ދުނިޔެ

ރަޝިއާގައި ޕީސީއާރު ނުހެދީ ޑީއެންއޭ އަތުލާނެ ކަމަށް ބިރުން: މެކްރޮން

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން މިދިއަ ހޯމަ ދުވަހު ރަޝިއާއަށް ވަޑައިގެންނެވި އެވެ. އެއީ ރަޝީއާގެ ރައީސް ލަޑިމިއަރު ޕޫޓިންއާ ބައްދަލު ކުރައްވައި ޔުކްރޭނާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށެވެ.

މެކްރޮން ރަޝިއާއަށް ވަޑައިގެން ކޮވިޑް ޓެސްޓް ކުރަން -- ޕީސީއާރު ހެދުމަށް ދެންނެވުމުން އެކަމަށް އިންކާރު ކުރެއްވި ކަމަށް ރޮޢިޓާސް ބުނެފައި ވެއެވެ.

ރޮއިޓާސް ބުނި ގޮތުން މެކްރޮންއަށް ދެގޮތެއް އިޚުތިޔާރު ކުރެއްވުމަށް ދެންނެވުނެވެ. އެއީ ޕީސީއާރު ޓެސްޓް ކުރުން ނުވަތަ ޕޫޓިންއާ ބަައްދަލު ކުރައްވާއިރު ގާތްދުރުކަން ދެމެހެއްޓެވުމެވެ. މެކްރޮން އީޚްތިޔާރު ކުރެއްވީ ގާތް ދުރުކަން ދެމެހެއްޓެވުން ކަމަށް ނޫސް އޭޖޭންސީ ބުނެ އެވެ.

ޚަބަރުތައް ބުނާ ގޮތުން ރަޝިއާގައި މެކްރޮން ޕީސީއާރު ނުހެއްދެވީ ރަޝިއާ ޑޮކްޓަރުން އޭނާގެ ޑީއެންއޭ އަތުލައިގެންފާނެ ކަމަށް ބިރުފުޅުންނެވެ.

މެކްރޮންއާ ޕޫޓިން ބައްދަލު ކުރައްވައި މަޝްވަރާ ކުރެއްވިއިރު ދެ ލީޑަރުން ތިއްބަވާތަން ފެންނަނީ ވަރަށް ދިގު މޭޒެއްގެ ދެކޮޅުގަ އެވެ. އެއީ ހަތަރު މީޓަރު، ގާތްގަނޑަކަށް 13 ފޫޓޫ ދިގު މޭޒެއް ކަމަށް ބުނެވެ އެވެ.

ދެ ލީޑަރުން އެހާ ދުރުގައި ތިއްބެވި ސަބަބާ ބެހޭ ގޮތުން މީޑިއާގައި އަދި ސޯޝަލް ނެޓްވޯކްތަކުގައި ބަހުސްކޮށްފައި ވަނީ އެއީ ހަގީގަތުގައި ވެސް ރަޝިއާ އާއި ފްރާންސާ ގުޅުން ކެނޑިފައި އޮތް މިންވަރު ކަމަށް ބުނެ އެވެ.

ފްރާންސް ދެކެ ޕޫޓިން ހިތްޕުޅު ހަމަޖެހި ވަޑައި ނުގެން މެކްރޮންއާ ސަމާލް ކުރައްވަން ބޭނުންފުޅުވެ ވަޑައިނުގަތީ ކަމަށް ވެސް ބުނެވުނެވެ.

އެހެން ނަމަވެސް ކަން ހިނގައި ދިޔައީ އެހެން ނޫންކަން މިހާރު މިއޮތީ ސާފުވެފަ އެވެ. އެއީ މެކްރޮން ކޮވިޑަށް ޓެސްޓް ކުރައްވާފައި ނުވާތީ ޕޫޓިންއާ ގާތްވެ ސަލާމް ކުރައްވަން މެކްރޮންއަށް ފުރުސަތު ލިބިވަޑައި ނުގަތީ އެވެ.

ދެލީޑަރުންގެ ބައްދަލު ކުރެއްވުން ފަސްގަޑިއިރަށް ދިގު ދެމިގެން ދިޔަ ކަމަށް ރޮއިޓާސް ބުނެ އެވެ. އެހެން ނަމަވެސް ޔުކްރޭން މައްސަލާގައި މެކްރޮން ހާސިލު ކުރައްވަން އުންމީދު ކުރެއްވި ވަރަށް އެއްވެސް ކަމެއް ނުވާ ކަމަށް ބުނެވެ އެވެ.

މެކްރޮން ވިދާޅުވި ގޮތުގައި ޔުކްރޭނާ ހަނގުރާމަ ކުރުމަކީ ޕޫޓިން އެދިވަޑައިގަންނަވާ ގޮތެއް ނޫނެވެ. ރަޝިއާގެ ރައްކާތެރިކަން ކަށަވަރުވުމުން މަޝްރަހު އޮމާންވެ ހަމަޖެހިދާނެ ކަމަށް ޕޫޓިން ވިދާޅުވި ކަމަށް މެކްރޮން ވިދާޅުވި އެވެ.