މާލޭ ސިޓީ ކައުންސިލް

މާލޭގައި ސްޕެޝަލް ކޮންސްޓެބްލަރީގެ ހިދުމަތް ފަށަނީ

Feb 15, 2022

ސްޕެޝަލް ކޮންސްޓެބްލަރީގެ ހިދުމަތް ހޯދައި ލިބިގަތުމަށްޓަކައި މާލެ ސިޓީ ކައުންސިލުން ދިވެހި ފުލުހުންގެ ހިދުމަތާ އެކު އެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މި އެއްބަސްވުމާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތާއި މާލެ ސިޓީ ކައުންސިލް ގުޅިގެން މާލެ ސިޓީގެ މުނިސިޕަލް ހިދުމަތްތައް ދިނުމުގެ އުސޫލުތައް ހަރުދަނާ ކުރެވިގެން ދާނެ ކަމަށެވެ.

މާލެ، ވިލިމާލޭގެ މަގުތަކާއި، ޕާކުތަކާއި، މައިދާންތަކާއި، ޕޭވްމަންޓްމަތީގައި ނުވަތަ އާންމު ތަންތަނުގައި ގަވާއިދާއި ހިލާފަށް ތަކެތި ބަހައްޓާ ފަރާތްތައް ހޯދައި އެފަރާތްތަކާ މެދު ފިޔަވަޅު އެޅުމާއި، އެފަދަ ފަރާތްތަކުގެ މައުލޫމާތު ދެނެގަތުމުގައި އެއްބަސްވުމުގެ ސަބަބުން ކައުންސިލަށް ފަސޭހަތަކެއް ވެގެންދާނެ ކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.

ސިޓީ ކައުންސިލުން ބުނީ މާލެ ސިޓީގެ މަގުތަކާއި، ހުސްބިންތަކާއި، ޕާކުތައް އަދި މައިދާންތަކާއި، ވިޔަފާރިކުރާ ސަރަހައްދުތަކުގައި ހުއްދަ ނުނަގައި ހިންގާ ކަންކަން ބަލައި، އެފަދަ ކަންކަން ހުއްޓުވުމަށްޓަކައި އެފަރާތްތަކުގެ މަޢުލޫމާތު ފުލުހުންގެ ފަރާތުން ކައުންސިލާއި ހިއްސާކުރާނެ ކަމަށެވެ. އަދި އެފަދަ ފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުން އަޅާނެ ކަމަށެވެ.

މާލޭގެ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާ ކަމަށްވާ ކުނީގެ މައްސަލައަށް ވެސް އެއްބަސްވުމުގެ ސަބަބުން ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވޭ ކަމުގައި މާލެ ސިޓީ ކައުންސިލުން ބުނެ އެވެ.

މާލެ ސިޓީގެ މަގުތަކާއި އެނޫންވެސް ތަންތަނަށް ކުނިއަޅާ ފަރާތްތަކުގެ އަމަލުތައް ހުއްޓުވައި، ކުނިއަޅާ ފަރާތްތައް ދެނެގަނެ، އެފަރާތްތައް ޖޫރިމަނާ ކުރުމުގެ ގޮތުން ދޭންޖެހޭ ލިޔުންތައް ދިނުމާއި އެފަރާތްތަކުގެ މައުލޫމާތު ވެސް އެއްބަސްވުމުގެ ދަށުން ފުލުހުން، މާލެ ސިޓީ ކައުންސިލާއި ހިއްސާކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ސިޓީ ކައުންސިލުން ބުނީ ސްޕެޝަލް ކޮންސްޓެބްލަރީގެ ހިދުމަތް ދިނުމަށް ވެވުނު އެއްބަސްވުމުގައި މިއަދު ސޮއިކުރެވުނު ނަމަވެސް ހިދުމަތް ފެށުމަށްޓަކައި ފުލުހުން ތަމްރީންވުމަށް ގާތްގަނޑަކަށް ތިންމަސްދުވަސް ހޭދަވާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. އެހެންކަމުން ފުލުހުންގެ ހިދުމަތުން ވާންޖެހޭ ތައްޔާރީތައް ނިނުމުނުހާ އަވަހަށް މާލޭގެ ރައްޔިތުންނަށް ހިދުމަތް ލިބޭނެ ކަމަށްވެސް ކައުންސިލުން މައުލޫމާތުދެ އެވެ.

މާލެ ސިޓީ ކައުންސިލްގެ އެދުމުގެ މަތިން ފުލުހުންގެ ފަރާތުން ތައްޔާރުކޮށް ހުށަހަޅާފައިވާ މާލެ ކޮމިއުނިޓީ މޮނިޓަރިން ސްޕެޝަލް ކޮންސްޓެބްލަރީ ހިދުމަތުގެ ޕްރޮޕޯސަލްގައި ހިމެނިފައިވާ ބަޖެޓް ކައުންސިލުން ވަނީ ފާސްކޮށްފަ އެވެ. އެހެންކަމުން ދިވެހިންގެ ފަރާތުން ހޯދާ ސްޕެޝަލް ކޮންސްޓެބްލަރީ ހިދުމަތަށް ބޭނުންވާ ބަޖެޓް ހަމަޖައްސާނީ މާލެ ސިޓީ ކައުންސިލުން ކަމަށްވެސް ކައުންސިލުން ބުނެ އެވެ.

"މާލެ ސިޓީ ކައުންސިލްގެ އަމާޒަކީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ގެނެސްދިނުމަށްޓަކައި ހަރުދަނާ މަސައްކަތްތަކެއް ކުރިއަށްގެންދިއުމެވެ." ސިޓީ ކައުންސިލުން ބުނެފައިވެ އެވެ.

ސްޕެޝަލް ކޮންސްޓެބްލަރީގެ ހިދުމަތުގައި އުޅޭ މީހުން ހަރަކާތްތެރިވާނީ ފުލުހުންގެ ޔުނީފޯމުގައި ކަމަށްވީ ނަމަވެސް އެ މީހުންނަކީ ފުލުހުންނަށް ގާނޫނީ ގޮތުން ލިބޭ ހުރިހާ ބާރުތަކެއް ލިބޭ ބައެއް ނޫނެވެ.