( 10 ފެބްރުއަރީ 2022 އާ ގުޅޭ )
ސުމައްޔާ އައިސް ސޯފާއެއްގައި އިށީނެވެ. ޒެހެންގެ ވައަތްފަރާތުގައެވެ. އޭނާ މަޑުކުރީ ހަމައެކަނި ހޫރައިންއާ ބައްދަލުކުރާން އެކަންޏެއް ނޫނެވެ. ޒެހެންއާ ވެސް ދައްކަން ޖެހޭ މުހިންމު ވާހަކައެއް އޮތީމައެވެ.
ދަރިފުޅުގެ ކުސްތެޅުމަކީ އެހެންޏާ ހޫރައިން ނުދެކޭ ސިފައެކެވެ. މާބޮޑަށް ވަރުބަލިވީކަމުގައި ހޫރައިން ގަބޫލުކުރިއެވެ. ހެދުން ބަދަލުނުކޮށް އޮށޯންނަން ޔޫކް ބޭނުންވެފައި ހުރިވަރުންނެވެ. ގައިދޮއްވާލަން ހޫރައިން ބޭނުންވިއެވެ. އެއްކަމެއް ވެސް ނުވިއެވެ. ދަރިފުޅަށް ބުރަބޮޑުކުރާކަށް ހޫރައިން ވެސް ބޭނުމެއްނުވިއެވެ. ކައިރިއަށް އަރަން ޔޫކް ކިޔާވަރުން ހޫރައިން ހުރިހާކަމެއް ހުއްޓާލާފައި ކުރުއަތްމައްޗަށް އެނދުގައި އޮށޯވެލިއެވެ. އެ ކޮޓަރިއަކީ ޔޫކްއަށް ޚާއްޞަކުރެވިފައިވާ ކޮޓަރިއެވެ. އެޕާޓުމަންޓު ހިފުމާއެކު ޔޫކް ބޭނުންވި ގޮތަށް އެ ކޮޓަރިތެރެ ފަރުމާކުރަން ޒެހެން އިސްކަމެއް ދިނެވެ. ޔޫކްގެ ޚިޔާލުތައް ޒެހެންއަށް މުހިންމެވެ.
"މަންމަމެން އައީ ކަންނޭނގެ." ގޭތެރެއިން އަޑެއް އިވުނުހެން ހީވުމާއެކު ހޫރައިންގެ ހިތަށް އެރިއެވެ.
ނިދިފައި އޮތް ދަރިފުޅަށް ހޫރައިން ބަލާލިއެވެ. އޭނާގެ އަތުގައި ހިފާލައިގެން ނިދީގެ ފުންކަމުގައި އެކުއްޖާވެއެވެ. މިރޭ އެ ދަރިފުޅު އޮންނާނީ އެ ކޮޓަރީގައި އޭނާއާ ދުރުގައެވެ. ޔޫކްއަށް ހޭލެވިއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ. އެކަނިވެގެން އެކުއްޖާ ބިރުން އުޅޭނެބާއެވެ. ކައިރީގަ ދަރިފުޅު ނެތިއްޔާ ހޫރައިންއަށް ނިދޭނެބާއެވެ. އޭނާ އަތަކު އެ ސުވާލަށް ދޭނޭ ޖަވާބެއް ނެތެވެ. ކުއްލިއަކަށް ހަމްދޫނުގެ ވާހަކަތައް ހޫރައިންއަށް އުނދަގޫކުރިއެވެ. ކައިވެނި ކުރެވިއްޖެއެވެ. އެކަމުގައި ހޫރައިންގެ ރުހުން ވެއެވެ. ޒެހެންއާމެދު