ވާހަކަ

ހިތް ރުއްސާނުތޯ

( 13 ފެބްރުއަރީ 2022 އާ ގުޅޭ )

"ނުހުރެ އާދެބަލަ..." ޒެހެން ބުނެލިއެވެ. އެއާއެކު ހޫރައިން ކޮޓަރިތެރެއަށް ވަދެގެން އައެވެ.

"ކީއްވެ ބުރުގާ އަޅައިގެން ތިއުޅެނީ." ޒެހެންގެ މަގަތުން އެނދުގައި ހޫރައިން އިށީނުމާއެކު އޭނާގެ އަތުގައި ޒެހެން ހިފާލިއެވެ.

"ކަމެއްނުވޭ." ހޫރައިން ބުނެލިއެވެ.

"ރޭގަ އަހަރެންގެ ކައިރީގަ އޮތް އަނބިމީހާ ދެން ނުފެންނާނެތަ؟." ޒެހެން ބުނެލިއެވެ. ލަދުން އިންފަދައަކުން ހޫރައިން ބުރުގާ ނެގިއެވެ. ޒެހެންއަކީ ފިރިމީހާއަށްވާއިރު އެހެން ފޮރުވިގެން އުޅުމުގެ ބޭނުމެއްނެތްކަން ހޫރައިންއަށް އެނގެއެވެ. އެހެންވިޔަސް އޭނާ ލަދުގަންނަނީއެވެ. މިހާ ދުވަހު މަންމައާއި ދަރިފުޅުގެ ކުރިމަތީ ނޫނީ ބުރުގާ ނަގައިގެން ނޫޅޭތީ އެގޮތަށް އާދަވެފައިވާތީއެވެ.

"މަގޭ ލޯބި އަނބިމީހާ." ޒެހެން ކިޔާލިއެވެ. ހޫރައިން އިހުނަށްވުރެ ލަދުގަތެވެ. ބަލަން ނުކެރިފައި އިންހެން އިސްއޮބާލައިގެން އިނެވެ. ތުންފަތުގައިވީ ހިނިތުންވުން ފަނޑުނުވެއެވެ. މަޑުމަޑުން ހޫންއެއް ހޫރައިން ލައްވާލިއެވެ. ޒެހެން ގޮވާލި އަޑު އިވުނުކަން އަންގާލުމަށް ކޮށްލި އިޝާރާތެއް ފަދައިންނެވެ.

"މަންމަމެން އައިތަ؟." ހޫރައިންގެ ކަނާއަތްތިލައިގެ އިނގިލިތަކާ ކުޅެމުން ޒެހެން އަހާލިއެވެ. ޖަވާބަކަށް މަޑުމަޑުން ހޫރައިން ދެފަރާތަށް ބޯހޫރާލީއެވެ.

"ސައި ހަދާފަ ހުންނާނީ." ހޫރައިން ބުންޏެވެ.

"ހޫރް ސައިބޮއެފިންތަ؟." ޒެހެން އަހާލިއެވެ.

"ސައިތަށްޓެއް ބޯލިން. އެންމެން އެއްކޮށްނޫންތަ ކާނީ." ހޫރައިން އަހާލިއެވެ. ޒެހެން ހޫން ލައްވާލިއެވެ. ދެން ހޫރައިންގެ އަތަށް ދަމާލިއެވެ. އިހުނަށްވުރެ ވެސް ގާތަށް ޖެހިލުމަށް އިޝާރާތްކުރަމުންނެވެ. ހޫރައިން އެފަދައިން ކަންތައް ކުރިއެވެ.

"ވާހަކައެއް އަހާލަންތަ؟." ޒެހެން ފަރުވާތެރިކަމާއެކު ހޫރައިންގެ މޫނަށް ބަލަން އޮތެވެ. އޭނާ އާނއެކޭ ބުނާފަދައިން ބޯޖަހާލީމާ ވާހަކަދެއްކިއެވެ.

