ހަބަރު

ޗައިނާއިން ހިލޭ 100 ދިވެއްސެއްގެ ލޯ އޮޕަރޭޝަން ކޮށްދެނީ

ޗައިނާގެ ހިލޭ އެހީގައި ހުޅުމާލެ ހޮސްޕިޓަލުގައި 100 މީހެއްގެ ކެޓަރެކްޓް ސާޖަރީ ހެދުމާބެހޭ ޕްރޮޖެކްޓް އެއްބަސްވުމެއްގައި ރާއްޖެއާ ޗައިނާއިން ސޮއިކޮށްފި އެވެ. ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް އެވެ. ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ޖައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު ވަންގް ފުކަންގް އެވެ.

މިއަދު ސޮއިކުރި އެއްބަސްވުމާ ބެހޭގޮތުން މިނިސްޓަރު އިރްތިޝާމް އާދަމް ވިދާޅުވީ، ރާއްޖޭގެ 100 ޕޭޝަންޓެއްގެ ލޮލުގެ އޮޕަރޭޝަން ކުރުމަށް ޗައިނާއިން މިއަދު ފެށި ޕްރޮގްރާމަކީ، ރާއްޖޭގެ ސިއްހީދާއިރާގެ ހިދުމަތް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޗައިނާގެ ނެޝަނަލް ހެލްތު އެންޑް ފެމިލީ ޕްރޮޓެކްޝަނާ ގުޅިގެން "ބްރައިޓް ޖާނީ"ގެ ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.

މިމަހުގެ ފަހުކޮޅު ފަށަން ނިންމާފައިވާ މި ޕްރޮގްރާމުގައި، ރާއްޖޭގެ ހޮސްޕިޓަލްތަކުގައި ކެޓަރެކްޓް ސާޖަރީ ހެދުމަށް ނަން ނޯޓުކޮށްފައިވާ ބަލިމީހުން އަލުން ޓެސްޓު ކުރުމަށްފަހު އެންމެ ސީރިއަސް 100 ޕޭޝަންޓުންނަށް ހިލޭ ސާޖަރީ ހަދައިދޭނެ އެވެ. ސާޖަރީ ހެދުމުގައި ހަރަކާތްތެރިވާނީ ޗައިނާގެ ލޮލުގެ ޑޮކްޓަރުންނާއި ނަރުހުންގެ ޓީމަކުންނެވެ. އެ ޓީމު ވެސް ރާޢްޖެ އަންނަން ހަމަޖެހިފައިވަނީ މިމަހުގެ ފަހުކޮޅުގަ އެވެ.

އޮޕަރޭޝަން ތައް ކުރިއަށްގެންދަން ނިންމާފައިވަނީ ހުޅުމާލެ ހޮސްޕިޓަލުގައެވެ. އޮޕަރޭޝަން ކުރުމަށް ބޭނުންވާ ހުރިހާ އިކުއިޕްމަންޓްތަކާއި މެޝިން ވެސް ގެންނަނީ ޗައިނާ އިންނެވެ.

ކެޓަރެކްޓް ސާޖަރީއަކީ ލޮލުގެ ލެންސްގެ ފުސްކަން ފިލުވުމަށް ކުރާ އޮޕަރޭޝަނެކެވެ. މިއީ ވަރަށް އާންމު އޮޕަރޭޝަނެކެވެ.