ބަޔަކު ފައިސާ ދީގެން ރައީސް އަބްދުﷲ ޔާމީނަށް ހަމަލާދީ އަވަހާރަކޮށްލަން އުޅުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައިވާ ސްރީލަންކާ "ސްނައިޕަރު" ލަހިރޫ މަދުޝަންކާގެ ގާނޫނީ ވަކީލު އަންނަ ހަފްތާގައި ރާއްޖެ އަންނަން ހަމަޖެހިއްޖެ އެވެ.
މަދުޝަންކާގެ ގާނޫނީ ވަކީލު އަންނަ ހަފްތާތެރޭގައި ރާއްޖެ އަންނަން ހަމަޖެހިފައިވާއިރު ރައީސް އަވަހާރަ ކޮށްލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި އޭނާ ހައްޔަރު ކުރުމަށް ފަހު ވަނީ އިތުރު ހަތަރު ފަހަރަށް ބަނދުގެ މައްދަތު އިތުރުކޮށްފައެވެ.
ލަންކާގެ އެންމެ ބޮޑު އެއްނޫހެއް ކަމަށްވާ ސަންޑޭ ޓައިމްސް އަށް މަދުޝަންކަ ގާނޫނީ ވަކީލު ޝަބްދިކާ ވެލާމްޕިލް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މީގެ ކުރިންވެސް ޓުވަރިސްޓު ވިސާގައި މަދުޝަންކަގެ މައްސަލަ ބެލުމަށްޓަކައި ރާއްޖެ އައިސްފައިވާނެ ކަމަށާއި އަދި ނަމަވެސް ޓުވަރިސްޓު ވިސާގައި މިމައްސަލަތެރެއަށް ބޮޑަށް ވަނުމަށް ހުރި ފުރުސަތުތަށް މަދު ވުމުން އެމައްސަލަ ނުބެލޭ ކަމަށެވެ.
"އެހެން ނަމަވެސް މިހާރު ފޮރިން މިނިސްޓްރީ އިން ވަނީ ބިސްނަސް ވިސާގައި ރާއްޖެ ގޮސް މިމައްސަލާގައި މަދުޝަންކައަށް ގާނޫނީ ގޮތުން ކުރެވެން ހުރި މަސައްކަތްތައް ކުރުމަށް ފުރުސަތުދޭނެ ކަމަށް ވައުދުވެފަ. އެހެން ކަމުން އަންނަ ހަފްތާގައި އަޅުގަނޑު ރާއްޖެ އަންނާނަން،" ޝަބްދިކާ ވެލާމްޕިލް ވިދާޅުވި އެވެ.
ލޯޔަރު ވިދާޅުވީ ލަންކާގެ ޑިފެންސް މިނިސްޓްރީ އިން މިހާތަނަށް ބެލިބެލުމުން މަދުޝަންކާގެ އެއްވެސް ކްރިމިނަލް ރިކޯޑެއް ލިބިފައި ނުވާ ކަމަށާއި އަދި އޭނަ އަކީ އެއްވެސް އަސްކަރީ ނުވަތަ ލަންކާ ފުލުހުންގެ އިދާރާއެއްގައި މަސައްކަތް ކޮށްފައިވާ މީހެއް ކަމަށް ފެންނާކަށް ނެތް ކަމަށެވެ.
ނަމަވެސް ރާއްޖޭގެ ފުލުހުން ބުނެފައި ވަނީ މަދުޝަންކައަކީ ރައީސް ޔާމީން އަވަހާރަކޮށްލަން އުޅުނު މީހެއް ކަމަށާއި އޭނާ އަކީ ދުރުގައި ހުރެ އަމާޒަށް ބަޑި ޖެހުމުގެ ތަމްރީން ލިބިފައިވާ ސްނައިޕަރެއް ކަމަށެވެ. އަދި އޭނާ ހައްޔަރު ކުރީ ދިރާގުގެ މައި އިމާރާތުގައި ގާނޫނާ ހިލާފަށް ބައެއް އަމަލު ކުރަން އުޅުމުގެ ތެރޭގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައިގައި ލަހިރު މަދުޝަންކާގެ އާއިލާ އިން ވަނީ އޭނާގެ މައްޗައް ކުރެވޭ ތުހުމަތުތައް ދޮގުކޮށް އޭނާއަކީ ހިކިމަސް ވިއްކުމަށް ރާއްޖެ އައި މީހެއް ކަމަށް ބުނެފަ އެވެ. އަދި ބުނީ ލަހިރުގެ ހިކިމަސް ވިއްކުމަށް އެޖަންޓާއި ބައްދަލުވުމުގެ ކުރިން ފުލުހުން އޭނާ ހައްޔަރު ކުރީ ކަމަށެވެ.