ފުވައްމުލައް

ފުވައްމުލަކު ހޮސްޕިޓަލްގެ އިހުމާލުން ކުއްޖަކު މަރުވި ކަމަށް ބުނާ މައްސަލައެއް

Jun 9, 2022

ފުވައްމުލަކު ހޮސްޕިޓަލްގެ އިހުމާލުން ބަނޑަށް ދަރިފުޅު މަރުވީ ކަމަށް އެ ކުއްޖާގެ މަންމަ ތުހުމަތުކޮށްފި އެވެ.

ކުއްޖާގެ މަންމަ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޭނާގެ ބަނޑަށް ދަރިފުޅު މަރުވީ ފުވައްމުލަކު ހޮސްޕިޓަލަށް މިމަހުގެ ހަތްވަނަ ދުވަހު ދެއްކުމުން ޑޮކްޓަރުންނާއި ސިއްހީ އެހީތެރިންގެ ފަރުވާކުޑަކަމުންނާއި އިހްމާލުން ކަމަށެވެ.

މިމައްސަލަ އާއި ގުޅިގެން ފުވައްމުލަކު ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ ހާދިސާގެ މައުލޫމާތު އެނގުނީ އަންހެން މީހާ ފޭސްބުކްގައި އެ ވާހަކަތައް ހިއްސާކުރުމުން ކަމަށެވެ. ކަން ހިނގާފައިވާ ގޮތް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވާފައިވެ އެވެ.

ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދިޔަ ހަ އަހަރުގެ އަންހެން ކުއްޖެއް ކަމަށްވާ -- ސަދާ ސައުދުﷲ ވެސް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތިންވަނަ ދުވަހު ވަނީ މަރުވެފަ އެވެ.

އެ ހާދިސާ ތަހުގީގުކުރުމަށްފަހު އެޗްއާރްސީއެމްއާއި ހެލްތު މިނިސްޓްރީން ވެސް ނިންމީ ސަދާ މަރުވީ ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި ނަރުހުންގެ އިހްމާލުން ކަމަށް ނިންމާފަ އެވެ.

ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރާ ބައެއް ސިއްހީ އެހީތެރިންނާއި ޑޮކްޓަރުންގެ އިހްމާލުން މަރުގެ މައްސަލަތައް ހިނގަމުންދާ ކަމަށް ކަމާ ގުޅޭ އިދާރާތަކުން ބުނި ނަމަވެސް އެފަދަ މައްސަލަތައް ހައްލުކުރުމަށް އިހްމާލުވާ ފަރާތްތަކާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅުތައް އެޅޭ ތަނެއް ނުފެނެ އެވެ.