މޯލްޑިވްސް ޕޮލިސް ސާވިސް

ރައްކާ ކެމްޕޭންގެ ފަހިރާސްތާ ޕްރޮގްރާމް ފަށައިފި

Mar 24, 2023

މަގު ބޭނުންކުރާ ފަރާތްތައް އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށާއި، މަގުމަތީގެ ސަލަމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިއަށް ގެންދާ ''ރައްކާ ކެމްޕެއިން''ގެ ފަހިރާސްތާ ޕްރޮގްރާމް ފަށއިފި އެވެ.

ހުޅުމާލޭގައި މި ޕްރޮގްރާމް ފައްޓަވައިދެއްވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފް އެވެ.

މި ޕްރޮގްރާމްގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހާއި، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފްއާއި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންނާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ، ޝީޝާ މޯލްޑިވްސް، ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް އަދި ރެޑް ކްރެސެންޓުގެ ބޭފުޅުން ބައިވެރިވި އެވެ.

މި ޕްރޮގްރާމްގެ ދަށުން އިއްޔެ ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ރަމަޟާން މަހު މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާންމު ރައްޔިތުން ހޭލުންތެރިކުރުވުމަށް ތަފާތު މައުލޫމާތު ހިއްސާކޮށްފައިވެ އެވެ. އަދި ހައިވޭގެ ހަތަރު ލޭން ހިމެނޭ ސަރަހައްދުގައި ޗެކް ޕޮއިންޓު ބަހައްޓައި އުޅަނދުތައް ހުއްޓުވައި ބަލާފަައިވެ އެވެ. އެގޮތުން ހުއްޓުވި އުޅަނދުތަކުގެ ތެރެއިން އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އުޅަނދު ދުއްވި މީހުންނަށް ޕެޓްރޯލް ގިފްޓް ވައުޗަރާއި އުޅަނދު ދޮވުމުގެ ގިފްޓް ވައުޗަ އަދި ރައްކާތެރި ހެލްމެޓު ހަދިޔާކޮށްފައިވެ އެވެ. ރަމަޟާން މަހުގެ ނިޔަލަށް މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.

މީގެއިތުރުން އެކްސިޑެންޓުވާ މީހާއަށް އެހީތެރިވާނެ ގޮތުގެ ސިނާރިއޯއެއް ރެޑް ކްރެސެންޓުގެ ފަރާތުން ކުރިއަށް ގެންގޮސްފައިވެ އެވެ.

ފަހިރާސްތާ ޕްރޮގްރާމްގެ ދަށުން، ސްކޫލުތަކުގެ ދަރިވަރުންނަށާއި އޮފީސްތަކުގެ މުވައްޒަފުންނަށް މައުލޫމާތު ދިނުމަށްވެސް ހަމަޖެހިފައިވެ އެވެ. އަދި މަގުމަތީގައި ހުރި ޓްރެފިކް ނިޝާން ބޯޑުތައް ރަނގަޅުކުރުމާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ މައުލޫމާތު ހިމެނޭ ބިލްބޯޑުތައް މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކުރުމަށްވެސް ހަމަޖެހިފައިވެ އެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ރޯޑް ޕޮލިސް، އެޗްޑީސީ، ޝީޝާ އަދި ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް ގުޅިގެންނެވެ.