"އަހަންނާއެކު އެކަނިވާން ހޫރް ބިރުގަނޭތަ؟. މިބުނީ... ކައިރިވެދާނެތީ..." ޒެހެން މިހެން އަހާލުމާއެކު ހޫރައިންގެ ނަޒަރު ވަގުތުން ހުއްޓުނީ ދަރިފުޅަށެވެ.

"ފަހުން..." ހޫރައިން ނިކަން އަވަހަށް ބުނެލިއެވެ.

"ޔޫކް ނިދާފަ އެއޮތީ. ހޫރް!... ރޭގަ... އެހާ ދުރުގަ އޮތީ އަހަރެން ކައިރިވެދާނެތީތަ؟. އަހަންނަށް އެނގޭ ހޫރް އެއްގޮތަކަށް ވެސް ރޭގަ ނުނިދާކަން. ތިވެސް އިންސާނެއް. ވަރުބަލިނުވެއެއް ނުހުންނާނެ."

"ޒެން..." ހޫރައިން ގޮވާލީ މަޑުމަޑުންނެވެ. އޭނާ ގަސްދުގައި ޒެހެންއާ ދުރުވެގަންނަނީ ނޫންކަން ބުނަން ބޭނުންވިއެވެ.

"އަދި ގޮވާލަބާ." ޒެހެންގެ މޫނަށްވެރިވި ސީރިއަސްކަން ކުއްލިއަކަށް އެހެން ސިފައެއް ޚިޔާރުކުރީ ނުހަނު އަވަހަށެވެ.

"ޒެހެން..." ޒެހެން އެދުމުން ހޫރައިން އަނެއްކާ ވެސް އޭނާގެ ނަން ކިޔާލައިފިއެވެ.

"ދެންމެ ގޮވާލިހެން." ޒެހެންގެ އިނގިލިތަކުގެ ދޭތެރެއަށް ހެޔޮވަރުކޮށްލެވިފައިވާ ހޫރައިންގެ އަތްތިލަ ގެނެސް އޭނާގެ ތުންފަތާ ކައިރިކޮށްލިއެވެ. ހޫރައިން ފުރަތަމަ ގޮވާލި ފަދައިން ޒެންއޭ ގޮވާލިއެވެ. އެހިނދު ފުޅާ ހިނިތުންވުމެއް ޒެހެންގެ މޫނަށް ވެރިވެގެންދިޔައެވެ. އެހެން މީހުންގެ ކުރިމަތީ ޒެހެންގެ ނަން ކިޔަން ހޫރައިން ޖެހިލުމެއްނުވެއެވެ. އެކަމަކު އޭނާގެ ކުރިމަތީ އޭނާގެ ނަން ކިޔަންވެއްޖެނަމަ ހޫރައިންއަށް ދަތިވާކަން ޒެހެން ދެނަހުއްޓެވެ. ހޫރައިން އެފަދަ ސިފަތައް ޒެހެންގެ ހިތުގެ ވިންދު އަވަސްކުރުވައެވެ.

"އަހަރެންގެ ނަމުން ގޮވާލަން ވެސް ހޫރް ލަދުގަންނަނީތަ؟." ހީނލަމުން ޒެހެން ބުނެލިއެވެ. ހޫރައިން ތުންފިއްތާލައި ލޯހިމަކޮށް ޒެހެންއަށް ބަލާލިއެވެ.

"ތިގޮތް އަދި މާ ލޯބި. ދޮނެއް ނަގަންތަ؟." ހޫރައިން ބަލާލިގޮތް ފެނި ޒެހެން ހެމުންހެމުން ބުނެލިއެވެ.

"މަންމީ..." ޔޫކް ބޯހިއްލާލާ ގޮވާލީ އެވަގުތެވެ. އެކުއްޖާ ޒެހެންގެ އަތްމަތިން ތެދުވެ އިށީނެވެ. ދެން ޒެންއޭ ކިޔާ ޒެހެންއަށް ގޮވާލައިފިއެވެ. އެ ފަންފަން އިސްތަށިކޮޅުގައި ޒެހެން އަތްތިލަ ހިންގާލިއެވެ.