ނުތަނަވަސްކަމެއް ހިތުގައި ނެތެވެ. އެހެންވިޔަސް އަމިއްލަ ނަފްސުގެ މައްޗަށް ހޫރައިންއަށް ޔަގީންކަމެއްނެތެވެ. ކައިވެނީގެ ބަނދެވުމާއެކު ދެމަފިރިން އެކަކުއަނެކަކުގެ މައްޗަށް އަދާކުރަންޖެހޭ ހައްޤުތަކެއްވެއެވެ. ފުރިހަމަ އަނތްބެއްގެ ރޯލު ހޫރައިންއަށް އަދާކުރެވިދާނެ ހެއްޔެވެ. އޭނާއަށް ހަޔާތުގައި ކުރެވިފައިވަނީ ބިރުވެރި ހިތި ތަޖުރިބާއެކެވެ. ޒަޚަމްތައް ލަކުނަށްވެ ފަސޭހަވެފައި ވިޔަސް އިހްސާސް ކުރެވުނު ވޭން ހަނދާނުން ފުހެވިގެންނުދެއެވެ. ފިރިހެނަކާއި އަންހެނަކާ ދެމެދު އެންމެ ގާތް ގުޅުމަކަށް ހިނގާނީ ކިހާވަރެއްގެ ގުޅުމެއްކަން އޭނާއަށް އެނގެއެވެ. އަދި ކައިވެންޏަކާއެކު އެ ގުޅުން ހަލާލުވެ ކައިވެނިން ބޭރުގައި ނަމަ ޒިނޭއަށްވެ ހަރާމް ގުޅުމަކަށް އެ ގާތްކަން ބަދަލުވާކަން ވެސް އެނގެއެވެ. ފުރާވަރު ނިމޭއިރު މިހާރު އެވަރު ނޭނގޭ ކުއްޖަކު ހުންނާނެއޭ ހޫރައިން ގަބޫލެއްނުކުރެއެވެ. ޚުދު އޭނާ ވެސް ސުކޫލު ނިމުނުއިރު ހުރީ ކުއްޖަކާ ރައްޓެހިވެގެންނެވެ. ދެމެދުގައި އިމެއް ކަނޑައެޅީ ދެމީހުންނެވެ. ކައިވެންޏަކަށް އުންމީދުކުރަމުން އައީ ދެ ހިތުގައިވާ ލޯތްބަށް ފުރިހަމަ މިނިވަންކަމެއް ލިބޭނީ އޭރުންކަމަށްވީމައެވެ. އޭރު ވިސްނިފައި އޮތީ ކައިވެންޏަކީ މިނިވަންވުމެވެ. އެކަމަކު މިހާރު އެފަދަ ގާތްކަމަކަށް ހޫރައިން ޖެހިލުންވެއެވެ.
ހޫރައިން ނުނިކުމެގެން ސުމައްޔާ އައިސް ޔޫކްގެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެނދުގެ މަގަތުގައި އިށީނދެލައިގެން އިސްޖެހިފައި ހޫރައިން އިނެވެ. ސުމައްޔާ އައިސް ހޫރައިންގެ ކައިރީ ޔޫކްގެ އެނދުގައި އިށީނެވެ.
"ހޫރް ނުކުންނަންދެން ޒެހެން އެ އިންނަނީ. ދަރިފުޅާއެކު ކޮޓަރިއަށް ދާން." ސުމައްޔާ ބުންޏެވެ. ހޫރައިން ހަމައެކަނި ބޯޖަހާލީއެވެ.
"މަންމައަށް އެނގޭ ހޫރް ތިވިސްނަނީ ކޮންކަމަކާކަން. އެއީ ޖެހިލުންވާންޖެހޭވަރުކަމެއްނޫން. ހޫރް... ކައިވެނީގެ ގުޅުން ދެމިއޮންނާނީ ދެމަފިރިންގެ ދެމެދުގައި އޮތް ބަދަހިކަމެއްގެ މައްޗަށް. ދެމަފިރިން އެކަކުއަނެކަކަށް ބޭނުންވާނެ. ދެމެދުގައި އޮންނަ އިތުބާރާއި ލޯބި އިތުރުވާނީ އޭރުން. ފިރިމީހާއަށް އަބަދު ނޫނެކޭ ބުނަންވެއްޖެނަމަ އެ ފުރުސަތު ދެވެނީ އެ ހިތުގައިވާ ލޯބި ފަނޑުވެ ނެތިގެންދިއުމަށް. އަނބިމީހާނޫނީ ފިރިމީހާ އުފާކޮށްދޭނޭ އެހެން އަންހެނަކު އޭނާއަކަށް ނުވޭ. އިންސާނާވަނީ އެދުންތަކުގެ ކުރިމަތީ ބަލިކަށި ބަޔަކަށް. ޒެހެން ކެތްތެރިވާނެކަން އެނގޭ. އެކަމަކު އެ ކެތްތެރިކަން ކޮޅުންލާން ދޫކޮށްލާ އަނތްބަކަށް ހޫރް ވާން މަންމަ ނޭދެން. ޖެހިލުންވެ ކަންބޮޑުވާނަމަ އެކަމެއްގެ ވާހަކަ ޒެހެންއަށް ކިޔާދޭންވާނެ. އޭނާ ދަރިފުޅުގެ އަޑު އަހާނެ. ދެމެދުގައި އަބަދުވެސް ވާހަކަދައްކަންވާނެ. ވާހަކަނުދައްކާ އެއްވެސް ކަމެއް ހައްލެއް ނުވާނެ."
ޒެހެންގެ ނަޒަރު ފޯނަށް ހުއްޓިފައިވިއެވެ. ސުމައްޔާ ދެއްކި ވާހަކަތަކާމެދު އޭނާ ވިސްނަނީއެވެ. އަންހެންކުއްޖަކާ ކައިރިވާންވުމުން އޭނާ މިހާ ޖެހިލުންވީ ފަހަރެއް ނާދެއެވެ. އޭނާ އަންހެންކުއްޖަކާ ކައިރިވާން މިއުޅެނީ އަލަކަށް ނޫނެވެ. ދެމަފިރިންނަށް ނުވިޔަސް ލޯބީގެ ނަމުގައި އޭނާވަނީ އެ އުފާ ހާސިލުކޮށްފައެވެ. ރައްޓެހިވެގެން އުޅޭއިރު އެއީވެސް ލޯބީގެ ބައެއްކަމުގައި ދެކިގެންނެވެ. އެއީ ބަދަލުނުކުރެވޭނެ އޭނާގެ މާޒީއެވެ. ހޫރައިންއާ މެދު ހިތުގައި އުފެދުނު ޖަޒުބާތުތައް ތަފާތެވެ. ހަގީގީ ލޯބި ވެވުނީ އަދިކިރިޔާއޭ އޭނާއަށް އިހްސާސް ކުރެވެއެވެ.
ސުމައްޔާއާއެކު ހޫރައިން ނުކުތެވެ. ޒެހެންގެ ނަޒަރު އޭގެ ދެމައިންނަށް ހުއްޓުނެވެ. ސުމައްޔާ ދަނީކަމުގައި ބުނެ ޒެހެންއާ ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. ބޯޖަހާލާފައި މަންމަގެ ފަހަތުން ޒެހެން އައެވެ. ސުމައްޔާ ނުކުތުމުން އޭނާ ދޮރުތަޅުލިއެވެ. ނަފްސު ހަމައަކަށް އަޅުވާލަން ފުންނޭވާއެއް ޒެހެން ދޫކޮށްލިއެވެ. ދެން އެނބުރި ހޫރައިންއަށް ބަލާލިއެވެ.
"ޔޫކް ނިދީތަ؟." ކޮޓަރިއާ ދިމާއަށް ހިނގައިގަންނަމުން ޒެހެން އަހާލިއެވެ. ހޫރައިން ލައްވާލީ ހޫނއެކެވެ.
"ނާންނާނަންތަ؟." ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު އެތެރެއަށް ނުވަދެ ޒެހެން ބަލާލީ ހޫރައިންއަށެވެ. އެއާއެކު ހޫރައިން އައިސް ކޮޓަރިއަށް ވަދެއްޖެއެވެ. ހޫރައިންއަށް ކޮޓަރިތެރެއަށް ބަލާލެވުނެވެ. ކުރީން އެ ކޮޓަރީގައި ނުވާ ފިނިފެންމާ ބޮނޑިއެއް އެނދުމަތީ އޮތެވެ. ޒެހެން އެ ނެގުމާއެކު ހޫރައިންއަށް ދިއްކޮށްލިއެވެ.
