ޕެންޝަން އޮފީސް

ޕެންޝަން އޮފީހުގެ ބޯޑަށް ދެ ބޭފުޅަކު އައްޔަން ކުރައްވައިފި

Feb 13, 2022

ޕެންޝަން އޮފީހުގެ ބޯޑަށް ދެ ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

ޕްރައިވެޓް ސެކްޓަރު ތަމްސީލުކުރައްވާ މެންބަރުންގެ ގޮތުގައި ބޯޑަށް އައްޔަންކުރެއްވި ދެ ބޭފުޅުންނަކީ އޮޕްޓިމޯ އެލްއެލްޕީގެ މެނޭޖިން ޕާޓްނަރު އަބްދުލް މަޖީދު އަލީ އާއި މޯޓެޒާ ކެޕިޓަލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޣާލީ މުރުތަލާ އެވެ.

އަބްދުލް މަޖީދަކީ އޮޑިޓިން އާއި އެސްއެމްއީ ފައިނޭންސްގެ އިތުރުން ގަވާނަންސް ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ޣާލީ އަކީ ރިއަލް އެސްޓޭޓް އިންވެސްޓްމަންޓާއި ހޮސްޕިޓަލިޓީގެ ދާއިރާގެ ތަޖުރިބާކާރެކެވެ.

އަބްދުލްމަޖީދާއި ޣާލީ ބޯޑަށް އައްޔަންކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ޕެންޝަން ބޯޑުގައި ޕްރައިވެޓް ސެކްޓަރު ތަމްސީލް ކުރައްވާ އަދި އިތުރު ދެ މެންބަރަކު ވެސް ތިއްބަވަ އެވެ. އެއީ އަލްއުސްތާޒާ ލައިލާ މަނިކާއި އަބްދުލްހަލީމް އަބްދުއްލަތީފް އެވެ. މި ބޭފުޅުން އައްޔަން ކުރައްވަނީ ތިން އަހަރުގެ މުއްދަތަކަށެވެ.

ޕެންޝަން އޮފީހުގެ ބޯޑުގައި ޖުމްލަ އަށް މެންބަރުން ހިމެނެ އެވެ. ބޯޑުގެ ޗެއާޕާސަން އަކީ އާތިފާ އަލީ އެވެ.

ޕެންޝަން އޮފީހުގެ ބޯޑަށް ޕްރައިވެޓް ސެކްޓަރު ތަމްސީލް ކުރެއްވުމަށް ބޭފުޅުން އައްޔަންކުރައްވަނީ އެ މަގާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެެރެއިން ހާއްސަ ކޮމިޓީއަކުން ނަންތައް އިވެލުއޭޓްކޮށް ޝޯޓްލިސްޓް ކުރުމުން ރައީސުލްޖުމްހޫރިއްޔާ އެވެ.