ހޫރައިން އަވަސްއަވަހަށް އެނދުން ތެދުވިއެވެ. އެއާއެކު ޒެހެން ވެސް އެނދުން ތެދުވެއްޖެއެވެ. ސައިބޯން ދާންވީކަމުގައި ޔޫކް ގާތު ޒެހެން ބުނެލިއެވެ. ހޫރައިންއަށް ބަލާލާފައި ފާޚާނާއަށް ވެދެފައި އެބަދަމޭ ބުނެލިއެވެ. އެނދުމަތިން ފުންމާލި ޔޫކް ގޮވައިގެން ހޫރައިން ކޮޓަރިން ނުކުތީއެވެ.

"މާމަ ކޮބާ؟" ގޭތެރެއިން ސުމައްޔާ ނުފެނުމުން ޔޫކް އަހާލިއެވެ.

"ހިނގާ މާމައަށް ގުޅަމާ. ސައިބޯން އަންނާށޭ ބުނަންވާނެއެއްނު." ހޫރައިން ފޯނު ނަގަމުން ބުނެލިއެވެ. އޭނާ ސުމައްޔާއަށް ގުޅާފައި ވާހަކަދެއްކުވީ ޔޫކް ލައްވައެވެ. ދަރިފުޅުގެ ވާހަކަ ބަދަލުވެލި ގޮތުން ފޯނުގެ އަނެއްކޮޅުން ވާހަކަދައްކަނީ ހަމައެކަނި ސުމައްޔާ ނޫންކަން ދެނެގަންނަން ހޫރައިންއަށް އެނގުނެވެ. އެމީހުންގެ ގާތަށް ޒެހެން އައުމާއެކު ކާމޭޒުދޮށުގައި އެންމެން އިށީނެވެ. އެޕާޓްމެންޓްގެ ތަޅުހުޅުވާލައި އެތެރެއަށް ސުމައްޔާ ވަދެގެން އައިއިރު ފަހަތުގައި މިއުނާ ހުއްޓެވެ. މާމަ ފެނުމުން ޔޫކް އަވަސްއަވަހަށް ފޯނު ހޫރައިންއަށް ދިއްކޮށްލިއެވެ.

ނާސްތާކޮށްގެން މިއުނާ ސުމައްޔާއާއި މިއުނާ ދިޔައީ ޔޫކް ގޮވައިގެންނެވެ. އެއާއެކު އެޕާޓްމެންޓުގައި ޒެހެންއާއެކު ހޫރައިން އެކަނިވިއެވެ. ކޭތަށިތައް ނަގަން ހޫރައިން އަވަސްވެލި ހިނދު އޭނާގެ އަތުގައި ޒެހެން ހިފެހެއްޓިއެވެ. އަނބިމީހާ ގެނެސް ގޮނޑީގައި ބޭންދިއެވެ.

"އޭރު ފެށި ވާހަކަ ނުނިމޭ. މިހާރު ޔޫކްއެއް ވެސް ނެތް." ޒެހެން ބުނެލިއެވެ. އެއާއެކު ހޫރައިން ބޯޖަހާލައިފިއެވެ.