"އައި ލަވް ޔޫ." މާބޮނޑީގައި ހޫރައިން ހިފުމުން އިހުނަށްވުރެ އަނބިމީހާއާ ގާތަށް ޒެހެން ފިޔަވަޅު އަޅާލިއެވެ. ނަޒަރު ސީދާކޮށްލެވިފައިވީއިރު ހޫރައިންއަށް ޒެހެންގެ ދެ ލޯ ތަރުޖަމާކުރާން ދަތިވިއެވެ.
"ތިހެން ހުންނާނީތަ؟." ޒެހެން އަހާލިއެވެ. ހޫރައިންއަށް އެބުނި އެއްޗެއް ދޭހައެއްނުވިއެވެ. މާނަކުރަންވީ ކިހިނެއްކަމެއް ނޭނގުނީއެވެ. ހަރަކާތެއް ކުރާން ނޭނގިފައި ހުރެވުނީ އެހެންވެއެވެ. ހޫރައިންގެ އަތުން މާބޮނޑި ޒެހެން ނެގިއެވެ. އެއްފަރާތުގައި އެ ބާއްވާލާފައި އޭނާ އައިސް އަނެއްކާވެސް ހޫރައިންގެ ކުރިމަތީ ހުއްޓުނެވެ.
"ފެންވަރާލައިގެން އައިސް އޮށޯންނަން ބޭނުމީ. ހޫރް ބޭނުމީ ކޮންގޮތެއް." ޒެހެން އަހާލިއެވެ.
"ކާކު ކުރީން ވަންނަންވީ." ހޫރައިން އަހާލިއެވެ. އެހިނދު ލާނެތް ހިނިތުންވުމެއް ޒެހެންގެ ތުންފަތުގައި ދުވެލިއެވެ.
"ދެމީހުން އެކީގަ ކަމަކުނުދާނެތަ." ޒެހެން ބުންޏެވެ. ބަހެއްނުކިޔާ ހޫރައިން ބަލަން ހުރީއެވެ. ޒެހެން ލުއިގޮތަކަށް ހީނލީއެވެ.
"ކިޑިން... ހޫރް ވަދޭ ކުރީން." ޒެހެން ބުނެލިއެވެ.
ހޫރައިން ބޯޖަހާލީއެވެ. އޭނާ އައިސް ރީތިވާ މޭޒުކައިރީ ހުއްޓުނެވެ. ބުރުގާއަށް ޖަހާފައި ހުރި ޕިންތައް ނައްޓަންފެށިއެވެ. ފަހަތުގައި ޒެހެން އައިސް މަޑުކޮށްލިތަން ކުރިމަތީ ހުރި ބޮޑު ލޯގަނޑުން ހޫރައިން ދުށްޓެވެ.
"ހެލްޕެއް ބޭނުންތަ؟" ޒެހެން އަހާލިއެވެ. އަދި މަޑުމަޑުން އޭނާގެ ދެއަތްތިލަ ގެނެސް ހޫރައިންގެ ކޮނޑުމަތީ ބާއްވާލިއެވެ. އެހިނދު އެ ހަށިގަނޑަށް ހަރުކަށިކަމެއް ވެރިވިކަން ޒެހެން ދެނަހުއްޓެވެ.
"ލެޓް މީ..." ޒެހެން މިހެން ބުނެ ހޫރައިންގެ ބޮލުގައި އަޅާފައި އޮތް ބައި ނެގިއެވެ. ކައިވެނި ހެދުމާ ގުޅުވައި ބުރުގާގެ މަތިން އަޅާފައި އޮތް ފޮތިގަނޑެވެ. ހޫރައިންގެ ކޮނޑުގައި ހިފާލުމާއެކު ޒެހެންއާ ދިމާއަށް އޭނާ އަނބުރާލިއެވެ. އެ މޫނު ދުށުމަށް އޭނާ ވަނީ ބޭނުންވެފައެވެ. ބުރުގާގައި ހަރުކޮށްފައި ހުރި މޫނު ފޮތިކޮޅު ނައްޓަން ޒެހެންފެށިއެވެ. ބުރުގާ ބޭލުމުގެ ކުރީން މޫނު ފޮތިކޮޅު ޒެހެން ނެގިއެވެ. އިންތިހާއަށް ޖެހިލުންވެފައި ހުރިކަމުގެ އަސަރު ހޫރައިންގެ ލޮލުން ފާޅުވޭވޭ ހުއްޓެވެ.
