ހަބަރު

ރައީސް ޔާމީނަށް އިންޒާރުގެ މެސެޖްތައް ފޮނުވި މީހާ ރަށު ބަންދުކޮށްފި

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް އިންޒާރުދީ، މެސެޖްތައް ފޮނުވި ހއ. ބާރަށު، އަހުމަދު ޔާމީން ތިން މަސް ދުވަހަށް ރަށު ބަންދުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "އަވަސް" އަށް ވިދާޅުވީ ޔާމީންނަށް ރަށު ބޭރަށް ނުދެވޭ ގޮތަށް ޝަރުތުކޮށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން އޭނާ ދޫކޮށްލާފައިވާ ކަމަށެވެ. އޭނާ ރަށު ބަންދުކޮށްފައިވަނީ ތިން މަސް ދުވަހަށެވެ.

އަހުމަދު ޔާމީން ހައްޔަރު ކޮށްފައިވަނީ ރައީސް ޔާމީންނަށް އިންޒާރުދިން މައްސަލާގައި މިދިޔަ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހުއެވެ. އިންޒާރުދިން މައްސަލާއާ ގުޅިގެން ފުލުހުން ވަނީ އޭނާ ދިރިއުޅޭ ބާރަށު ސީޑީޒްގެއާއި، އޭނާ ކުރިން ދިރިއުޅުނު އެރަށު ރޯޝަނީ މަންޒިލް ބަލައި ފާސްކޮށްފައެވެ.

އެ ދެ ގެ ބަލައި ފާސްކުރުމަށްފަހު ހެކީގެ ގޮތުގައި އަހްމަދު ޔާމީން ބޭނުންކުރި ސިމް ކާޑަކާއި ކޮމްޕިއުޓަރެއްގެ ހާޑް ޑިސްކް ފުލުހުން ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

ރައީސްއަށް އިންޒާރުދިން މައްސަލާއާ ގުޅިގެން، އަހުމަދު ޔާމީން ދިރިއުޅޭ ގެތައް ބަލައި ފާސްކުރުމަށް ހދ.ކުޅުދުއްފުށީ ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ، ސީޑީޒްގޭ އަހްމަދު ޔާމީންގެ ނަމުގައި ރަޖިސްޓަރ ކުރެވިފައިވާ ފޯނު ނަމްބަރަކުން ރައީސުލްޖުމްހޫރިއްޔާއަށް އިންޒާރުގެ މެސެޖުތަކެއް ފޮނުވަމުން ގެންދާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި ފުލުހުންނަށް ލިބިފައިވާ އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް ދެ ގެ ވެސް ބަލައި ފާސްކުރުމަށް ކޯޓުން އަމުރު ކޮށްފައިވެ އެވެ.