"ހޫރް. އަހަރެން ބޭނުން ހޫރަށް ވަގުތު ދޭން. އެކަމަކު އަހަންނަށް ހީނުވަނީ ދުރުގައި މިހެން ތިއްބަސް ހޫރަށް ބަދަލެއް އަންނާނޭހެން. ކައިރިވާން މަސައްކަތް ނުކޮށް މިދެމެދުގަ އެކަހަލަ ގުޅުމެއް ނުހިނގާނެއޭ ހީވަނީ... ހޫރް!... އަހަރެން... ހޫރަށް ބޭނުންވޭ. އަހަރެންގެ އަނބިމީހާއާއެކު ލޯބިކުރާ ހިތްވޭ. ލޯބިން މިދެއަތުގެ ތެރެއަށް ގެނެސް ބޮސްދޭން ނުހަނު ހިތް އެދޭ. އެ ފުރުސަތު އަހަންނަށް ދީފާނަންތަ؟. ހޫރް އަހަރެން ކައިރިވެދާނެތީ ބިރުން އުޅޭއިރު އަހަންނަށް ކިހިނެއް ކެރޭނީ ހޫރްއާ ކައިރިވާން." ގޮނޑި އަނބުރާލައިގެން ހޫރައިންއާ ކުރިމަތިލައިގެން އިނދެ ޒެހެން ވާހަކަދެއްކީ މަޑުމަޑުންނެވެ. ހޫރައިންގެ އުނގުގައި އޮތް ދެއަތްތިލައިގަ ހިފާލައިގެން އިންއިރު ދޭތެރެއަކުން އެ ދެއަތުގައި އޭނާ ފިރުމާލައެވެ.

"ފިރިމީހާދެކެ ބިރެއްނުގަނޭ. އެކަން... އެކަން ދެކެ ބިރުގަންނަނީ." ނުހަނު ބޮޑަށް އިސްއޮބާލައިގެން އިނދެ ހޫރައިން ވާހަކަދެއްކިއެވެ. އޭނާއަށް އަނބިފިރިކަމުގެ ގުޅުމަކީ ކޮބާކަން އެނގެއެވެ. ނަމަވެސް އޭނާއަކީ އަނތްބަކަށްވުމުގެ ކުރީން އިއްފަތްތެރިކަން ގެއްލިފައިވާ އަންހެނެކެވެ. ގަދަކަމުން މަޖުބޫރުގައި ހިންގުނު ޢަމަލުން ލިބުނު ވޭނާއި ޒަޚަމްތަކަކީ ހަނދާނުން ފުހެލަން ދަތިވެފައިވާ ކަމެކެވެ. ހޫރައިން ބިރުގަންނަނީ އަލުން އެ ތަދާއި ވޭން ތަޙައްމަލުކުރާން ޖެހިދާނެތީއެވެ. ޒަޚަމްތައް ތާޒާވެ ފިރިމީހާގެ މަތިން ފޫހިވާން ހިތަށް މަޖުބޫރުވެދާނެތީއެވެ. ޒެހެންއާ ކައިވެނި ކުރީ އޭނާއާ ވަކިވުމުގެ ވިސްނުމެއް ނެތިއެވެ. އުމުރަށް ދެމިގެންވީ ކައިވެންޏަކަށް ވުމަށް އެދިގެންނެވެ.

"އަހަންނަކީ އަނިޔާކުރާނެ މީހެއްހެން ހީވޭތަ؟ ނޫނީ ގަދަކަމުން ކަމެއް ކުރުވަފާނޭ ހީވޭތަ؟." ޒެހެން އަހާލިއެވެ. ހޫރައިން އިންގޮތަށް އިނދެ ދެފަރާތަށް ބޯހޫރާލިއެވެ.

"ދެން ޓްރަސްޓް މީ ވިތް އެވްރިތިން. ކެން ޔޫ ޑޫ ދެޓް." އިތުބާރު ކުރުމަށް ޒެހެން އެދުނީ ކޮށްލި އާދޭހެއް ފަދައިންނެވެ. ހޫރައިން މިފަހަރު ބޯޖަހާލީއެވެ. ހޫރައިންގެ ކޯތާފަތުގެ ދެފަރާތުން ޒެހެން ހިފާލިއެވެ. އެ މޫނު އުފުލާލިއެވެ. ނަޒަރު ސީދާވެލިއިރު ހޫރައިންގެ ލޮލުގައި ކަރުނައިގެ އަސަރުވިއެވެ. ނުރޯށޭ ބުނާ ފަދައިން ޒެހެން ބޯހޫރާލިއެވެ. ކުރިއަށް ޖެހިލައި އޭނާ އަނބިމީހާގެ ގައިގާ ބައްދާލިއެވެ.

