މަރުގެ އިންޒާރު

ރާއީއަށް ބިރު ދައްކާ މަރުގެ އިންޒާރު ދީފި

މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ އަށް ބިރު ދައްކާ މަރުގެ އިންޒާރު ދިން މައްސަލައެއް އޭނާ އާންމުންގެ ސަމާލު ކަމަށް ގެނެސްފި އެވެ.

ރާއީ މިރޭ ވިދާޅުވީ "ގުންޑާ" އިން ފޮނުވައިގެން އޭނާއަށް އިންޒާރު ދީ ބިރު ދައްކާފައިވާ ކަމަށެވެ. އަދި މަރާލާނެ ކަމަށް ބުނެ އިންޒާރު ދީފައިވާ ކަމަށެވެ.

"ގުންޑާއިން ފޮނުވައިގެން އިންޒާރު ދީ މަރާލާނެ ކަމަށް ބުންޏަސް ބިރެއް ނުގަނޭ. ފުރާނަ ހިއްޕަވަނީ މާތްﷲ، އެމްޑީން ނެއް ނޫން،" އިންޒާރާ ގުޅިގެން ރާއީ ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

އޭނާއަށް އިންޒާރު ދީފައިވަނީ ރަސްފަންނު ސަރަހައްދުން ކަމަށް ވެއެވެ.

އެފަދަ އިންޒާރެއް ދީފައި މިވަނީ ސަރުކާރު ކުންފުނިތަކުގެ ބައެއް އެމްޑީން ނަށް އޭނާ ފާޑުވިދާޅުވެފައިވަނިކޮށެވެ. އެމްޑީޕީގެ މެންބަރުންނަށް ވަޒީފާ ދިނުމުގައި ބައެއް އެމްޑީ އިން ތަފާތު ކުރާ ކަމަށް އޭނާ ތުހުމަތު ކުރެއެވެ. އޭނާގެ ތުހުމަތުގެ އިނގިލި އަމާޒު ކުރެއްވީ އެހެން ޕާޓީތަކުގެ ސްލޮޓްތަކުގައި ތިއްބެވި އެމްޑީންނަށެވެ. މަރުގެ އިންޒާރު ދީ ބިރު ދެއްކުން އޭނާ ގުޅުވާފައިވަނީ އެފަދަ ބޭފުޅުންނާއެވެ.

މި މައްސަލަ ފުލުހުންނަށް ހުށައެޅި ކަމެއް އޭނާ ނުބުނެއެވެ.