ބޮލީވުޑް

ބަނޑުބޮޑޭ ލިޔުނަސް ދަރިއަކު ނުލިބޭ: ބިޕާޝާ

މީޑީއާތަކުން އަބަދާ އަބަދު އޭނާ ބަނޑު ބޮޑޭ ކިޔައިގެން ޚަބަރުތައް ފެތުރިޔަސް އަދިވެސް ދަރިއަކު ނުލިބޭ ކަމަށް ބިޕާޝާ ބާސޫ ބުނެފި އެވެ. ބިޕާޝާ އާއި ޓީވީ އެކްޓަރު ކަރަން ސިންގް ގްރޯވަރު ކައިވެނި ކޮށްފައި ވަނީ 2016 ވަނަ އަހަރުގެ އެޕްރީލް މަހު އެވެ. އޭގެ ފަހުން ފާއިތުވީ އަހަރުތަކުގައި ބިޕާޝާ އަށް ދަރިއަކު ލިބެން އުޅޭކަމަށް ބުނެ ދޭތެރެ ދޭތެރެއިން ޚަބަރުތައް ފަތުރާފައި ވެއެވެ.

ބިޕާޝާ ބުނި ގޮތުގައި ދަރިއަކު ނުހޯދިޔަސް އޭނާ އާއި ކަރަންގެ ދިރިއުޅުން ވަރަށް އުފާވެރި އެވެ. އެހެންވެ މީޑިއާތަކުން ފަތުރާ ޚަބަރުތަކަށް އެމީހުން އެހާ ބޮޑު ސަމާލުކަމެއް ނުދެ އެވެ.

"ބަނޑުބޮޑޭ ކިޔައިގެން ލިޔާ ޚަބަރުތައް އެމީހުން އަމިއްލައަށް ދޮގު ކުރަނީ ވެސް. އަނެއްކާ އިރުކޮޅަކުން ބުނާނެ ބަނޑުބޮޑޭ. އެހެން ލިޔެ ލިޔެ އަބަދު ތިބެނީ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ވިއްޔާ އަހަރެން އަބަދުވެސް ބަނޑުބޮޑު. ދުވަހަކު ވިހާތަނެއް ނާދޭ،" ބިޕާޝާ ބުންޏެވެ.

ޖެނުއަރީ 7، 2022 ގައި ބިޕާޝާއަށް 43 ވަނަ އުފަން ދުވަސް ފާހަގަކުރި ބިޕާޝާ ބުނި ގޮތުގައި އޭނާ އާއި ކަރަން އާއިލާއެއް ފައްޓަން އެމީހުންގެ ފޭނުން ވަރަށް އެދޭކަން އޭނާއަށް ވެސް އެނގެ އެވެ. އެހެންވެ އެ ގޮތަށް ފަތުރާ ޚަބަރުތައް އެމީހުން ނަގަނީ ވަރަށް ޕޮޒިޓިވް ކޮށެވެ. އަދި ގަޑީ ޖެހުނީމަ ދަރިން ވެސް ލިބޭނެ ކަމަށް ބިޕާޝާ ބުންޏެވެ.