"ސޮރީ..." ހޫރައިން މަޑުމަޑުން ބުނެލިއެވެ.

"ހޫރް ސޮރީ ވާންޖެހޭކަމެއް އަދި ނުވޭ. އައި ލަވް ޔޫ ސޯ މަޗް. އައި ވޯންޓް ހާޓް ޔޫ. ސޯ ޓްރަސްޓް މީ... އޯކޭ..." ޒެހެންގެ ވާހަކައަށް ހޫރައިން ބޯޖަހާލިއެވެ.

"ޗުއްޓީ ހަމަވާން ދުވަސް އެބައޮތް. ހަނީމޫން ޓްރިޕެއް ރާވަމާ. އެއީ އަދި ޑިސްކަސް ނުކުރެވި އޮތް ކަމެންނު." ހޫރައިން ދުރުކޮށްލަމުން އޭނާއާ ޒެހެން ނަޒަރު ސީދާކޮށްލިއެވެ. ހިނިތުންވެ ވާހަކަދެއްކިއެވެ.

"ޔޫކް... އަދި ދުވަހަކުވެސް އެއްވެސްތާކަށް ނުދަން. ޔޫކް އެކަނި ބަހައްޓާފަތަ ދާންވީ." ހޫރައިންއަށް ބުނެވުނެވެ.

"ޔޫކް ގޮވައިގެންދާނީ. އެކަމަކު ދަރިފުޅާއެކު މިފިރިމީހާއަށް ވެސް ހޫރްގެ ސަމާލުކަން ބޭނުންވާނެ އިނގޭ. އެހެންވީމަ ކީކޭ ބުނަނީ. ރާވަންވީތަ؟... ދާނަންތަ؟." ޒެހެން އަހާލިއެވެ.

"ޒެން އުފާވާނެތަ؟." ހޫރައިން ބަލަން އިނީ މާނަވީ ގޮތަކަށެވެ. ޒެހެން ހީނލީއެވެ.

"ވަރަށް... ވަރަށް ބޮޑަށް..." އުފާވެރިކަމުގެ ޖޯޝު އެކުލެވިފައިވާހެން ޒެހެން ބުނެލިއެވެ. އެއާއެކު ހޫރައިން ބޯޖަހާލައިފިއެވެ. ދަތުރަށް ތައްޔާރުވާން ހޫރައިން ބުންޏެވެ.

ގިނަ ވާހަކަތަކެއް ހޫރައިން ނުދެއްކި ނަމަވެސް ޒެހެންގެ ވާހަކަތަކާމެދު އޭނާ ފުންކޮށް ވިސްނިއެވެ. ފިރިމީހާ އެބުނީ މުޅިއަކުން ދޮގު ވާހަކައެއް ނޫންކަން ހޫރައިންގެ ޟަމީރު އެއްބަސްވެއެވެ. ޒެހެން ކިތަންމެ ވަގުތެއް ދިނަސް ހޫރައިންއަށް އިސްނަގާކަށް ނުކެރޭނެއެވެ. ދެމަފިރިކަމުގެ ގުޅުމާމެދު އޮންނަ ބިރު ވެސް ފިލައިގެން ނުދާނެއެވެ. ހާލަތު ބަދަލުކުރާން ތިމާ އަމިއްލައަށް ވެސް މަސައްކަތް ކުރާން ޖެހެއެވެ. ޖެހިލުންވެ ހުރެ ވެސް ދިރިއުޅުމުގެ އެތައް ހުރަހަކާ ހޫރައިން ކުރިމަތިލަމުން އައީ އޭނާގެ ހާލަތު ބަދަލުވާން އެދިގެންނެވެ. ޒެހެންއާއެކު އޭނާ އެދޭފަދަ އަނތްބަކަށްވާން ހޫރައިންގެ ހިތާއި ނަފްސު އެދެއެވެ. ފިރިމީހާ ލޯބިވާވަރު ހާމަކުރާ ކޮންމެ ފަހަރަކު ހޫރައިންގެ ހިތުން ޖާގައެއް އެ ފިރިމީހާ ހޯދައެވެ. ކެތްތެރިކަމާއެކު އޭނާއާ ކުރިމަތިލައި ކަންކަމާ މަޝްވަރާކުރުމުގައި ޒެހެން ގެންގުޅޭ ގޮތް ހޫރައިންއަށް ކަމުދެއެވެ.