"ބިރުންތަ ތިހުރީ." ޒެހެން އަހާލިއެވެ. ނަމަވެސް އެއްވެސް ޖަވާބެއް ހޫރައިން ނުދިނެވެ. އެފަދަ ސުވާލުތަކަށް ދޭނީ ކޮންޖަވާބެއްކަމެއް އޭނާއަށް ނޭނގެނީއެވެ. ބިރުންނޭ ހުރީ ބުނެފިނަމަ ޒެހެން ހިތްހަމަނުޖެހިދާނޭ ހީވަނީއެވެ.
"ޑޯންޓް ބީ... އައި ޖަސްޓް ވޯންޓް ޓު ސީ ޔޯ ފޭސް. މައި ބިއުޓިފުލް ވައިފް." ހޫރައިންގެ މޫނަށް ބަލަން ހުރެ ޒެހެން ވާހަކަދެއްކިއެވެ. މަޑުމަޑުން ހޫރައިންގެ ކޯތާފަތުގެ ދެފަރާތުން މޫނުގައި ޒެހެން ހިފަހައްޓާލިއެވެ. އެ މޫނުކޮޅު އޭނާގެ ދެއަތްތިލައިގެ ތެރެއަށް ހެޔޮވަރުކޮށްލި ފަދައެވެ. ހޫރައިންގެ ކޯތާފަތުގައި ލޮލުގެ ކައިރިއާ ހަމައަށް ދިގުކޮށް ހުރި ލަކުނުގައި ޒެހެންގެ ބޮޑުވައި އިނގިލިން ފިރުމާލިއެވެ.
"މާޝާﷲ..." ޒެހެންގެ މޫނު ކައިރިވެލުމާއެކު ހޫރައިން ދެ ލޯ މަރާލިއެވެ. އޭނާގެ ދެ ލޮލުގައި ޒެހެން ބޮސްދިނެވެ.
"ބައްދާލަންތަ؟" ޒެހެން އަހާލިއެވެ. ހޫރައިން މަޑުމަޑުން ބޯޖަހާލީ ހުއްދަ ދިން ފަދައިންނެވެ.
"އައި ލަވް ޔޫ." ހޫރައިންގެ ކަންފަތް ދޮށުގައި ވައި އަޑުން ޒެހެން އިއްވާލިއެވެ.
ހޫރައިންގެ ގައިގާ ބައްދާލައިގެން ވަގުތުކޮޅަކަށް ޒެހެން ހުއްޓެވެ. އަނބިމީހާގެ ފަރާތުން ދެކޮޅު ހެދުމެއް ނުފެނެއެވެ. އެކަމަކު އޭނާއަށް އެއްބާރުލުމެއް ނުމެދޭމެއެވެ. ނުކެރިފައިކަން ހޫރައިން އެ ހުންނަނީ ޒެހެންއަށް އެނގެއެވެ. އޭނާ މަޑުމަޑުން ދުރަށް ޖެހިލުމާއެކު ހޫރައިންއަށް ބަލާލިއެވެ. އަނެއްކާވެސް އެ ދެ ލޮލުގައި ބޮސްދީފިއެވެ. ފެންވަރާލައިގެން ނުކުންނަން ބުނެފައި ޒެހެން އައިސް އެނދުގައި އިށީނެވެ.
