ހަބަރު

ކަންބޮޑުވުމެއް ވެސް ނެތް، ނުރައްކަލެއް ވެސް ނެތް: ޗީފް އޮފް ޑިފެންސް ފޯސް

Jan 19, 2015
2

ޑިފެންސް މިނިސްޓަރު، މުހައްމަދު ނާޒިމާ މެދު ކުރެވޭ ތުހުމަތުތަކާ މެދު ކަންބޮޑުވުމެއް ނެތް ކަމަށާއި ގައުމަށް ނުރައްކަލެއް ނެތް ކަމަށް ޗީފް އޮފް ޑިފެންސްފޯސް، މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ގަވާއިދާ ހިލާފަށް ހަތިޔާރާއި ގޮވާތަކެތި އަދި ޓެރަރިޒަމްގެ އަމަލުތައް ހިންގަން އުޅޭ ކަމުގެ ތުހުމަތުގައި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓް ފުލުހުން ފާސްކޮށްފައި ވަނިކޮށް، "އަވަސް" އިން މިއަދު ދެންނެވި ސުވާލެއްގެ ޖަވާބުގައި ޝިޔާމް ވިދާޅުވީ ޑިފެންސް މިނިސްޓަރާ މެދު މިހާރު މިދެކެވޭ ވާހަކަތަކާ ގުޅޭ ގޮތުން އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށެވެ. އަދި އެއީ ކީއްވެގެންތޯ ދެންނެވުމުން، ވިދާޅުވީ ގައުމުގެ ސަލާމަތަށް ނުރައްކާ ވާފަދަ ކަމެއް ސިފައިންނަށް މިހާތަނަށް ފާހަގަވެފައި ނެތް ކަމަށެވެ. ޗީފް އޮފް ޑިފެންސްފޯސް ވިދާޅުވި ގޮތުގައި ގައުމަށް ކަންބޮޑުވާން ޖެހޭ ކަމެއް ކުރިމަތިވެފައެއް ނުވެ އެވެ. ގައުމުގެ ހާލަތު އޮތީ ސްޓޭބަލް ކޮށް ކަމަށް ވެސް ވިދާޅުވި އެވެ.

"އާދެ! މިކަމުގައި [މިހާރު ދިމާވެގެން އުޅޭ ކަންކަމާ ގުޅިގެން] އެއްވެސް ތްރެޓެއް އަޅުގަނޑުމެންނަށް ފާހަގަވެފައެއް ނެތް،" ޝިޔާމް ވިދާޅުވި އެވެ.

ރައީސް މިއަދުގެ ވަގުތެއްގައި ފުލުހުންގެ މައި އިދާރާ ހުސެން އާދަމް ބިލްޑިންގަށް ވަޑައިގެން، ކޮމިޝަނަރު ހުސެން ވަހީދާ ވެސް ވަނީ ބައްދަލު ކުރައްވައިފަ އެވެ. އަދި ސިފައިންގެ މައި މަރުކަޒުގައި ޗީފް އޮފް ޑިފެންސް ފޯސް ޝިޔާމާ ވެސް ރައީސް ބައްދަލު ކުރެއްވި ކަމަށް ވަނީ އަޑުތައް ފެތުރިފަ އެވެ.

އެކަން ދޮގު ކުރައްވަމުން ޝިޔާމް ވިދާޅުވީ ރައީސް މިއަދު އޭނާއާ ބައްދަލު ނުކުރައްވާ ކަމަށެވެ. ނަމަވެސް އާދައިގެ މަތިން ކަންތައްތަކުގައި، މުއާމަލާތް ކުރެވޭ ގޮތަށް ރައީސްއާ، މިއަދުވެސް "ކޮމިޔުނިކޭޓް" ކުރެވުނު ކަމަށް ޝިޔާމް ވިދާޅުވި އެވެ. އެކަމުގައި އެއީ އާދަޔާ ހިލާފަށް ހިނގި ކަމެއް ނޫން ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

"ނޯމަލް ކޮމިޔުނިކޭޝަން ނޫން އެހެން ކަމެއް މިއަދުވެސް ނުހިނގާ،" ޝިޔާމް ވިދާޅުވި އެވެ.

ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓުން ފިސްތޯލު ވެސް ފެނިފައިވާ ކަމަށް އަޑުފެތުރިފައިވީ ނަމަވެސް، ސަރުކާރުން ބުނެފައި ވަނީ ނާޒިމް އާ މެދު ރައީސްގެ އިތުބާރު އެބަ އޮތް ކަމަށެވެ. އަދި ނާޒިމް ވެސް ވިދާޅުވެފައި ވަނީ އެ ރޭގެ ކަންކަމާ ގުޅިގެން، "އެއްވެސް ނުތަނަވަސް ކަމެއް އަދި ހިތްބުރަކަމެއް އޭނާގެ ނެތް" ކަމަށެވެ. އަދިވެސް ދެމި މި ހުރީ ރައީސް އާއި މި ގައުމުގެ ހިދުމަތުގައި ކަމަށް ވެސް ނާޒިމް ވަނީ ވިދާޅުވެފަ އެވެ.

އެރޭގެ ކަންތައްތަކާ ގުޅޭ ގޮތުން ފުލުހުން ބުނެފައި ވަނީ ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓަށް ވަތް އިރު އެއީ ނާޒިމްގެ އެޕާޓްމަންޓްކަން އެނގިފައި ނެތް ކަމަށެވެ. އަދި އެކަން އެނގުނު ހިސާބުން ފެށިގެން ނާޒިމަށް ގަދަރާއި އިހުތިރާމް ދިން ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް އެނގެއިން ތަހުގީގަށް ބޭނުންވާ ހެކިތައް ހޯދައި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ. ނަމަވެސް އެއީ ކޮން މައްސަލައެއްކަން ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.