މިނިސްޓްރީ އޮފް ހެލްތު

އެމްބިއުލާންސް ފޮނުވާ ރަށްތައް ހާމަކޮށްފި

Feb 13, 2022

އަތޮޅުތަކުގެ ސިއްހީ ހިދުމަތްދޭ ތަންތަނުގައި ބޭނުން ކުރުމަށް ގެނެސްފައިވާ އިތުރު 15 އެމްބިއުލާންސް ފޮނުވާ ރަށްތައް ހެލްތް މިނިސްޓްރީން ހާމަކޮށްފި އެވެ.

މި އެމްބިއުލާންސްތައް ރާއްޖެ ގެނެސްފައި ވަނީ މި މަހުގެ 8 ވަނަ ދުވަހު އެވެ.

ހެލްތް މިނިސްޓްރީން ބުނީ މި 15 އެމްބިއުލާންސްގެ ތެރެއިން އެއް އެބިއުލާންސް ހުޅުމާލެ ހޮސްޕިޓަލްގައި ބޭނުން ކުރާނެ ކަމަށެވެ. އަދި ބާކީ 14 އެމްބިއުލާންސް 14 ރަށަކަށް ފޮނުވަން ނިންމާފައިވާ ކަމަށެވެ.

އެ ރަށްތަކަކީ ހއ. ތުރާކުނާއި ހއ. ވަށަފަރާއި ހއ. ބާރަށާއި ހދ. ކުޅުދުއްފުށި ސިޓީގެ އިތުރުން ޅ. ކުރެންދޫ އާއި ކ. ކާށިދޫ އާއި އއ. ފެރިދޫ އާއި މ. މުލަކާއި ދ. މީދޫ އާއި ދ. މާއެނބޫދޫ އާއި ލ. މާބައިދޫ އާއި ލ. ގަމުގެ އިތުރުން ގއ. މާމެންދޫ އަދި ގދ. ވާދޫ އެވެ.

ހެލްތު މިނިސްޓްރީން ބުނީ އަތޮޅުތަކުގައި އެމްބިއުލާންސްގެ ހިދުމަތް ނުދެވޭ 96 ރަށެއް ފާހަގަވެފައިވާތީ އެ ރަށްރަށަށް އެމްބިއުލާންސް ފޯރު ކޮށްދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް ވަރަށް ގިނަ އަވަހަށް ނިންމާލެވޭނެ އެވެ. ހެލްތު މިނިސްޓްރީން އެސްޓީއޯއާއެކު މިދިޔަ ޖޫން މަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން ހަ މަސް ދުވަސް ތެރޭގައި 96 އެމްބިއުލާންސް ގެންނަން ޖެހެއެވެ.

އޭގެ ތެެރެއިން 20 އެމްބިއުލެންސް ރާއްޖެ ގެނެސް މިދިޔަ މަހުގެ 13 ވަނަ ދުވަހު ވަނީ އެ އެމްބިއުލާންސްތައް 20 ރަށަކަށް ފޮނުވާފަ އެވެ. އަދި ބާކީ ހުރި 76 އެމްބިއުލާންސްގެ ތެރެއިން 20 އެމްބިއުލާންސް ނޮވެންބަރު 19 ވަނަ ދުވަހު ވަނީ މާލެ ގެނެސްފައެވެ. މި ފަހަރު ގެނައީ 15 އެމްބިއުލާންސް އެވެ.