އަތްކުރު ޓީޝާޓަކާއި ހަރުވާޅެއް ލައިގެން ނިދަން އަރާ ހޫރައިން އޮތެވެ. ޒެހެން އޭނާއާ ގާތްވާން މަސައްކަތެއް ނުކުރެއެވެ. ފުރަގަސްދީގެން އޮވެފައި ހޫރައިން އެނބުރިލީ ޒެހެން ނިދާފާނޭކަން ލަފާކޮށްފައެވެ. ނަމަވެސް އެނބުރިލިއިރު ޒެހެން އޮތީ އޭނާއަށް ބަލާށެވެ.
"ނުނިދިގެންތަ؟." ޒެހެން އަހާލިއެވެ. ހޫރައިން އާނއެކޭ ބުނެލީ ބޯޖަހާލުމަކުންނެވެ.
"ގޭގަ ހޫރް ލަނީ ތިކަހަލަ އެއްޗެހިތަ؟." ޒެހެން އަހާލިއެވެ. ތަފާތު ހެދުމެއްގައި އޭނާއަށް ހޫރައިން ފެނުނީ އަދިކިރިޔާއެވެ. ހިތުގެ ތެޅުން ވަނީ އަވަސްވެފައެވެ. އަނބިމީހާ ޖެހިލުންވެފައިވަނިކޮށް އަމިއްލަ އެދުން ހާސިލުކުރުމަށް އޭނާ ބިރުންފިތްކަނޑުވާލާކަށް ޒެހެން ބޭނުމެއްނޫނެވެ. ހޫރައިންގެ ގައިގާ އަތްލެވޭ ގޮތަކުން ވެސް އޭނާ ސިހިދާނޭކަން ޒެހެން ދެނަހުއްޓެވެ.
"އެކަނި އުޅޭއިރު. ބޭރު މީހުންގެ ކުރިމައްޗަކަށް ނުނިކުންނަން." ހޫރައިން ބުންޏެވެ.
"ޔޫކް ހޭލާނެތަ؟." ޒެހެން އަހާލިއެވެ.
"ނިދުމަށްފަހު ވަރަށް ނުހޭލާނެ. ފަތިހު ދެން ތެދުވާނީ. އެ ގަޑީ އަހަރެން ވެސް ހޭލާ އުޅޭނީ." ހޫރައިން ބުންޏެވެ.
ދެމެދުގައި އެކިއެކި ވާހަކަ ދެއްކުމުގައި ވަގުތުތައް ފާއިތުވަމުންދިޔައެވެ. ހިމޭންކަން ދިގުލައިގެން ދިއުމުން ހޫރައިން ބޯހިއްލާލިއެވެ. ޒެހެންއަށް ބަލާލިއެވެ. އޭނާއަށް ނިދުނީއެވެ. އޭރު ވެސް ހޫރައިންގެ ލޮލުގައި ނިދީގެ އަސަރެއް ނެތެވެ. ވަރުބަލި ނުވަނީއެއްނޫނެވެ. އާދަވެފައި ނެތްކަމަކަށް ފުރުސަތު ދޭންވީމައެވެ. ޒެހެންގެ މޫނާއި ހާމައަށް އޮތް މޭމައްޗާއި ފުޅާ ދެކޮނޑަށް ހޫރައިންގެ ނަޒަރު ހުއްޓިފައިވިއެވެ.
"އަހަރެން ޒެހެންދެކެ ލޯބިވޭތަ؟. އޭނާއާ މެރީކުރީ އެންމެ ރަނގަޅުގޮތްކަން ޔަގީންވެ ހުރެ. އެކަމަކު ލޯބި... ލޯބިވާކަން ކިހިނެއް އެނގޭނީ. އެކުގައި ދެމީހުން އުޅޭން ބޭނުންވުމަކީ ލޯތްބަށް ވެދާނެތަ. ދެން ކީއްވެ ޒެންއަށް ޖަވާބެއް ނުދެވުނީ. އޭނާ ލޯބިވާކަން ހާމަ އެކުރަނީ ކިހާ ފަސޭހަކަމާއެކު. އަހަންނަށް އިހްސާސް ވެސް ކުރެވޭ އެކަން." ޚިޔާލުތަކުގައި ހޫރައިންއަށް އޮވެވުނެވެ.
