ހުޅުމާލޭގައި ހަދާފައިވާ ވިނަރެސް ފްލެޓްތަކަށް ކުރިމަތިލުމަށް އެދި ފޮނުވަމުންދާ ލިންކްތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
ފުލުހުން މިރޭ ބުނީ ވިނަރެސް ފްލެޓްތަކަށް ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް ކުރިމަތިލުމުގެ ފުރުސަތު އެޗްޑީސީ އިން ހުޅުވާލާފައިވާ ކަމަށް ބުނެ ފޮނުވަމުންދާ ލިންކަށް ސަމާލުވުމަށް އެދޭ އިލްތިމާސް ކުރާ ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ އެ ލިންކަށް ވަނުމުން އިތުރު މައުލޫމާތު ވެބްސައިޓުން ލިބޭނެ ކަމަށް ބުނެ ލިންކެއް ހިމެނޭ ގޮތަށް ފޮނުވަމުންދާ މެސެޖަކީ ސައްހަ މެސެޖެއް ނޫން ކަމަށެވެ.
މި ލިންކަށް ވަނުމުން ބައެއް މީހުންގެ ސޯޝަލްމީޑިއާ އެކައުންޓްތަކުގެ ކޮންޓްރޯލާއި މީހުންގެ ޒާތީ މައުލޫމާތު އެ ލިންކް ފޮނުވާ ބަޔަކަށް ލިބޭތީ މިފަދަ ލިންކްތަކަށް ނުވަނުމަށް ފުލުހުން އަބަދުވެސް އިލްތިމާސް ކުރެ އެވެ.