އައިލެންޑް އޭވިއޭޝަން

ހުކުރު ދުވަހު މަޑިވަރަށް ދަތުރުތައް ފަށަނީ

Feb 15, 2022

ޅ. މަޑިވަރު އެއާޕޯޓަށް ކޮމާޝަލް ދަތުރުތައް މިމަހުގެ 18 ވަނަ ދުވަހު ފެށުމަށް ނިންމައިފި އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން މަޑިވަރު އެއާޕޯޓް އޮޕަރޭޓް ކުރުމަށް ހަމަޖެހިފައިވާ އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ވިދާޅުވީ ކޮމާޝަލް ދަތުރުތައް އިފްތިތާހު ކުރުމުގެ ގޮތުން މިމަހުގެ 18 ވަނަ ދުވަހު އެ ކުންފުނީގެ މޯލްޑިވިއަންގެ ފްލައިޓެއް މަޑިވަރަށް ދަތުރުކުރާނެ ކަމަށެވެ.

"އެ ދުވަހުން ފެށިގެން ކޮމާޝަލް ދަތުރުތައް ފެށުމަށް އަޅުގަނޑުމެން މިވަނީ ނިންމާފައި،" ޖެނިފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޑިވަރަށް ދަތުރުކުރާ އަގުތައް އަދި ދަތުރުކުރާ ދުވަސްތައް މިއަދު ހާމަކުރާނެ ކަމަށެވެ.

މަޑިވަރު އެއާޕޯޓްގެ ދަތުރުތައް ފެށުމަށްޓަކައި އެ އެއާޕޯޓްގައި މަސައްކަތް ކުރާނެ މުވައްޒަފުން ވެސް މިދިޔަ މަހު ވަނީ ހޯދާފަ އެވެ.

ސިޓީ ހޮޓަލަކާ އެކު، މަޑިވަރުގައި ރީޖަނަލް އެއާޕޯޓެއް އަޅަން މަޝްހޫރު ޓޫރިޒަމް ކުންފުނި ކްރައުން އެންޑް ޗަމްޕާ ކުންފުނީގެ ސަބްސިޑަރީއެއް ކަމަށްވާ ކުރެއްދޫ ހޯލްޑިންގްސްއާ ހަވާލުކުރީ 29 މެއި 2018 ގައެވެ.

މަޑިވަރު އެއާޕޯޓުގެ މަސައްކަތް ނިންމާ އެ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސީ މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހު އެވެ. އައިލެންޑް އޭވިއޭޝަނުން މަޑިވަރު އެއާޕޯޓް ހިންގުމާ ހަވާލުވެ އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ.