ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރުކުރަން އަމުރުކޮށްފި އެވެ.
ޖާބިރު އަވަސް އަށް މިއަދު ވިދާޅުވީ އޭނާ ހައްޔަރު ކޮށްގެން ކޯޓަށް ގެންދަން އަމުރެއް ނެރެފައިވާ ކަމަށެވެ. އެކަމަކު އޭނާ ހުންނެވީ މާލޭގައި ކަމަށްވެފައި ކޯޓަށް ހާޒިރުވާން އެންގުުމުން ކޯޓަށް ވަޑައިގަންނަވާ ގޮތަށް ހުންނެވުމުން ހައްޔަރު ކޮށްގެން ކޯޓަށް ގެންދަން ޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވި އެވެ.
ސިވިލް ކޯޓަށް ޖާބިރު ހާޒިރުކުރަނީ މާދަމާ ހެނދުނު 11:45 ގައެވެ.
ޖާބިރު ވިދާޅުވީ އޭނާ ސިވިލް ކޯޓަށް ހާޒިރު ކުރަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޑީއާރްޕީގެ ޒައީމަކަށް ހުންނެވި ދުވަސްވަރު އެމްޓީސީސީ އުޅަނދުތަކެއްގައި ޑީއާރްޕީގެ ދަތުރުތަކެއް ކުރައްވައި ފައިސާ ނުދައްކަވާތީ އާއި ޑީއާރްޕީގެ ލީޑަރަކަށް މިއަދު ހުންނެވީ ޖާބިރު ކަމަށްވާތީ އެ ހަރަދުތަކަށް އޭނާ ޒިންމާވާން ޖެހޭ ކަމަށް ބަލައިގެން ކަމަށެވެ.
"ޑީއާރްޕީ އަކީ ވިޔަފާރި ކުންފުންްޏެއް ނޫން. ޑީއާރްޕީގެ ރިސޯޓެއް ވެސް ނެތް. ދެން ޑީއާރްޕީން އެ ބުނާ ފައިސާ ދައްކަނީ ކިހިނެއް. އަދި ރައީސް މައުމޫން ޑީއާރްޕީގައި ހުންނަވައިގެން ކުރި ހަރަދަކަށް އަޅުގަނޑު ޒިންމާވާން ޖެހެނީ ކީއްވެތޯ؟" ޖާބިރު ވިދާޅުވި އެވެ.
ޖާބިރު ވިދާޅުވި ގޮތުގައި އޭނާ ކޯޓަށް ހާޒިރު ކުރަނީ ޑީއާރްޕީން އެމްޓީސީސީއަށް ދައްކަންޖެހޭ 1.3 މިލިއަން ރުފިޔާ ހޯދުމަށް އެ ކުންފުނިން ދައުވާކުރާތީ އެވެ.
ޖާބިރު ކޯޓަށް ހާޒިރުކުރާ މައްސަލާގައި ކަމާ ގުޅޭ އިދާރާތަކުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ސިވިލް ކޯޓުން ނެރުނު އަމުރަކާ ގުޅިގެން މިދިޔަ ޑިސެމްބަރު މަހުގެ ފަހު ހަފްތާގެ ތެރޭގައި ވެސް ޖާބިރު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކޮށްފައިވެ އެވެ. އެ ފަހަރު ޖާބިރު ކޯޓަށް ހާޒިރުކުރީ އޭނާގެ މުވައްޒަފަކަށް ދޭން ޖެހޭ ފައިސާއެއް ނުދީ އޮތް ކަމަށް ބުނެ އެވެ.
ޖާބިރާ ގުޅުންހުރި އެކި މައްސަލަތައް ކޯޓުތަކުގައި ހިނގަމުންދާއިރު ޖާބިރުގެ އަމަލުތަކާއި ދައްކަވާ ވާހަކަތަކަށް އާންމުންގެ ސަމާލުކަމަށް ވަރަށް ބޮޑަށް ލިބެ އެވެ.