ހޫރައިން އެއްބަސްވުމުން ޒެހެން އަވަހަށް ދަތުރު ރޭވިއެވެ. ރާއްޖޭގައި ޢާއިލާތަކަށް ޚާއްޞަކޮށްފައި ހުރި ރިސޯޓުތަކުން އޭނާއަށް އެންމެ ކަމުދިޔަ ރިސޯޓަށް ދާން ހަމަޖެއްސިއެވެ. އެ ދަތުރުގައި ދެމަފިރިން އެކަނި ދިއުމަށް ސުމައްޔާ ލަފާދިނެވެ. ޒެހެންއާއެކު ހޫރައިންއަށް ވަގުތު ހޭދަކުރާން އެއީ ރަނގަޅު ފުރުސަތެއްކަން ސުމައްޔާ ގަބޫލުކުރެއެވެ. އެ ދެމަފިރިން އެނބުރި އަންނަންދެން ޔޫކް ބަލައިދޭނެކަން ވެސް ސުމައްޔާ އެއްބަސްވިއެވެ. ނަމަވެސް ޒެހެން ވެސް ހުރީ ޔޫކްއާއި ހޫރައިން ވަކިކުރާ ގޮތަކަށް ނޫނެވެ. ކުރިޔަށް އޮތީ ރަމަޟާން މަހަށްވާއިރު މިހާރު ނުގޮސްފިނަމަ ދެން ދަތުރެއް ރޭވޭނީ ރޯދަމަހުގެ ފަހަށެވެ. އެހާ ލަސްކުރާކަށް ޒެހެން ބޭނުމެއްނުވެއެވެ.

ޒެހެންމެންގެ ދެމަފިރިންނަށް ރިސޯޓަށް އާދެވުނީ މެންދުރުގެ ވަގުތެއްގައެވެ. ދޭއްޖެހުމާ ކައިރިވެފައި ހުއްޓައެވެ. އެމީހުން ތިބުމަށް ހިފާފައި ހުރީ ދެ ކޮޓަރީގެ ޕޫލް ވިލާއެކެވެ. އެކަމަށް ޒެހެން ޚަރަދުކުރި ވަރެއް ވެސް ހޫރައިންއަކަށް ނޭނގެއެވެ. އެމީހުން ހަތަރު ދުވަސް ވަންދެން އެކޮޅުގައި މަޑުކުރާ ގޮތަށް ޒެހެން އޮތީ ހަމަޖައްސާފައެވެ. ޔޫކްގެ ސްކޫލް އޮންނާނެތީ ކިޔެވުމުގެ ގިނަ ދުވަސްތަކެއް ގެއްލުވާލަން ހޫރައިންއާއި ޒެހެން ވެސް ބޭނުންނުވީއެވެ. އިތުރު ބައެއްގެ އުނދަގޫ ނުފޯރާނޭހާ އެކަހެރިކަމާއި އަމާންކަން ވަށައިގެންވިއެވެ. ދެފަރާތުގައި ބޯކޮށް ގަސްތައް ހެދިފައި އޮތްއިރު ޕޫލް ސަރަހައްދުގެ ވަށައިގެން ނިވާވާނޭ ގޮތަށް ފުޅަށްއަޅާފައި ހުއްޓެވެ. އެފަދަ މާޙައުލަކަށް ހޫރައިންއެކޭ އެއްފަދައިން ޔޫކް ވެސް އައީ އަލަށެވެ. އެކުއްޖާ ގޭތެރެ ހޯދަމުން އެތެރެއަށް ދުއްވައިގަތެވެ. ފަތާފެންގަނޑު އޮތްކަން ޒެހެން ބުނީއްސުރެ އެ ފެންގަނޑު ބަލާހިތުން އެކުއްޖާ ކެތްމަދުވެފައި ވިއެވެ.

