ޑރ. މުހައްމަދު މުއިއްޒު

މަގު ހެދުން ހުއްޓުވި ސަބަބު ހާމަކުރަން ގޮވާލައްވައިފި

Feb 12, 2022
3

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްފައިވާ މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު ހުއްޓުވާފައި އޮތް ސަބަބު ރައްޔިތުންނަށް ހާމަކޮށްދިނުމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ސަރުކާރަށް ގޮވާލައިފި އެވެ.

މާލެ ސިޓީ ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ ނިމިދިޔަ ކައުންސިލުން ކަމަށެވެ. މިހާރު އޮތް ކައުންސިލުން މަގު ހެދުމުގެ ކުރީގެ ޕްލޭނަށް ބައެއް ބަދަލުތައް ގެނައި ނަމަވެސް މަސައްކަތް އެ ބަދަލާ އެކު ނިންމާލެވުނީ އެންމެ މަގެއްގެ މަސައްކަތް ކަމަށެވެ. އެއީ ހެންވޭރު އަވަށުގެ ރޯޝަނީ މަގެވެ.

އޭގެފަހުން އެ މަސައްކަތް ކުރިއަށް ނުދަނީ މަޝްރޫއު ސަރުކާރުން ހުއްޓުވާފައި ވާތީ ކަމަށް މުއިއްޒު ފާހަގަކުރެއްވި އެވެ. އަދި އެގޮތަށް ސަރުކާރުން އަމަލުކުރި ސަބަބު ހާމަކޮށްދިނުމަށް ތަކުރާރުކޮށް ގޮވާލެއްވި އެވެ.

"ތިންމަސް ވެއްޖެ ބަޖެޓު ހިފަހައްޓާފައި އޮންނަތާ. ޕްލޭނިން މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީއާ ދޭތެރޭގައި އަޅުގަނޑުމެންގެ މުވައްޒަފުން ގޮސް އާދޭސްކުރާތާ ތިންމަސް ވެއްޖެ،" މޭޔަރު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މާލޭގެ މަގުތައް ހެދުމުގެ މަސައްކަތަކީ އެކަމަށް ބަޖެޓް ވެސް ކަނޑައަޅާފައި އޮތް މަޝްރޫއެއް ކަމަށެވެ. އެހެންކަމުން ސަރުކާރުގައި އާދޭސް ނުކުރި ނަަމަވެސް އެކަމަށް ބޭނުންވާ ބަޖެޓު ދޫކޮށް މާލޭގެ ރައްޔިތުންނަށް ފަސޭހަ މަގުތަކެއް ލިބޭނެ ގޮތް ސަރުކާރުން ހަދައިދޭންޖެހޭ ކަމަށެވެ.

މަގުތައް ހެދުމުގެ މަސައްކަތް ފެށޭތޯ ވަރަށް ގިނަ ގޮތްގޮތަށް ސަރުކާރާ ވާހަކަދެއްކިއްޖެ ކަމުގައިވެސް މުއިއްޒު ވިދާޅުވި އެވެ. ނަމަވެސް މަސައްކަތް ކުރިއަށް ނުދާތީ އެގޮތަށް އަމަލުކޮށްގެން ސަރުކާރަށް ލިބެނީ ކޮން ފައިދާއެއްތޯ ވެސް މުއިއްޒު ސުވާލު އުފެއްދެވި އެވެ. އާރްޑީސީ އަކީ ވިޔަފާރި ކުންފުންޏަކަށް ވާތީ އެ ކުންފުންޏަށް ވެސް ފައިދާ ހޯދޭނީ މަަސައްކަތް ކުރަން ފުރުސަތު ދީގެން ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

"އަމީނީމަގު ކަހަލަ ބޮޑެތި މަގުތަކުގައި ތާރުއެޅުމުން ރައްޔިތުންނަށް ލިބޭނެ އެތައް ފައިދާއެއް ހުންނާނެ. އެކަމަކު އެއްވެސް ސަބަބެއް ބުނެ ނުދީ ބަޖެޓް އެވަނީ ހިފަހައްޓާފައި،" މުއިއްޒު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ މިހާރު މިއޮތް މާލެ ސިޓީ ކައުންސިލްގައި ތިއްބެވި ކައުންސިލަރުންނާއި މުވައްޒަފުންނަކީ ސީދާ ނަތީޖާ ނެރުމަށް މަސައްކަތް ކުރާ ކައުންސިލެއް ކަމަށެވެ. އެހެންކަމުން ކައުންސިލުން ކުރާ މަސައްކަތްތަކަށް ހުރަސް ނޭޅުމަށް މުއިއްޒު، ސަރުކާރަށް ގޮވާލެއްވި އެވެ.

މާލޭގެ މަގުތައް ހެދުމުގެ ދެވަނަ ބައިގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރީ މިދިޔަ އަހަރު އެެވެ. އާރްޑީސީއާ ހަވާލުކުރީ މާލޭގެ 105 މަގެއް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

ނިމިގެން ދިޔަ ސަރުކާރުގައި މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު މާލޭގެ މަޖިދީ މަގާއި އަމީނީ މަގުގެ ބައެއް ހެދުމުގެ އިތުރުން ރިންގް ރޯޑުގެ ބައެއް މަސައްކަތްތައް ނިންމާފައިވެ އެވެ.