ގާތުގައި ހޫރައިން އޮތުމުން ޒެހެން ވެސް އޮތީ ނިދިމަޑުވެފައެވެ. އޭނާ ލޯ ހުޅުވާލީ ހޫރައިން އެނދުން ފޭބިކަމުގެ ހިލަންވެގެންނެވެ. ސުވާލެއް ކުރާން އުޅެފައި އަޅާނުލީ ހޫރައިން ފާޚާނާއާ ދިމާއަށް ދިޔައިމައެވެ. ލޯ މަރާލައި ނިދީގެ ތެރެއަށް ފީނައިގަންނަން ޒެހެން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އެކަން ކާމިޔާބުނުވީ ހޫރައިން އެނބުރި އައިސް އެނދަށް ނާރާ ގިނައިރުވާން ފެށުމުންނެވެ. އޭނާ ލޯ ހުޅުވާލިއިރު ހޫރައިން އުޅެނީ ނަމާދަށް އަރާށެވެ. ގަޑިންވީއިރެއް އެނގެން ޒެހެން ބޭނުންވިއެވެ. ފަތިސްވީއޭ ހީކުރެވުނީއެވެ. އޭނާއަކީ ދަމު ނަމާދު ކުރާ މީހެއްނޫނެވެ. އެއީ ކިހިނެއް ކުރާ ނަމާދެއްކަމެއް ވެސް ޒެހެން ނުދެނަ ހުއްޓެވެ. ސުންނަތް ނަމާދުތަކެއް އޭނާ ނުކުރެއެވެ. އެކަމަކު ދަމު ނަމާދުގެ ވާހަކަ އޭނާ އަޑު އަހައެވެ. ނަމާދަށް ފަރުވާތެރިވިވާން ފެށީ ވެސް ހޫރައިންއާ ބައްދަލުވީ ފަހުންނެވެ. ފަރުޟެއް ވައްޓާނުލާވޭތޯ އޭގެ ފަހުން ސަމާލުވެއެވެ.
"އަހަންނަށް ގޮވާލިނަމަ." ޒެހެން ތުނބުޅީގައި އަތް ހާކަމުން ތެދުވެލިއެވެ.
"ދަމު ނަމާދުކުރަންތަ." ހޫރައިން ހައިރާންވިއެވެ. އޭނާ ގަސްދުގައި ނުގޮވީކީ ނޫނެވެ. ޒެހެން ދަމު ނަމާދު ކުރާކަން އޭނާއަށް އެނގިފައި ނެތީމާ ނުގޮވީއެވެ.
"ދަމު... ކިހާއިރެއްވެގެން އުޅެނީ. ފަތިސް ނަމާދެއް ނޫންތަ؟." ޒެހެން ފޯނު ހޯދާލިއެވެ. އެނދުއަރިމަތީން ޗާޖަށް ޖަހާފައި އޮތް ފޯނު އޭނާ ނެގިއެވެ. ގަޑިތަކުން ތިނެއް ޖަހައިގެންކަން އުޅެނީ އެނގުމާއެކު ޒެހެން ފޯނު ބާއްވައިފިއެވެ. އަލުން އެނދުގައި އޮށޯތީއެވެ. ޒެހެންއަށް ބަލަން އިރުކޮޅު ހޫރައިން ހުއްޓެވެ. އިޝާރާތެއް ނުވުމުން ހޫރައިން ނަމާދަށް ތައްޔާރުވެލިއެވެ. ނުނިދިފައި ޒެހެން އޮތެވެ. ހޫރައިން ނަމާދުކުރަމުންދިޔައިރު ޒެހެންގެ ރޫހަށް އުނދަގޫ އިހްސާސެއް ކުރެވެމުންދިޔައެވެ. ދީނީ ކަންކަމަށް އޭނާއަށް ސަމާލުކަން ނުދެވޭމިންވަރު ވިސްނުނެވެ. ނިދީގެ މީރުކަން ނަގާލާފައި ހޫރައިން ތެދުވެ ނަމާދުކުރާއިރު އޭނާ އެހެން އޮންނަންވުމުން ލަދުވެތިކަމެއް ނަފްސަށް ވެރިވިއެވެ. އެކަމަކު ތެދުވެ ބައިވެރިވާން ނުކެރުނީއެވެ. ނަމާދާ ބެހޭގޮތުން އޭނާއަށް އެނގިފައި ނެތީމައެވެ. ޒެހެންގެ ބުއްދިއާއި ލޯ ހުޅުވާލަދިން ކަމަކަށް އެކަންވިއެވެ. އޭނާގެ ވެރި ރައްބުގެ ރުއްސެވުން އެދޭ މީހާ ހަމައެކަނި ވާޖިބުވެފައިވާ މިންވަރުން ނިންމާ ނުލާނެއެވެ. ރަސޫލާއާއި އެކަލޭނގެފާނުގެ ސުންނަތުގައި ސާބިތުވާނެއެވެ. ދީނަކީ ވެސް އުނގެނެންޖެހޭ ޢިލްމެކެވެ. ފުރިހަމަ މުސްލިމަކަށް ވުމަށް ޓަކައި ރަނގަޅު ގޮތް އެނގޭންޖެހެއެވެ.