"ޒެން... ޔޫކް ފުންމާލީމަ އަޑިއަށް ދާނެތަ." ފަތާ ފެންގަނޑަށް ބަލަން ހުރެ ޔޫކް އަހާލިއެވެ.

"ފުންމާލަމާ... އަޑިއަށް ދަންޏާ އެނގިދާނު. ޒެން ނަގާނަމޭ ޔޫކް އަޑުއަށްދަންޏާ." ފެންގަނޑަށް އެރެން ބާރުދޭހެން ޒެހެން ބުނެލިއެވެ.

"މިހާރުތަ އެރެނީ." ހޫރައިންއަށް އަހާލެވުނެވެ.

"މިގަޑި ކަމަކުނުދޭތަ؟." ލައިގެން ހުރި ގަމީސް ބާލަން ގޮށްތައް ނައްޓަން އުޅެފައި ޒެހެން ބުނެލިއެވެ.

"ބުނީމެންނު ލަންޗު ނަގަން ދާވާހަކަ." ހޫރައިން ހަނދާންކޮށްލަ ދިނެވެ.

"ބުފޭ ނެގިޔަސް ބޭނުންއިރަކު އޯޑަރކުރެވޭނެ. ޑޯންޓް ވޮރީ ވައިފީ... ކިހާ ހޫނު. އާދޭ ފިނިކޮށްލަން." ހޫރައިންގެ އުނަގަނޑުގައި ހިފައި ކައިރިއަށް ދަމާލަމުން ޒެހެން ބުންޏެވެ.

"ޒެން..." ފަތާފެންގަނޑަށް ހޫރައިން ވައްޓާލަން އުޅޭހެން ހީވުމާއެކު ޒެހެންގެ ގަމީހުގެ ހޫރައިންއަށް ބާރަށް ހިފަހައްޓާލެވުމާއެކު ގޮވާލިއެވެ.

"ޒެން... މަންމި ގޮވައިގެން ފުންމާލާ." ހެވިފައި ހުރި ޔޫކް ބުނެލިއެވެ. އޭނާ ވެސް މަންމަ އެ ފެންގަނޑަށް އެރުވަން ބޭނުންވެފައި ހުރީ ކަހަލައެވެ.

"ވެއިޓް... ހެދުން ބަދަލުކުރަން." ހޫރައިން ބުނެލިއެވެ. އެއާއެކު ޒެހެންގެ ހަރަކާތްތައް މަޑުޖައްސާލިއެވެ. ހޫރައިންގެ ލޮލާ ލޯ އަމާޒުކޮށްލައިގެން ހިނދުކޮޅަކު މަޑުކޮށްލިއެވެ. އެ ތުންފަތް ދެމިލީ މާނަވީ ގޮތަކަށެވެ. ހޫރައިންގެ ކަންފަތް ދޮށަށް ޒެހެން ގުދުވެލިއެވެ. އިންތިހާ ދަރަޖަކަށް ހޫރައިންގެ ހިތް އަވަސްވެގެން އައެވެ. ލާނެތް ސަމާސާއެއް ކުރާންށޭ ޒެހެން އުޅެނީ ހޫރައިންގެ ހިތް ބުނެލިއެވެ. އެހެންވިޔަސް ޒެހެންގެ އަތުގެ ތެރެއިން ވީއްލިގެން ދުރަށްދާކަށް އޭނާގެ ހިތެއް ވެސް ނޭދުނެވެ.

"އައި ކާންޓް ވެއިޓް." ސިއްރުން ޒެހެން ބުނެލިއެވެ. (ނުނިމޭ)