ބަނދަރު ޕްރޮޖެކްޓް

ކޮމަންޑޫ އާއި ހަނިމާދޫ ބަނދަރުގެ އަޕްޑޭޓު ދީފި

ށ. ކޮމަންޑޫ ބަނދަރާއި ހދ. ހަނިމާދޫ ބަނދަރުގެ މަސައްކަތް ކުރިއަށް ދާ ގޮތުގެ އަޕްޑޭޓް އެމްޓީސީސީން ދީފި އެވެ.

ބިން ހިއްކުމާއި ބަނދަރު ހެދުމުގެ ގިނަ މަސައްކަތްތަކެއް ކުރާ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީީސީސީ) އިން ބުނި ގޮތުގައި ކޮމަންޑޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫގެ ދަށުން އެ ރަށުގެ ބަނދަރުގައި 14،731 ކިއުބިކު މީޓަރުގެ ނެރު ފުންކުރުމާއި 35،348 މީޓަރުގެ ފަޅު ފުންކުރުމާއި ހަ މީޓަރުގެ ބޭރުތޮށިލުމާއި 190 މީޓަރުގެ އެއްގަމުތޮށި ލުމާއި 20 މީޓަރު ރިވެޓުމަންޓު ޖެހުމާއި 1،991.20 އަކަ މީޓަރަށް ޕޭމަންޓު ހެދުމުގެ އިތުރުން ނެރު ބައްތި ޖަހައި މަގުމަތި ބައްތި ހަރު ކުރާނެ ކަމަށެވެ.

އެމްޓީސިސީން ބުނި ގޮތުގައި މި މަސައްކަތުގެ 95 ޕަސެންޓް ނިމިފަވުމާ އެކު މިހާރު ކުރިއަށް ދަނީ ލައިޓު ޕޯސްޓު ހަރުކުރުމުގެ މަސައްކަތް ކަމަށެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ އެމްޓީސީސީން ބުނީ ކޮމަންޑޫ ބަނދަރުގެ ބޮޑު ޕަސެންޓެއްގެ މަސައްކަތް ނިމިފައިވާ އިރު ހދ. ހަނިމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ 26 ޕަސެންޓް ވެސް ނިމިފައިވާ ކަމަށެވެ. އަދި މަސައްކަތަށް ބޭނުންވާ އިތުރު ސާމާނު އިއްޔެގެ ވަގުތެއްގައި އެ ރަށަށް ގެންދެވިފައިވާ ކަމަށެވެ.

މި މަޝްރޫގެ ދަށުން ހަނިމާދޫގެ ބަނދަރުގައި އަލަށް އިތުރުކުރެވޭ ސަރަހައްދުގައި 53،522.50 ކިއުބިކު މީޓަރުގެ ފަޅު ފުންކުރުމާއި 31،575.50 މީޓަރުގެ ނެރު ފުންކުރުމާއި 355 މީޓަރުގެ ބޭރުތޮށި ލުމުގެ އިތުރުން 270 މީޓަރުގެ އެއްގަމުތޮށި ލުމާއި 50 މީޓަރު ރިވެޓުމަންޓު ޖެހުމުގެ އިތުރުން 2583 އަކަ މީޓަރަށް ޕޭމަންޓު ހެދުން ވެސް ހިމެނޭ ކަމަށެވެ.