ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި ގދ. ތިނަދޫން މީހުން ބޭލި މައްސަލައިގައި އާންމުކޮށް ހުޅުވާލައިގެންނާއި އަދި ހުޅުވާނުލާ ބާއްވާ އަޑުއެހުންތަކުގައިވެސް ބަޔާން ދިނުމަށް ބޭނުންވާ މީހުން ނަން ނޯޓު ކުރުމަށް އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން އިތުރު ފުރުސަތެއް ދީފި އެވެ.
ތިނަދޫން މީހުން ބޭލި މައްސަލައިގައި އިންތިގާލީ އިންސާފުގެ އޮފީހުން ބާއްވަން ނިންމާފައިވާ އަޑުއެހުންތަކުގައި ބައިވެރިވުމަށް ނަން ނޯޓު ކުރުމުގެ ފުރުސަތު ކުރިން ހުޅުވާލީ މިއަދުގެ ނިޔަލަށެވެ. ނަމަވެސް އެ ފުރުސަތު މިމަހުގެ 24 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށް މިހާރު ވަނީ ހުޅުވާލާފަ އެވެ.
ނާސިރުގެ ވެރިކަމުގައި ތިނަދޫން މީހުން ބޭލީ މީގެ 60 އަހަރު ކުރިން ފެބުރުއަރީ 2، 1962 ގަ އެވެ. ތިނަދޫ އަލުން އާބާދުވިތާ މިއަހަރު 56 އަހަރު ފުރޭނެ އެެވެ.
އިންތިގާލީ އިންސާފުގެ އޮފީހުން ބުނީ ތިނަދޫން މީހުން ބޭލި މައްސަލައިގައި އަޑުއެހުންތަކެއް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ މައްސަލައިގައި ކަންހިނގާފައިވާ ގޮތާއި އަސާސީ ހައްގުތަކާއި އިންސާނީ ހައްގުތައް ގެއްލުމުގެ ސަބަބުން އަނިޔާ ލިބުނު މީހުންގެ ވާހަކަތައް އާންމުކޮށް ހިއްސާކުރުމަށް ފުރުސަތު ދިނުމާއި، ކަންހިނގާފައިވާ ގޮތާ ގުޅޭ އިތުރު މައުލޫމާތުތަކެއް ހޯދުން ކަމަށެވެ.
ތިނަދޫ މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދަން ނިންމާފައިވަނީ މާޗް 3-5 އަށް ތިނަަދޫގަ އާއި މާޗް 18-19 އަށް މާލޭގަ އެވެ.
އަޑުއެހުންތަކުގައި ބައިވެރިވެ، ބަޔާން ދިނުމަށް ނަން ނޯޓް ކުރުމަށްޓަކައި އިންތިގާލީ އިންސާފުގެ އޮފީހުގެ ނަންބަރު 7223473 ނަންބަރަށް ގުޅައިގެންނާއި އެ އޮފީހަށް އީމެއިލް ކޮށްގެން ވެސް ނަން ނޯޓު ކުރެވޭނެ އެވެ. ނަން ނޯޓު ކުރާއިރު ދޭން ޖެހޭ މައުލޫމާތުތަކެއް އެ އޮފީހުން ވަނީ ހާމަކޮށްފަ އެވެ.
ޕަބްލިކް ހިއަރިންގައި ބައިވެރިވާ މީހުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާއި ބަޔާން ނެގުމަށް ފުރުސަތު ދޭނެ މީހުން ކަނޑައަޅާނެ ގޮތުގެ އުސޫލެއް ވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ.
ތިނަދޫން މީހުން ބޭލި މައްސަލައިގައި އަޑުއެހުންތަކެއް ކުރިއަށް ގެންދަން އިންތިގާލީ އިންސާފުގެ އޮފީހުން ނިންމާފައި މިވަނީ އެ އޮފީހުގެ ޓީމެއް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ތިނަދޫ އަށް ދަތުރުކޮށް ބައެއް މައުލޫމާތު އެއްކުރުމަށްފަހު އެވެ.
އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަލަ ހުށަހެޅުމަށް މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުޅުވާލި ފުރުސަތުގައި ހުށަހެޅި މައްސަލަތަކުގެ ތެރެއިން 449 މައްސަލައެއް ބަލަން ވަނީ ނިންމާފަ އެވެ.
އިންތިގާލީ އިންސާފުގެ އޮފީހުގެ މައިގަނޑު މަސައްކަތަކީ ރައީސް މުހައްމަދު އަމީންގެ ވެރިކަމުން ފެށިގެން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ހަމައަށް ނިޒާމީ ގޮތެއްގައި ރޭވިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ އެތަނުގެ ވެރިޔަކު މީހެއްގެ އިންސާނީ ހައްގަކަށް އަރައިގެންފައިވާނަމަ އެ މައްސަލައެއް ބެލުމެވެ.