އެފްއޭއެމް

ފަހުރުވެރި ރެކޯޑަކާއެކު ޔޫތު ޗެމްޕިއަންޝިޕް އީގަލްސް އަށް

Feb 13, 2022

އެފްއޭއެމް އަންޑާ ނައިންޓީން ޔޫތް ޗެންޕިއަންޝިޕް ކްލަބް އީގަލްސް އިން ހޯދައިފި އެވެ. އެ ޓީމުން މުބާރާތް ކާމިޔާބު ކޮށްފައިވަނީ ސައްތައިންސައްތަ ރެކޯޑް މޮޅަކާ އެކުގައެވެ.

މި މުބާރާތުގައި އެ ޓީމުން އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. އަދި އެ ޓީމު ކުޅުނު އެއްވެސް މެޗެއްގައި އިދިކޮޅު ޓީމަށް ގޯލެއް ޖެހުމުގެ ފުރުސަތު ދީފައެއް ނުވެއެވެ. އަނެއްކޮޅުން މިއީ މި މުބާރާތް އީގަލްސް އިން ހޯދި ފަސް ވަނަ ފަހަރެވެ.

ފ. ނިލަންދޫ ފުޓްބޯޅަ ސްޓޭޑިއަމް ހުޅުވުމުގެ ގޮތުން މިއަދު ކުޅުނު އަންޑާ ނައިންޓީން ޔޫތް ޗެންޕިއަންޝިޕް ކްލަބް އީގަލްސް އިން ހޯދީ ސުޕާ ޔުނައިޓެޑް ސްޕޯޓްސްއާ ބައްދަލުކޮށް 1-0 އިން މެޗު ކާމިޔާބު ކޮށްގެންނެވެ. މެޗުގެ ހަމައެކަނި ގޯލް އެ ޓީމަށް ކާމިޔާބު ކޮށްދިނީ އަރަމުން އަންނަ ކުޅުންތެރިޔާ ޒައިން ޒަފަރެވެ.

އެފްއޭއެމް އަންޑާ ނައިންޓީން ޔޫތް ޗެންޕިއަންޝިޕް 2021/22 ފުޓްބޯޅަ މުބާރާތުގައި ޖުމްލަ 9 ޓީމެއް ބައިވެރިވި އެވެ. ދެ ގުރޫޕަކަށް ބަހާލައިގެން ކުރިޔަށްގެންދިޔަ މި މުބާރާތުގެ ފައިނަލް މެޗަށްފަހު ބޭއްވި އިނާމުދިނުމުގެ ރަސްމިއްޔާތުގައި ޗެމްޕިއަން ޓީމަށް ވާދައިގެ ތައްޓާއި މެޑަލް އަދި ހަނދާނީ ލިއުން ހަވާލުކޮށްދެއްވީ ނައިބުރައީސް ފައިސަލް ނަސީމެވެ.

މިއަދު ރަސްމީގޮތުން ހުޅުވި ނިލަންދޫ ފުޓްބޯޅަ ސްޓޭޑިއަމްގެ ދަނޑަކީ މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓުގެ ބެލުމުގެ ދަށުން ސަރުކާރު ބަޖެޓުން ހަރަދުކޮށްގެން، ޓާފް އަޅައި ތަރައްގީ ކޮށްފައިވާ ދަނޑެކެވެ.