ހެނދުނުގެ ނާސްތާއަށް ގޮވަން ހޫރައިން އައިސް ވަންއިރު ޒެހެންއަށް އޮތީ ނިދިފައެވެ. ރޭގެ ބޮޑުބައި އޭނާ އުޅުނީ ހޭލާކަން ހޫރައިންއަށް އެނގެއެވެ. އެ މަންޒަރަށް އިތުރު ހިތްގައިމު ކަމެއް ގެނެސްދިނީ ޒެހެންގެ އަތްމަތީ ނިދާފައި އޮތް ޔޫކްއެވެ. ފިރިމީހާއާއި ދަރިފުޅަށް ބަލަން ދޮރުކައިރީ ހޫރައިން މަޑުކޮށްލައިގެން ހުއްޓެވެ. ހެނދުނުގެ މިގަޑިއަކީ އެކުއްޖާ އެހެންޏާ ނިދާ ވެސް ގަޑިއެއް ނޫނެވެ. ހޫރައިންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އެނދުގައި އެ ތިބީ ބައްޕައާއި ދަރިފުޅާކަން އެ މަންޒަރު ފެންނަ ކޮންމެ މީހަކު ލަފާކުރާނެކަން ޔަގީނެވެ. އެ ޚިޔާލު ހޫރައިންއަށް ނުހަނު ކަމުދިޔައެވެ. ހިތަށް ތަފާތު ފިނިކަމެއް އިޙްސާސް ކުރެވުނެވެ.
"އަލްޙަމްދުލިއްﷲ..." ހޫރައިންގެ ހިތް ޙަމްދުކުރުމަށް އަވަސްވެލިއެވެ. އޭނާއަށް ޒެހެންދެކެ ލޯބިވާކަން ޔަގީންނުވިޔަސް ފިރިމީހާދެކެ ގަޔާވާނެ ކިތަންމެ ސިފައެއް ފެނިއްޖެއެވެ. އެއީ ޔަގީނުން ވެސް ކެތްތެރި އިންސާނެކެވެ.
"ބަލަން ހުންނާނީތަ؟ އެވަރުން ހިތް ފުރޭނަތަ؟... މިއަތް މީ ހޫރަށް... އާދޭ އޮށޯންނަން." ނިދިބަރުކަމެއް ވެރިވެފައިވާ އަޑަކުން ޒެހެން ވާހަކަދެއްކިއެވެ. ހޫރައިންއަށް ލިބުނީ ހައިރާންކަމެވެ. ޒެހެންގެ ހިނިތުންވުން ފެނުމާއެކު ހޫރައިންގެ ހިނިތުންވުން ވެސް ފުޅާވެލީ އިޚްތިޔާރަކާ ނުލައެވެ.
"ނުހުރެ އާދެބަލަ..." ޒެހެން ބުނެލިއެވެ. އެއާއެކު ހޫރައިން ކޮޓަރިތެރެއަށް ވަދެގެން އައެވެ. (ނުނިމޭ)