އެމެރިކާގެ އިންޑިއާގައި ދިރިއުޅޭ ލެކްސީ ރީޑު އަކީ ފިޓްނަސް އިންފްލުއެންސާ އެކެވެ. ސޯޝަލް މީޑިއާގައި ފިޓްނަސްގެ ރޮނގުން ނުފޫޒުގަދަ މީހެކެވެ. ފިޓްނަސް އާ ގުޅޭ ގޮތުން އޭނާގެ ތަޖުރިބާތަކާއި ވާހަކަތައް ގިނަ ބަޔަކަށް ވަރަށް ކަމުދެ އެވެ.
އުމުރުން 31 އަހަރުގެ ލެކްސީ މީގެ ދެ އަހަރު ކުރިން ބަރުދަން ލުއިކުރުމުގެ މަސައްކަތް ފެށިއިރު އޭނާގެ ބަރުދަނުގައި 217 ކިލޯގްރާމް ހުއްޓެވެ.
ފާއިތުވީ ދެ އަހަރު ތެރޭ ލެކްސީ ރީޑުގެ ބަރުދަނުން 141 ކިލޯ މަދުވުމުން މިހާރު އޭނާގެ ބަރުދަނަކީ 78 ކިލޯ އެވެ. މިހާ ކުރު މުއްދަތެއްގައި ބަރުދަނުން މިހާ ބޮޑުތަން ލުއިވުމަކީ ލެކްސީ ފިޓްނަސްގެ ކަންތައްތައް ގެންދާލެއް ރަނގަޅުކަން ސާބިތުވާ ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. ސަބަބަކީ އޭނާ ބަރުދަން ލުއިކުރުމަށް ކުރި މަސައްކަތްތައް ފުރަތަމަ ދުވަހުން ފެށިގެން އޭނާ ސޯޝަލް މީޑިއާގައި ޝެއާ ކުރަމުން ގެންދިޔައިމަ އެވެ. އޭނާ ޝެއާ ކުރި ވާހަކަ ތަކަށް ބަލާއިރު ވަރަށް ފަހަކާ ޖެހެންދެން އޭނާގެ ބަރުދަން ލުއިކުރުމުގެ ދަތުރު ދިޔައީ ވަރަށް އޮމާން ކޮށެވެ. ނަމަވެސް މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ކުއްލިއަކަށް އޭނާ ވަރަށް ބޮޑަށް ބަލިވި އެވެ. އަދި ޑޮކްޓަރަށް ދެއްކުމުން އެތެރެހަށީގެ އެތައް ގުނަވަނެއް ފެއިލްވެފައިވާކަން އެނގުނެވެ.
މިހާރު ލެކްސީ އޮތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ. ދެ ކިޑްނީ ފޭލްވުމުގެ ސަބަބުން ގަވާއިދުން ޑައިލެސިސް ހަދަން ޖެހެ އެވެ. އަދި ހިނގާބިނގާވެ ނޫޅެވެ އެވެ.
ލެކްސީ އަށް ދިމާވި މި ހިތާމަވެރި ވާހަކަތައް އޭނާގެ ފިރިމީހާ ޑެނީ ވަނީ އިންސްޓަގްރާމްގައި ހިއްސާ ކޮށްފަ އެވެ. މި ޕޯސްޓްގައި ލެކްސީ ހޮސްޕިޓަލުގެ އެނދުގައި ޚަބަރު ހުސްވެފައި އޮއްވާ ނަގާފައިވާ ފޮޓޮއެއްވެސް ޝެއާކޮށްފައި ވެއެވެ.
ޑެނީ ލިޔެފައިވާ ގޮތުގައި ހޮސްޕިޓަލުގައި އެޑްމިޓްކުރުމުގެ ދުވަސްކޮޅެއް ކުރިންސުރެ ލެކްސީ ބަލިވާން ފެށި އެވެ. އަދި އެއްވެސް އެއްޗެއް ނުކެވެން ފެށި އެވެ. އަދި ލެކްސީ އުޅޭ ގޮތުން ކޮންމެވެސް ކަމެއް ގޯސްކަމަށް ޝައްކު ކުރެވިގެން ހޮސްޕިޓަލަށް ގެންދިޔުމުން އައިސީޔޫގައި އެޑްމިޓްކޮށް މިހާރު އޮތީ އިންޑިއުސްޑް-ކޯމާ އެއްގަ އެވެ. އަދި ވެންޓިލޭޓަރު ގުޅާފައި މިހާޜު އޮތް ކަމަށާއި ލެކްސީގެ އެތެރެހަށީގެ ބައެއް ގުނަވަންތައް ފެއިލްވަމުންދާކަމަށް ޑޮކްޓަރުން ބުނި ކަމަށް ވެސް އޭނާގެ ފިރިމީހާ ބުނެފައި ވެއެވެ.
ލެކްސީ އާއެކު އޭނާގެ ބަރުދަން ލުއިކުރުމުގެ ދަތުރުގައި ފިރިމީހާ ޑެނީ ވެސް ބައިވެރިވި އެވެ. އެމީހުން ބަރުދަން ލުއިކޮށްފައިވަނީ ކެއުމާއި ކަސްރަތުންނެވެ. ޑެނީ ވެސް ވަނީ އޭނާގެ ކުރީގެ ބަރުދަން ކަމަށްވާ 94 ކިލޯ އިން 43 ކިލޯ އަށް ބަރުދަން ލުއިކޮށްލާފަ އެވެ.
ދެ އަހަރު ތެރޭ އެހާ ބޮޑުތަން ބަރުދަނުން ލުއިވުމުން ލެކްސީގެ ގައިގެ ހަންތައް ދޫވެ އެލެން ފެށުމުން އޭނާ ވަނީ ނުވަ ގަޑިއިރުގެ ސާޖަރީއެއް ހަދައި ހަންގަނޑު ވާން ކޮށްފަ އެވެ.