އިންޑިއާ ސަރުކާރުން ސިފައިންގެ ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލަށް މެޑިކަލް އިކްއިޕްމަންޓްތަކެއް ހަދިޔާ ކޮށްފި އެވެ.
ބަންޑާރަކޮށީގައި މިއަދު މެންދުރު ފަހު ބޭއްވި ރަސްމިއްޔާތުގައި އިންޑިއާ ސަރުކާރުން ހަދިޔާކުރި މި އިކްއިޕްމަންޓްތަކާ ހަވާލުވެވަޑައިގަތީ މިނިސްޓަރު އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީއެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން މި ތަކެތި ހަވާލު ކުރެއްވީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ޑިފެންސް ސެކްރެޓަރީ އަޖޭ ކުމާރެވެ.
އިންޑިއާ ސަރުކާރުގެ ފަރާތުން މިއަދު ހަދިޔާކުރީ 2800 ކިލޯ ގްރާމް ގެ މެޑިކަލް އިކްއިޕްމަންޓްގެ ތެރޭގައި ހިމެނެނީ ސިއްހީ އިމަޖެންސީގައި ބޭނުންކުރާ ބައެއް އާލާތްތަކާއި ހޮސްޕިޓަލުގައި ބޭނުންކުރާ ބައެއް އާލާތްތަކެވެ.
އިންޑިއާ ސަރުކާރުން ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލަށް މެޑިކަލް އިކްއިޕްމަންޓްތަކެއް ހަދިޔާ ކުރުމަށް ބޭއްވި މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި މިނިސްޓަރު އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަހްމަދު ހަލީލް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް އާއި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާ އަސްކަރިއްޔާގެ އިސް ވަފުދުގެ ބޭފުޅުންނާއި އަދި ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.