އިންޑިއާގެ ޑިފެންސް ސެކްރެޓަރީ ޑރ. އަޖޭ ކުމާރު ރާއްޖެ ވަޑައިގެން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއާ މިއަދު ބައްދަލުކުރައްވައިިފި ކުރައްވައިފި އެވެ.
ޑިފެންސް މިނިސްޓްރީގައި މިއަދު އޮތް މިބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި، އިންޑިއާ އާއި ރާއްޖެއާ ދެމެދު ޑިފެންސް ކޯޕަރޭޝަން އިތުރަށް ފުޅާވެ، ވަރުގަދަވެގެން ގޮސްފައިވާކަން ފާހަގަކުރައްވާފަ އެވެ.
މިނިސްޓަރު މާރިޔާ ވަނީ ކޯވިޑް-19ގެ ދަތި އުނދަގޫ ހާލަތުގައި، ބޭސްފަރުވާއާއި ކާބޯތަކެއްޗާއި އިންސާނީ އެހީއާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި، އިންޑިއާ ސަރުކާރުން ފޯރުކޮށްދީފައިވާ އެހީތެރިކަމަށްޓަކައި އިންޑިއާ ސަރުކާރަށް ޝުކުރުއަދާކުރައްވާފަ އެވެ. އެގޮތުން މިދިޔަ ތިން އަހަރުގެ ތެރޭގައި 170 އަށް ވުރެ ގިނަ މެޑިކަލް އިވޭކުއޭޝަނާއި 130 ސާވައިލެންސް މިޝަން ހިންގުމުގައި އިންޑިއާގެ އެހީތެރިކަން ލިބުނުކަން ފާހަގަކުރެއްވި އެވެ.
މީގެއިތުރުން ކޯސްޓް ގާޑުގެ ޑޮކްޔާޑް ޕްރޮޖެކްޓަކީ މިހާތަނަށް ދިވެހިރާއްޖޭގައި ހިންގޭ އެންމެ ބޮޑު ޑިފެންސް އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްކަން ފާހަގަކުރައްވާ މިނިސްޓަރު މާރިޔާ ވަނީ އިންޑިއާ ސަރުކާރުން އެ މަޝްރޫއަށް ދީފައިވާ އެހީތެރިކަމަށްވެސް ޝުކުރު އަދާކުރައްވާފަ އެވެ.
މިބައްދަލުކުރެއްވުމުގައި ޑރ އަޖޭ ކުމާރު ވަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމަށްޓަކައި އިންޑިއާ ސަރުކާރުން މަސައްކަތްކުރާނެ ކަމުގައި ވިދާޅުވެފަ އެވެ.
އިންޑިއާގެ ޑިފެންސް ސެކްރެޓަރީ ރާއްޖެ ވަޑައިގެންްފައި މިވަނީ އިންޑިއާއާއި އެކު މިސަރުކާރުން ސިއްރު އެއްބަސްވުންތަކެއް ހަދާފައިވާ ކަމަށް ބުނެ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ވަގުތެއްގަ އެވެ.
އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ މައްސަލާގަ އެވެ. އެހެންވެ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން ގެންދަނީ ރާއްޖެއިން އިންޑިއާ ސިފައިން ފޭބުމަށް ގޮވާލައި "އިންޑިއާ އައުޓް"ގެ ނަމުގައި ހާއްސަ ހަރަކާތެއް ވެސް ހިންގަމުންނެވެ.