ރިޔާސީ އިންތިހާބުގައި 30 ޕަސެންޓް ވޯޓް ލިބުނަސް ވެރިކަމަށް އާދެވޭ ގޮތަށް ރައީސް ނަޝީދު އިސްވެ ހުންނަވާ ގާނޫނުއަސާސީއަށް ގެންނަން މަސައްކަތް ކުރައްވާ އިސްލާހަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނާއިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ފާޑުވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރޭ ގެ ޖަލްސާގައި ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ރަައްދު ދެއްވާ އުޝާމް ވިދާޅުވީ ތާއަބަދު އެމްޑީޕީ ވެރިކަމުގައި އޮންނަން ރައްޔިތުން އެދޭ ކަމަށް ނަޝީދު ވިދާޅުވާ ކަމަށެވެ. ނަމަވެސް އޭގެ ފަހަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ބޭނުންވާ އަދަދު 30 ޕަސެންޓަށް ދަށްކުރަން ޖެހޭ ކަމަށްވެސް ވިދާޅުވާ ކަމަށެވެ.
ނަޝީދުގެ ވާހަކަތައް ދެކޮޅު ނުޖެހޭ ކަމަށް ވިދާޅުވެ އުޝާމް ވަނީ ގިނަ ރައްޔިތުންގެ ތާއީދު އޮތް ކަމަށް ބެލޭނީ އެންމެ ކުޑަމިނުން 50 ޕަސެންޓްގެ ތާއީދު ލިބިގެން ކަމަށް ވިދާޅުވެފަ އެވެ.
"އެއްކޮޅުން މި ވިދާޅުވަނީ ގިނަ ރައްޔިތުން ބޭނުންވާ ކަމަށް ތާއަބަދު އެމްޑީޕީ ވެރިކަމުގައި އޮންނަން. ދެން މި ވިދާޅުވަނީ އިންތިހާބު ކާމިޔާބު ކުރުމަށް ބޭނުންވާ އަދަދު 30 ޕަސަންޓަށް ދަށް ކުރަން ޖެހޭ ކަމަށް. ގިނަ ރައްޔިތުންގެ ތާއީދު އޮތް ކަމަށް ބެލޭނީ އެންމެ ކުޑަމިނުން 50 ޕަސަންޓުގެ ތާއީދު ލިބިގެން،" އުޝާމް ވިދާޅުވި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރޭގެ ޖަލްސާގައި ނަޝީދު ވިދާޅުވީ އެންމެ ގިނަ ވޯޓް ލިބޭ ކެންޑިޑޭޓަށް ރިޔާސީ އިންތިހާބު ކާމިޔާބުވާ އުސޫލަށް ބަދަލުވާން ޖެހޭ ކަމަށެވެ.
ނަމަވެސް އެފަދަ އިން އަމަލު ކުރެވޭނީ 30 ޕަސެންޓަށް ވުރެ އިތުރަށް އެންމެ ގިނައިން ވޯޓް ހޯދާ ކެންޑިޑޭޓަކު ވޯޓް ހޯދައިފި ހާލަތެއްގައި ކަމަށް ވިދާޅުވި އެވެ. އެ އަދަދަށް އެއްވެސް ކެންޑިޑޭޓަކަށް ވޯޓް ނުލިބިއްޖެނަމަ އެންމެ ގިނަ ވޯޓް ލިބޭ ދެ ކެންޑިޑޭޓުން ދެވަނަ ބުރަކަށް ވާދަ ކުރަން ޖެހޭ ގޮތަށް ގާނޫނު އަސާސީގައި ލިޔުން މުހިންމު ކަމަަށެވެ.
ނަޝީދު ވިދާޅުވީ އެ އުސޫލަށް ގާނޫނުއަސާސީ ބަދަލު ކުރުން މުހިންމު ވަނީ އެމްޑީޕީން އަބަދަށް ވެރިކަމުގައި ތިބުމަށެވެ.
"އެންމެ ގިނަ ވޯޓް ލިބޭ ކެންޑިޑޭޓަށް ރިޔާސީ އިންތިހާބު ކާމިޔާބުވާ އުސޫލަށް އަޅުގަނޑުމެން ބަދަލުވުން. 'ޕަސްޓް ޕާސް ދަ ޕޯސްޓް' އަށް ރިޔާސީ އިންތިހާބުގައި އަޅުގަނޑުމެން ބަދަލުވުން. އެހެން ނަމަވެސް 30 ޕަސެންޓަށް ވުރެ ދަށްވެއްޖެނަމަ އަލުން އަނބުރާ އެންމެ ގިނަ ވޯޓް ލިބޭ ދެ ކެންޑިޑޭޓެއްގެ މެދުގައި ދެވަނަ ބުރެއް ބޭއްވުން. އެ އުސޫލަށް ގާނޫނު އަސާސީގައި ކަނޑައެޅުމަކީ ބޭނުންތެރި ކަމެއްގެ ގޮތުގައި އަޅުގަނޑަށް ޔަގީން ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ފާހަގަ ވާނެ. އަދި ރާއްޖޭގެ ހުރިހާ ރައްޔިތުން ހަރު އަޑުން އެމްޑީޕީގެ ވެރިކަމެއް މިރާއްޖޭގައި އަބަދަށްމެ އޮތުމަށް ކުރިއަށް އޮތް ފަސް އަހަރަށް އަދި އިތުރު ފަސް އަހަރަށްވެސް އޮތުމަށް އެ ގޮވަމުންދާ ގޮތުން އަޅުގަނޑުމެން ކަނުލާ އަޑުއަހަން ޖެހޭނެ،" ނަޝީދު ވިދާޅުވި އެވެ.