ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީން ތައުޒިޔާ ޗައިނާ އާއި އިންޑޮނޭޝިއާގެ ރައީސުންނަށް

‏ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ޗައިނާގެ ރައީސް ޝީ ޖިންޕިން އަދި އިންޑޮނީޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯއަށް ތައުޒިޔާގެ މެސެޖެއް ފޮނުވައިފި އެެވެ.

ޗައިނާގެ ރައީސްއަށް ތައުޒިޔާގެ މެސެޖެއް ފޮނުވާފައިވަނީ، ޗައިނާގެ ޝެންޒެން ސަރަޙައްދަށް ދިމާވި ހިތާމަވެރި ކިސަޑު ފޭބުމުގެ ހާދިސާއާ ގުޅިގެން އެތައް ބަޔަކު ޒަހަމްވެ އަދިވެސް ގިނަ ބަޔަކު ގެއްލިފައިވުމާ ގުޅިގެން، އެކަމުގެ ހިތާމައިގަ އެވެ.

އިންޑޮނޭޝިއާގެ ރައީސްއަށް ތައުޒިޔާގެ މެސެޖް ފޮނުވާފައިވަނީ އިންޑޮނީޝިއާގެ ސުލަވެސި ޕްރޮވިންސްގައި ހިނގި ފެރީ ބަންޑުންޖަހާލުމުގެ ހިތާމަވެރި ހާދިސާގައި، ‏އެތައް ބަޔަކު މަރުވެ، އެތައް ބަޔަކަށް އަނިޔާވުމާ ގުޅިގެން، އެކަމުގެ ހިތާމައިގަ އެވެ.

ޗައިނާގެ ރައީސްއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ޗައިނާގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިހުލާސްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މި ހާދިސާގެ ސަބަބުން ދިމާވި ގެއްލުންތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތްތައް ކާމިޔާބު ވާނެކަމަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައިވެއެވެ. އަދި މިމަސައްކަތްތަކުގައި އެގައުމުގެ ރައްޔިތުން ދައްކަމުން ގެންދާ އެއްބައިވަންތަކަމާއި ހިތްވަރު ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑޮނޭޝިއާގެ ރައީސްއަށް ފޮނުއްވި މެސެޖުގައި، އިންޑޮނީޝިއާގެ ސުލަވެސި ޕްރޮވިންސްގައި ހިނގި ފެރީ ބަންޑުންޖަހާލުމުގެ ހާދިސާގެ ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާއެކު ކަމުގައި ވިދާޅުވެފައިވެއެވެ. އަދި މި ހާދިސާގެ ވީނުވީއެއް ނޭނގި ގެއްލިފާވާ މީހުން ހޯދުމުގެ މަސައްކަތަށް ކާމިޔާބު ދެއްވައި ވިހާވެސް ގިނަ ބަޔަކު ސަލާމަތްކުރެއްވުމަށް އެމަނިކުފާނާއި ރާއްޖޭގެ ރައްޔިތުން އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މި ހިތާމައިގައި އެމަނިކުފާނާއި ރާއްޖޭގެ ރައްޔިތުންގެ ފަރާތުން އިންޑޮނީޝިއާގެ ރައީސަށާއި، އިންޑޮނީޝިއާގެ ސަރުކާރަށާއި، ރައްޔިތުންނަށް ވަރަށް އިހުލާޞްތެރިކަމާއެކު ހަމްދަރުދީ ވިދާޅުވެފައިވެއެވެ. އަދި މި ހާދިސާގެ ސަބަބުން ދިމާވި ގެއްލުންތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތްތަކުގައި އެގައުމުގެ ރައްޔިތުން ދައްކަމުން ގެންދާ އެއްބައިވަންތަކަމާއި ހިތްވަރު ފާހަގަކުރައްވައި، އެ މަސައްކަތް ކާމިޔާބު ވާނެކަމަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައިވެއެވެ.

މިމެސެޖުގައި، މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ރައްދުކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވެއެވެ.