ސިވިލްސާވިސް ކޮމިޝަން

ލުއި ގޮތަކަށް ސިވިލް ސާވެންޓުންނަށް ގެދޮރު ހޯދައިދޭން ސަރުކާރަށް ހުށަހަޅައިފި

ލުއި ސްކީމެއްގެ ދަށުން ސިވިލް ސާވެންޓުންނަށް ގެދޮރުވެރިވެވޭނެ ގޮތް ހަމަޖައްސައިދިނުމަށް ސަރުކާރާއެކު މަޝްވަރާކުރަމުންދާ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފިއެވެ.

ސީއެސްސީގެ އާ ސްޓްރެޓެޖީކް ޕްލޭން އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވީ، ގިނަ ސިވިލް ސާވެންޓުންނަކީ ކުއްޔަށް އުޅޭ ބައެއް ކަމަށާއި ދުވަހުން ދުވަހަށް ސިވިލް ސާވެންޓުންގެ މުސާރަ ބޮޑުވަމުން ދިޔަ ނަމަވެސް، ތަންތަނުގެ ކުލި ދަނީ އުފުލެމުން ކަމަށެވެ.

"މިއީ ސިވިލް ސާވެންޓުން ކަންބޮޑުވާ ހިތް ނުތަނަވަސްވާ ކަމެއް، މިކަމަށް ހައްލެއް ހޯދައިދިނުމަށް ލުއި ސްކީމެއްގެ ދަށުން ގެދޮރުވެރިކުރެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށް ސަރުކާރާއެކު މަޝްވަރާ ދަނީ ކުރެވެމުން،" ޝަމީމް ވިދާޅުވިއެވެ. އެކަން ހާސިލުވާނެކަމުގެ އުއްމީދު ބޮޑުވެފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ސްޓްރެޓިޖިކް ޕްލޭން އެކުލަވާލައި އެ ޕްލޭންއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ، ސްޓްރެޓިޖިކް ޕްލޭންގައި މުވައްޒަފުން މަސައްކަތައް ޝައުގުވެރިކޮށް މުވައްޒަފުންގެ އަހުލާގު ރަނގަޅުކުރުމަށް އަމާޒުތަކެއް އެކުލަވާލާފައިވާނެ ކަމަށެވެ.

"މުވައްޒަފުން މަސައްކަތަށް ޝައުގުވެރިވާކަންކަން ތައާރަފްކުރުމާއި މުވައްޒަފުންގެ އަހުލާގު ރަނގަޅުކުރުމަށް އަމާޒުތަކެއް އެކުލަވާލާފައިވާނެ، މިކަންކަން ފުރިހަމަކުރުމަށް ސަރުކާރާއެކު މަސައްކަތްތައް ކުރެވިގެންދާނެ،" ޝަމީމް ވިދާޅުވިއެވެ.

މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް މަސައްކަތްކުރާނެކަން ފާހަގަކުރައްވަމުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ވިދާޅުވީ، މުވައްޒަފުންނަށް މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް ލޯނެއް ލިބިގެން ދިއުމަކީ މުހިންމު ކަމެއްކަމަށް ދެކޭތީ، ލޯނު ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އެކަމުގެ މަޝްވަރާތައް ދަނީ ކަމާބެހޭ ފަރާތްތަކާ ކުރަމުންނެވެ.

ވާޗުއަލް ދެ ކްލާސް ރޫމާއި ޑިޖިޓަލް ލައިބްރަރީއެއް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި ސިވިލް ސާވިސް ޓްރެއިން އިސްޓިޓިއުޓް އިތުރަށް ތަރައްގީކުރުމަށް އާ އިމާރާތެއް ގާއިމުކުރުމަށް ސަރުކާރާއެކު މަޝްވަރާކުރަމުންދާ ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.