އެޗްޑީސީ

ސަމާލު! އެޗްޑީސީގެ ނަމުގައި ފޭކް ކޯލްތަކެއް

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ) ގެ ނަމުގައި ފޭކް ކޯލްތަކެއް ކުރާ މައްސަލަތަކެއް ފެންމަތިވެއްޖެ އެވެ.

އެޗްޑީސީން ބުނީ އެ ކޯޕަރޭޝަންގެ ނަމުގައި މޯބައިލް ނަންބަރުތަކުން އެކި މީހުންނަށް ގުޅާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

އެ ނަންބަރުތަކުން ގުޅުމަށްފަހު އެޗްޑީސީން ހިންގާ އެކި މަޝްރޫތަކުގެ ދަށުން ފްލެޓް ލިބުނު ކަމަށް ބުނާ ކަމަށާއި އެޗްޑީސީގެ ނަމުގައި އެ ފަރާތްތަކުގެ އެކި މައުލޫމާތު ހޯދަން މަސައްކަތް ކުރާ ކަމަށެވެ.

އެކި މީހުންނަށް އެ ނަންބަރުންތަކުން ގުޅުމަށްފަހު ދައްކަނީ ތަފާތު ވާހަކަތަކެއް ދައްކައިގެން ފައިސާ ހޯދުމަށް މަސައްކަތް ކުރާ ކަމަށް އެޗްޑީސީން ބުނެ އެވެ.

އެޗްޑީސީން ވަނީ އެ ކޯޕަރޭޝަންގެ ނަމުގައި ފޭކް ކޯލްތައް ކުރަމުންދާތީ އެކަމަށް ސަމާލުވުމަށް އެދިފަ އެވެ. އަދި ފައިސާގެ މުއާމަލާތަކާއު ގުޅިގެން މޯބައިލް ނަންބަރަކުން ގުޅައިފިނަމަ އެޗްޑީސީގެ ކޯލް ސެންޓަރު 1516 އަށް ގުޅައި ޔަގީން ކުރުމަށް ވެސް އެދިފަ އެވެ.

އެކި ކުންފުނިތަކުގައި ނަމުގައި މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަ ދުވަހަކުން ދުވަހަކަށް ދަނީ ބޮޑުވަމުން ނެވެ. މިކަމަށް ރައްޔިތުން ހޭލުންތެރިކުރުމަށް ގިނަ ޕްރޮގްރާމްތައް ވެސް އިދާރާތަކުން ހިންގަ އެެވެ.