އެމްޓީސީސީ

ތިން ރަށެއްގެ މަޝްރޫއުތަކުގެ އަޕްޑޭޓް ދީފި

އެމްޓީސީސީން ކުރިއަށް ގެންދާ ނ. މަނަދޫ އަދި ހަނިމާދޫ ބަނދަރުގެ ހެދުމުގެ މަސައްކަތާއި ވ. ފުލިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އެންމެ ފަހުގެ އަޕްޑޭޓް ދީފި އެވެ.

އެމްޓީސީސީން ބުނީ މަނަދޫ ބަނދަރުގެ ނެރު ފުންކުރުމާއި ބޭރުތޮށިލުމުގެ މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށްދަނީ ޑްރެޖިން މަސައްކަތްތަކާއި ޖެޓީ ހެދުމަށްޓަކައި ފޫޓިން ކާސްޓިންގް މަސައްކަތްތައް ކަމަށެވެ.

މަނަދޫ ބަނދަރުގެ މަޝްރޫއުގެ ދަށުން 13،216 ކިއުބިކް މީޓަރު ބަނދަރު ފުންކުރުމާއި 15،822 ކިއުބިކް މީޓަރު ބަނދަރަށް ވަންނަ ނެރު ފުންކުރުން ހިމެނެ އެވެ. މީގެ އިތުރުން 290 މީޓަރު ބޮޑުހިލައިގެ ބޭރުތޮށި ލުމާއި، ކުދި އުޅަނދުފަހަރު ކައިރިކުރުމަށް ބޭރު ތޮށީގެ އެތެރެފަރާތު ކައިރީގައި ކޮންކްރިޓް ޖެޓީއެއް އެޅުން ވެސް ހިމެނެ އެވެ. އަދި ދެ ނެވިގޭޝަން ލައިޓާއި 20 މޫރިންގް ބޮއި ހަރުކުރުންވެސް ހިމެނެ އެވެ. މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ހަނިމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 55 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެ އެވެ. މިހާރު ކުރިއަށްދަނީ އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތަކާއި ވެލި ބަރުކޮށްގެން ބޭރުތޮށި ލުމުގެ މަސައްކަތްތަކެވެ.

ހަނިމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން 53،522.50 ކިއުބިކް މީޓަރުގެ ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަޙައްދު ފުންކުރުމާއި، 31،575.50 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރަށް ވަދެވެން އޮންނަ ދިމާ ނެރު ފުންކުރުން ހިމެނެ އެވެ. އަދި 355 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 50 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 270 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުމުގެ މަސައްކަތް ހިމެނެ އެވެ. މީގެ އިތުރުން 2583 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުންވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެ އެވެ. މިމަޝްރޫއުގެ މަސައްކަތަށް 57.1 މިލިއަން ރުފިޔާ ހަރަދުކުރުމަށް ހަމަޖެހިފަ އެވެ.

އެމްޓީސީސީން ބުނީ ފުލިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 52 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި ބޭރުތޮށި ލުމަށް ބޭނުންވާ ބޮޑުހިލައިގެ އެންމެ ފަހު ޝިޕްމަންޓް މިއަދު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައި ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 270 މީޓަރުގެ ބޭރުތޮށިލުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން ލެވޭ ހިލަފައިކަށިތައް ލުމާއި، 12000 ކޮޑިމީޓަރުގެ ވެލި، ގިރާލާފައިވާ ސަރަހައްދަށް އެޅުމަށް ހަމަޖެހިފައިވެ އެވެ. މިއީ 16.94 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަސައްކަތް 180 ދުވަހުގެ ތެރޭގައި އެމްޓީސީސީން ނިންމަން ޖެހެ އެވެ.