އެޗްޑީސީ

ހުޅުމާލެ ބީޗް ފްރަންޓްގެ 34 ބިމަށް ބިޑްކުރުން މާދަމާ

ހުޅުމާލެ ބީޗް ފްރަންޓުން ވިއްކާ 34 ބިމަށް ބިޑް ހުށަހެޅުމުގެ ފުރުސަތު މާދަމާ ބޭއްވުމަށް ނިންމައިފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ މާދަމާ ހެނދުނު 9:00 އިން 12:00ގެ ނިޔަލަށް މި ބިންތަކަށް ހުށަހަޅާ ބީލަންތައް ބަލައިގަތުން އޮންނާނެ ކަމަށެވެ. ބީލަން ބަލައި ގަތުން އޮންނާނީ ހ. މީރުމާ، ދެވަނަ ފްލޯގަ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ވިއްކަން ކަނޑައަޅާފައިވަނީ 60 ބިމެވެ. އެޗްޑީސީން ވިއްކަން ނިންމާފައިވަނީ 1603.07 އަކަފޫޓާއި 2633.93 އަކަ ފޫޓާ ދެމެދުގެ ބިން ތަކެކެވެ.

ސަރުކާރުގެ ސިޔާސަތުގެ ދަށުން މާލޭ މީހުންނަށް ބިން ދިނުމަށް އިސްކަން ދިނުމުގެ ގޮތުން އެޗްޑީސީން ވަނީ މި ބިންތަކަށް ބީލަށް ހުށަހެޅޭނީ ހަމައެކަނި މާލޭގެ މީހުންނަށް ކަމަށް ކަނޑައަޅާފަ އެވެ. ބިންތައް ވިއްކާނީ އެންމެ މަތިން އަގު ހުށަހަޅާ ފަރާތް ތަކަށެވެ.

ބިން ގަތުމުގެ ޝަރުތަކުގެ ތެރޭގައި މާލޭ ސަރަހައްދުން ދިރިއުޅުމަށް 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ނުވަތަ ގޯއްޗެއް ރަޖިސްޓްރީކޮށްފައިވާ މީހަކަށް ނުވުމާއި، މާލެ ސަރަހައްދުން ބިމެއް ނުވަތަ ގޯއްޗެއް އެކަކަށް ވުރެ ގިނަ މީހުންގެ ނަމަށް ރަޖިސްޓްރީ ކޮށްފައިވާ ނަމަ 600 އަކަފޫޓަށް ވުރެ ބޮޑު ބައެއް ލިބިފައިވާ މީހަކަށް ނުވުމާއި އަދި ހުޅުމާލެއިން ބީލަމުގެ އުސޫލުން ބިމެއް ގަނެފައިވާ ފަރާތަކަށް ނުވުން ހިމެނެ އެވެ.

އެޗްޑީސީން ވަނީ ހުޅުމާލޭ ބީޗު ފްރޮންޓުން ވިއްކާ 60 ބިމުގެ ތެރެއިން 26 ބިމުގެ ބިޑްގެ މަސައްކަތް ނިންމާފަ އެވެ. އެ ބުރުގައި އެންމެ މަތީ އަގަކަށް ހުށަހެޅީ އަކަފޫޓަކަށް 10 މިލިއަން ރުފިޔާ އެވެ. ނަމަވެސް އެއީ އޮޅުމެއް ކަމަށް ފަހުން ވަނީ ނިންމާފަ އެވެ.

ހުޅުމާލެ، ބީޗު ފްރޮންޓުން ވިއްކާ 34 ބިމުގެ އަގު ފެށެނީ އަކަފޫޓެއް 3،500 ރުފިޔާ އިންނެވެ. އެ ތަނުން ބިމެއްގެ އެންމެ ކުޑަ އަގު ވެސް 5.6 މިލިއަން ރުފިޔާ ޖެހެ އެވެ.