ފުވައްމުލައް

ސަދާގެ ހަނދާނުގައި ކްލިނިކެއް ހުޅުވައިފި

Feb 13, 2022

ފުވައްމުލަކު ހޮސްޕިޓަލްގެ އިހްމާލުން މަރުވި އުމުރުން ފަސް އަހަރުގެ ސަދާ ސައުދުﷲގެ ހަނދާނުގައި އެ ކުއްޖާގެ މައިންބަފައިން ކްލިނިކެއް ހުޅުވައި ހިދުމަށް ދޭން ފަށައިފި އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ސަދާގެ ބައްޕަ ސައުދުﷲ އަހްމަދު ވިދާޅުވީ ސަދާ މަރުވީ ފުވައްމުލަކު ހޮސްޕިޓަލްގެ އިހްމާލުންކަން އެ މައްސަލަ ދިރާސާކޮށް ހެލްތު މިނިސްޓްރީން އެކުލަވާލި ރިޕޯޓްގައި ވެސް ބުނެފައިވާ ކަމަށެވެ. އޭނާގެ ދަރިފުޅަށް ދިމާވި ފަދަ ހާދިސާއެއް އެހެން މީހަކަށް ކުރިމަތިވުމަށް ނޭދޭތީ އަމިއްލަ ކްލިނިކެއް ހަދައިގެން ރަނގަޅު ސިއްހީ ހިދުމަތެއް ދޭން ބޭނުންވީ ކަމުގައިވެސް ވިދާޅުވި އެވެ.

"ޑޮކްޓަރުގެ އިހްމާލުން ސަދާ މަރުވިކަން އެ އޮތީ ހާމައަށް ފެންނަން. އެފަދަ ކަމެއް އަޅުގަނޑު ނޭދެން އެއްވެސް މީހަކަށް ކުރިމަތިވެ ހިތާމަކުރާކަށް،" ގެސްޓްހައުސް އެސޯސިއޭޝަންގެ ކުރީގެ ސެކްރެޓަރީ ޖެނަރަލް ސައުދުﷲ ވިދާޅުވި އެވެ.

ފުވައްމުލަކު ފުނާޑު އަވަށުގައި ސަދާ ދިރިއުޅުނު ގޭގައި ކްލިނިކް ހަދާފައިވަނީ ފުވައްމުލަކު މެޑިކަލް ސެންޓަރުގެ ނަމުގަ އެވެ. ސަދާގެ އިތުރުން ސައުދުﷲގެ އަންހެނުންގެ މަންމައާއި، ބޭބެ، ފަތުހުﷲ އަހުމަދަށް ވެސް ކްލިނިކް ވަނީ ހާއްސަކޮށްފަ އެވެ.

ސައުދުﷲގެ ދެމެފިރިންގެ ކުންފުނި، ސްޓޭ އިން މޯލްޑިވްސް އިން ހިންގާ ކްލިނިކަކީ ފުވައްމުލަކު އަދި ހުވަދޫ މީހުން މާލެ ނުގޮސް ރަނގަޅު ސިއްހީ ހިދުމަތެއް ފުވައްމުލަކުން ލިބޭނެ ގޮތް ހަމަޖެއްސުމަށް ހެދި ކްލިނިކެއް ކަަމަށް ސައުދުﷲ ވިދާޅުވި އެވެ. އެކި ބަލިތަކުގެ ސްޕެޝަލިސްޓުން މާލެ އިން ފުވައްމުލަކަށް ގެންގޮސްގެން ހިދުމަތް ދޭނެ ކަމަށާއި ރާއްޖޭގެ މަޝްހޫރު ބައެއް ސްޕެޝަލިސްޓް ޑޮކްޓަރުން ކްލިނިކްގައި މިހާރު ރަޖިސްޓްރީވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"ބައެއް ޑޮކްޓަރުން ރަޖިސްޓްރީ ކުރުމުގެ ކަންކަން އަދި މުޅިން ހަމަޖެހިފައި ނުވާތީ ހުރިހާ ޑޮކްޓަރުންގެ ނަންތައް މިވަގުތު ހާމަކޮށްލަން ދަތި،" ސައުދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކްލިނިކްގައި ލެބޯޓަރީއެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށާއި އަދި އެތަނުން ނުހެދޭ ޓެސްޓްތައް މާލެއަށާއި ރާއްޖެ އިން ބޭރަށް ފޮނުވައިގެން ހެދޭނެ އިންތިޒާމު ވެސް ހަމަޖައްސާނެ ކަމަށެވެ. މި ހަފްތާގައި އެތެރެ ހަށީގެ ޑޮކްޓަރު، މުހައްމަދު އަލީއާއި، ކުޑަކުދިންގެ ޑޮކްޓަރު، ހުސައިން މާހިރު އިބްރާހިމްއާއި، ނަފްސާނީ ބަލިތަކުގެ ޑޮކްޓަރު، އައިޝަތު އަލީ ނާޒްއާއި، ހަމުގެ ބަލިތަކުގެ ޑޮކްޓަރު، މުހައްމަދު ހައިކަލް އަބްދުއްރަހްމާން އާއި، ނާރުގެ ޑޮކްޓަރު، އަހްމަދު ރަޝީދުގެ އިތުރުން ޑައިޓީޝަން، އާސިޔާ އަބްދުއްރަހީމް ކްލިނިކްގައި ހިދުމަތް ދިނުމަށް ހަމަޖެހިފައިވެ އެެވެ.

ސައުދުﷲ އިތުރަށް ވިދާޅުވީ މިހާރު މަސައްކަތްތައް ކުރިއަށްދާ ގޮތަށް ހުރިހާ ކަމެއް ކުރިއަށްދާ ނަމަ ރޯދަ މަހަށް ފަހު ކްލިނިކަކީ ގިނަ ހިދުމަތްތަކެއް ލިބޭ ފެންވަރު ރަނގަޅު ކްލިނިކަކަށް ވާނެ ކަމަށެވެ.

ފުވައްމުލަކު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާދެމުން ދަނިކޮށް ސަދާ ސައުދުﷲ މަރުވި މައްސަލާގައި ދެ ޑޮކްޓަރަކު ވަޒީފާ އިން ވަކިކޮށް ގައުމަށް ފޮނުވާލާފައިވެ އެވެ.