ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު ގާނޫނު އަސާސީގައި ކަނޑައެޅުން މުހިންމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ މުހިންމު އިންތިހާބުތަކަށް ތާރީހު ކަނޑައެޅުމަށް ރޭ އޮތް އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގާނޫނު އަސާސީއަށް ގެންނަން ޖެހޭ ވަރަށް ގިނަ ބަދަލުތައް ފާހަގަވެފައިވާ ކަމަށް ވިދާޅުވެ އެކަންކަމާއި ގުޅޭ ނިންމުންތަކަށް އެމްޑީޕީގެ ކޮންގްރެސްއެއް މުހިންމު ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ ގާނޫނު އަސާސީއަށް ގެންނަން ފެނިވަޑައިގަންނަވާ މުހިންމު ބަދަލުތަކުގެ ތެރޭގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލު ކުރުން ހިމެނޭ ކަމަށެވެ.
އަދި މިނިވަން މުއައްސަސާތައް އެކުލެވިގެންވާ ގޮތަށް ބަދަލު ގެނައުމާއި އެ މުއައްސަސާތަކުގެ އަދަދާއިމެދުވެސް ގޮތްތަކެއް ނިންމަން ޖެހޭ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވައެވެ.
ދެން ވިދާޅުވީ ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު ގާނޫނު އަސާސީގައި ކަނޑައެޅުން މުހިންމު ކަމަށެވެ. ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު އާންމު ގާނޫނަކުން ފަނޑިޔާރުންގެ އަދަދު ބަދަލުކުރުމަށް ފުރުސަތު އޮތުން ރަނގަޅު ނޫން ކަމަށްވެސް ވިދާޅުވިއެވެ.
"ސުޕްރީމް ކޯޓްގެ އަދަދު ގާނޫނު އަސާސީގައި ކަނޑައެޅުން އެބަ މުހިންމުވޭ. ކޮންމެ ފަހަރަކު ސަރުކާރު ބަދަލުވެގެން ސުޕްރީމް ކޯޓްގެ އަދަދު އާންމު ގާނޫނަކުން ބަދަލުވެގެން ދިއުން އެއީ ޝަރީއަތަށް އަދި އިންސާފަށް ކުރާ ބޮޑު އަސަރެއްގެ ގޮތުގައި އަޅުގަނޑަށް ޔަގީން ހުރިހާ ބޭފުޅުންވެސް ގަބޫލުކުރައްވާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު މިހާރު ކަނޑައަޅާފައިވަނީ ކޯޓުތަކުގެ ގާނޫނުގައެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރުމަށް ހުށައަޅާ އެ ގޮތަށް ފާސްކުރިއެވެ. ނަމަވެސް އެ ހުށައެޅުން މަޖިލީހަށް ހުށައެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) އެވެ.
ޝަރީފްގެ އެ އިސްލާހު ދިރާސާ ކުރުމަށް ފަހު މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ގެނައި ބަދަލުތަކާ އެކު އެ އިސްލާހު ފާސްކޮށްފައިވަނީ ޑިސެންބަރު 10، 2014 ގައި 46 މެމްބަރުންގެ ވޯޓުންނެވެ. އެ ބިލާ ދެކޮޅަށް 19 މެމްބަރަކު ވޯޓު ދެއްވިއިރު ވަކި ކޮޅަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވި އެވެ.
އެ އިސްލާހު ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރަކު ނަމަވެސް އެމްޑީޕީގެ ގިނަ މެމްބަރުން އެ ބިލަށް ވޯޓު ދީފައެއް ނުވެ އެވެ. ޖުމްހޫރީ ޕާޓީން ވެސް އެ ބިލަށް ތާއީދުކޮށްފައެއް ނުވެއެވެ.
މަޖިލީހުގެ އެ ނިންމުމާއެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމުގެ ގޮތުން އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނާއި އެ ކޯޓުގެ އޭރުގެ ފަނޑިޔާރު އަދި މިހާރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ޑިސެންބަރު 14، 2014 ގައި ވަނީ ނިންމާފައެވެ.
ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އެ ދެ ބޭފުޅުން ވަކިކުރަން ފާސްކުރީ އެ ދުވަހު މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވެ، 75 މެމްބަރުންގެ ތެރެއިން 53 މެމްބަރަކު އެ ދެބޭފުޅުން ވަކި ކުރަން ވޯޓު ދެއްވުމުންނެވެ. އަދި އެކަމާ ދެކޮޅަށް 21 މެމްބަރަކު ވޯޓު ދެއްވި އިރު އެއް ބޭފުޅަކު އެއްވެސް ކޮޅަކަށް ނުޖެހި އިންނެވި އެވެ.
ފަނޑިޔާރުން މަގާމުން ވަކި ކުރެވޭނީ އެ ވަގުތު ޖަލްސާއަށް ހާޒިރުވެ ތިއްބެވި، ތިން ބައިކުޅަ ދެބައިގެ މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރުމުގެ ގޮތުން އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުން ބާތިލްކުރަން އެމްޑީޕީ ސިވިލް ކޯޓަށް އޭރު މައްސަލަވެސް ހުށަހެޅި އެވެ.
އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ޑިސެންބަރު 14، 2014 ވަނަ ދުވަހުގެ ރޭ 8:30 ގައި ބާއްވަން ކުޑަތަންވެފައި ވަނިކޮށް ސުޕްރީމް ކޯޓުން ވަނީ ރިޓް އޮފް ޕްރޮހިބިޝަން އެއް ނެރެފައެވެ. އެ ރިޓްގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރަންޖެހޭ ގޮތަށް ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ސިވިލް ކޯޓަށް އެއްވެސް މައްސަލައެއް ހުށަހެޅިފައިވާ ނަމަ އެ މައްސަލައަކާ ގުޅޭގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށާއި އެ މައްސަލައެއްގެ ފައިލް ސުޕްރީމް ކޯޓަށް ފޮނުވުމަށެވެ. އަދި އެ މައްސަލައާ ގުޅިގެން އެއްވެސް ފިޔަވަޅެއް އަޅާފައިވާ ނަމަ އެ ފިޔަވަޅެއް ވަގުތުން ބާތިލް ކުރުމަށް ވެސް އެ ކޯޓުގެ އޭރުގެ ރެޖިސްޓްރާ މަރިޔަމް ޝަމްއާ އިސްމާއިލް ސޮއި ކުރައްވާ ނެރެފައިވާ އެ ރިޓްގައިވެ އެވެ.
އެގޮތަށް ސުޕްރީމް ކޯޓުން އެންގުމާ ގުޅިގެން އެ މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށް ސިވިލް ކޯޓުން ހަމަ އެ ރޭ ވަނީ ނިންމައިފަ އެވެ. އެގޮތަށް ސުޕްރީމް ކޯޓުން އެންގިއިރު އުއްތަމަ ފަނޑިޔާރު ކަމަށް ބޭފުޅަކު އައްޔަންކުރަން ކުރާ މަސައްކަތް ހުއްޓުވުމުގެ އަމުރަކަށް ވެސް އެމްޑީޕީން އޮތީ ސިވިލް ކޯޓުގައި އެދިފަ އެވެ.