގެ ހުރިހާ މަސައްކަތެއް ކުރުމަކީ މިވަގުތަށް ނާދިރު ކަމެއް ކަމަށެވެ. އެކަމަކު ބަޖެޓުގެ ތެރެއިންނާއި އެހެނިހެން ގޮތް ގޮތުން ސިޓީ ކައުންސިލަށް ލިބޭ އާމްދަނީގެ ތެރެއިން ކުރެވޭ ވަރަކަށް މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ހެޔޮ އެދޭ ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް އެދިވަޑައިގެންނެވި އެވެ.