އައިލެންޑް އޭވިއޭޝަން

މަޑިވަރަށް ކުރާ ދަތުރުތަކުގެ އަގު ހާމަކޮށްފި

ޅ. މަޑިވަރު އެއާޕޯޓަށް ގައުމީ އެއާލައިނުން ކުރާ ދަތުރުތަކުގެ އަގު ހާމަކޮށްފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން މަޑިވަރު އެއާޕޯޓް އޮޕަރޭޓް ކުރުމަށް ހަމަޖެހިފައިވާ އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ވިދާޅުވި ގޮތުގައި އެއްކޮޅަށް ޓިކެޓެއްގެ އަގަކީ 1،029 ރުފިޔާ އެވެ. ދެކޮޅު ޓިކެޓްގެ އަގަކީ 2،058 ރުފިޔާ އެވެ.

ޖެނިފާ ވިދާޅުވީ ކޮންމެ ދުވަހަކު ވެސް ޝެޑިއުލް ފްލައިޓްތައް ބާއްވާނެ ކަމަށެވެ. ގައުމީ އެއާލައިނުން މަޑިވަރަށް ޝެޑިއުލް ފްލައިޓްތައް ފަށަން ނިންމާފައިވަނީ އަންނަ ހުކުރު ދުވަހުން ފެށިގެންނެވެ.

މަޑިވަރު އެއާޕޯޓްގެ ދަތުރުތައް ފެށުމަށްޓަކައި އެ އެއާޕޯޓްގައި މަސައްކަތް ކުރާނެ މުވައްޒަފުން ވެސް މިދިޔަ މަހު ވަނީ ހޯދާފަ އެވެ.

ސިޓީ ހޮޓަލަކާ އެކު، މަޑިވަރުގައި ރީޖަނަލް އެއާޕޯޓެއް އަޅަން މަޝްހޫރު ޓޫރިޒަމް ކުންފުނި ކްރައުން އެންޑް ޗަމްޕާ ކުންފުނީގެ ސަބްސިޑަރީއެއް ކަމަށްވާ ކުރެއްދޫ ހޯލްޑިންގްސްއާ ހަވާލުކުރީ 29 މެއި 2018 ގައެވެ.

މަޑިވަރު އެއާޕޯޓުގެ މަސައްކަތް ނިންމާ އެ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސީ މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހު އެވެ. އައިލެންޑް އޭވިއޭޝަނުން މަޑިވަރު އެއާޕޯޓް ހިންގުމާ ހަވާލުވެ އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ.