ބޮލީވުޑް

ބިޕާޝާ އާއި ކަރަންގެ ދަރިފުޅަށް ކިޔަނީ ދޭވީ

ބިޕާޝާ ބާސޫ އާއި ފިރިމީހާ ކަރަން ސިންގް އަށް އަންހެން ދަރިއަކު ލިބިއްޖެ އެވެ.

ބިޕާޝާ ވިހޭކަން ހާމަކުރަން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ދެމަފިރިން ބުނެފައިވަނީ އެމީހުންގެ ދަރިފުޅުގެ ނަމަކީ "ދޭވީ ބާސޫ ސިންގް ގްރޯވަރު" ކަމަށެވެ. އަދި ކުއްޖާ އުފަންވީ 12.11.2022 ގައި ކަމަށެވެ.

ބިޕާޝާ އާއި ކަރަން އަށް ދަރިއަކު ލިބިފައި މިވަނީ ކައިވެނިކުރިތާ ހައެއްކަ އަހަރު ފަހުންނެވެ.

މިދިޔަ އޮގަސްޓް މަހު ބިޕާޝާ ބަނޑުބޮޑުކަން އިއުލާންކުރަމުން ބުނެފައިވަނީ ދެ މީހުން އެކަކު އަނެކަކު ދެކެވާ ލޯބި ބޮޑުކަމުން ގޮސް ތިންވަނަ ފަރާތަކަށް ހިއްސާ ކުރަން ބޭނުންވީ ކަމަށެވެ.

ބިޕާޝާ މީގެ ދުވަސްކޮޅެއް ކުރިން ދީފައިވާ އިންޓަވިއު އެއްގައި ބުނި ގޮތުގައި ބަނޑުބޮޑު ވީއްސުރެ ކަރަންގެ އެހީތެރިކަން އޭނާ ބޭނުންވި ކޮންމެ ވަގުތެއްގައި ވެސް ލިބެމުންދިޔަ އެވެ.

"ބަލިވެ އިނުމާ ގުޅިގެން އަހަރެން ވަރަށް ބޮޑަށް ބަލިވި. އެހެންވެ އަހަރެން ލައްވާ ކަރަން އެއްވެސް ކަމެއް ނުކުރުވާ. އަހަރެމެން ކައިވެނި ކުރިތާ ހަ އަހަރު ފުރުނުއިރު އަހަރެން މިހާ އެކްޓިވް ނޫންކޮށް ކަރަން ދުވަހަކުވެސް ނުދެކޭނެ،" ބިޕާޝާ ބުންޏެވެ.

ބިޕާޝާ އާއި ކަރަން ބައްދަލުވީ އެކުގައި ކުޅުނު ފިލްމެއްގެ ސެޓުންނެވެ. އަދި ކައިވެނިކޮށްފައިވަނީ 2016ގެ އެޕްރީލްގަ އެވެ.