އިނގިރޭސިވިލާތް

އިނގިރޭސި އިސްވެރިޔަކު ރާއްޖެ ވަޑައިގެންފި

Feb 15, 2022
1

އިނގިރޭސިވިލާތުގެ މިނިސްޓާ އޮފް ސްޓޭޓް ފޯ ސައުތު އެންޑް ސެންޓްރަލް އޭޝިއާ، ދަ ޔޫއެން އެންޑް ދަ ކޮމަންވެލްތު ލޯޑު ތޯރިގް އަހްމަދު ރާއްޖެ ވަޑައިގެންފި އެވެ.

ތޯރިގު ރާއްޖެ ވަޑައިގަތުމުން ވެލާލާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލް އެވެ.

ތޯރިގަކީ 2018 ވަނަ އަހަރުގެ ފަހުން ރާއްޖެއަށް ވަޑައިގެންނެވި އިނގިރޭސިވިލާތުގެ އެންމެ އިސް އޮފިޝަލެވެ.

ރާއްޖޭގެ ޑިފެންސް މިނިސްޓްރީ އަށް ޒިޔާރަތްކުރައްވާ ތޯރިގު މިއަދު ވަނީ ޑިފެންސް މިނިސްޓަރު މާރިޔާއާ އަހްމަދު ދީދީއާ ބައްދަލުކުރައްވާފަ އެވެ.

މިބައްދަލުކުރެއްވުމުގައި މިނިސްޓަރު މާރިޔާ ވަނީ ވޭތުވެދިޔަ މިސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ރާއްޖެއާއި އިނގިރޭސީންގެ ގުޅުން އިތުރަށް ވަރުގަދަވެގެން ގޮސްފައިވާ ކަމަށް ފާހަގަކުރައްވާފަ އެވެ. ސަލާމަތީ އަދި ދިފާއީ ކަންކަމުގައި އިނގިރޭސިވިލާތުން ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަން ފާހަގަ ކުރައްވާ ޝުކުރުވެސް އަދާކުރެއްވި އެވެެ.

ދިވެހި ސިފައިން އިނގިރޭސިވިލާތުގައި ތަމްރީންވުން މެދުކެނޑިފައި އޮންނަތާ 10 އަހަރު ފަހުން އަލުން އެ ފުުރުސަތު ދީފައިވާތީ އެކަންވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ. އިނގިރޭސިވިލާތުގައި ކުރިން ތަމްރީންވި ދިވެހި ސިފައިން މިއަދު އެމްއެންޑީއެފްގެ އިސް މަގާމުތަކެއްގައި ތިބެ އެ ތަމްރީންތަކުގެ ބޭނުން ވަރަށް ރަނގަޅަށް ހިފަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

ސިފައިންގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި މިބައްދަލުވުމުގައި ތޯރިގު އަހްމަދު ވިދާޅުވީ ރާއްޖެއިން އެހީތެރިކަން ބޭނުންވާ ދާއިރާތަކުގައި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ.