ވޯޓްލާ މީހުންގެ 70 ޕަސެންޓް ނޫނެކޭ ބުނާ މީހަކަށް ވެރިކަމުގައި ނުހުރެވޭނެ ކަމަށް ވިދާޅުވެ ރިޔާސީ އިންތިހާބުގައި 30 ޕަސެންޓް ވޯޓް ލިބުނަސް ވެރިކަމަށް އާދެވޭ ގޮތަށް ރައީސް ނަޝީދު އިސްވެ ހުންނަވާ ގެންނަން މަސައްކަތް ކުރާ އިސްލާހަށް އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕްގެ ކުރީގެ މެންބަރު އިބްރާހިމް ދީދީ ދެކޮޅު ހައްދަވައިފި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރޭގެ ޖަލްސާގައި ނަޝީދު ވިދާޅުވީ އެންމެ ގިނަ ވޯޓް ލިބޭ ކެންޑިޑޭޓަށް ރިޔާސީ އިންތިހާބު ކާމިޔާބުވާ އުސޫލަށް ބަދަލުވާން ޖެހޭ ކަމަށެވެ.
ނަމަވެސް އެފަދަ އިން އަމަލު ކުރެވޭނީ 30 ޕަސެންޓަށް ވުރެ އިތުރަށް އެންމެ ގިނައިން ވޯޓް ހޯދާ ކެންޑިޑޭޓަކު ވޯޓް ހޯދައިފި ހާލަތެއްގައި ކަމަށް ވިދާޅުވިއެވެ. އެ އަދަދަށް އެއްވެސް ކެންޑިޑޭޓަށް ވޯޓް ނުލިބިއްޖެނަމަ އެންމެ ގިނަ ވޯޓް ލިބޭ ދެ ކެންޑިޑޭޓުން ދެވަނަ ބުރަކަށް ވާދަ ކުރަން ޖެހޭ ގޮތަށް ގާނޫނު އަސާސީގައި ލިޔުން މުހިންމު ކަމަަށެވެ.
ނަޝީދު ވިދާޅުވީ އެ އުސޫލަށް ގާނޫނު އަސާސީ ބަދަލު ކުރުން މުހިންމު ވަނީ އެމްޑީޕީން އަބަދަށް ވެރިކަމުގައި ތިބުމަށެވެ.
"އެންމެ ގިނަ ވޯޓް ލިބޭ ކެންޑިޑޭޓަށް ރިޔާސީ އިންތިހާބު ކާމިޔާބުވާ އުސޫލަށް އަޅުގަނޑުމެން ބަދަލުވުން. 'ޕަސްޓް ޕާސް ދަ ޕޯސްޓް' އަށް ރިޔާސީ އިންތިހާބުގައި އަޅުގަނޑުމެން ބަދަލުވުން. އެހެން ނަމަވެސް 30 ޕަސެންޓަށް ވުރެ ދަށްވެއްޖެނަމަ އަލުން އަނބުރާ އެންމެ ގިނަ ވޯޓް ލިބޭ ދެ ކެންޑިޑޭޓެއްގެ މެދުގައި ދެވަނަ ބުރެއް ބޭއްވުން. އެ އުސޫލަށް ގާނޫނު އަސާސީގައި ކަނޑައެޅުމަކީ ބޭނުންތެރި ކަމެއްގެ ގޮތުގައި އަޅުގަނޑަށް ޔަގީން ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ފާހަގަ ވާނެ. އަދި ރާއްޖޭގެ ހުރިހާ ރައްޔިތުން ހަރު އަޑުން އެމްޑީޕީގެ ވެރިކަމެއް މިރާއްޖޭގައި އަބަދަށްމެ އޮތުމަށް ކުރިއަށް އޮތް ފަސް އަހަރަށް އަދި އިތުރު ފަސް އަހަރަށްވެސް އޮތުމަށް އެ ގޮވަމުންދާ ގޮތުން އަޅުގަނޑުމެން ކަނުލާ އަޑުއަހަން ޖެހޭނެ،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދުގެ އެ ވިސްނުންފުޅާ ދެކޮޅުކަން ހާމަކުރައްވާ ދީދީ ވިދާޅުވީ ގާނޫނު އަސާސީގައި އޮތީ ވެރިކަމުގެ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާ އަދި އެ ބާރު ދެމި އޮންނާނީވެސް އެ ގޮތުގައި ކަމަށެވެ. 30 ޕަސެންޓް ރައްޔިތުންގެ ވޯޓަކީ މެޖޯރިޓީއެއް ނޫން ކަމަށް ވިދާޅުވިއެވެ.
"ތިރީސް ޕަސެންޓް އެއީ ރައްޔިތުންގެ މެޖޯރިޓީއެއް ނޫން، 70 ޕަސެންޓް ނޫނެކޭ ބުނާ މީހެއް ނޫން ވެރިކަމުގައި ހުންނަން ވާނީ،" ދީދީ ވިދާޅުވިއެވެ.