އިންޑިއާގެ ބެންގަލޫރޫގައި ދިރިއުޅޭ މި ދެ މީހުންގެ ކައިވެނި އެހެން މީހުންގެ ކައިވެންޏަށް ވުރެ ހާއްސަވީ ވަރަށް ބޮޑު ސަބަބަކާ ހެދި އެވެ. މި ދެ މީހުންނަކީ ވެސް ކިޑްނީ ބަދަލު ކޮށްފައިވާ ދެ މީހުންނަށް ވާތީ އެވެ.
މި ދެ މީހުން ކައިވެނިކޮށްފައިވަނީ ހަޔާތުގައި ކުރިމަތިވީ ގިނަ ގޮން ޖެހުންތަކެއް ގިރާކުރުމަށް ފަހުގަ އެވެ. ސަބަބަކީ ދެ މީހުންނަކީ ވެސް ފާއިތުވީ ދުވަސްތަކުގައި ވަރަށް ބަލިކޮށް މަރާ ހަނގުރާމަ ކުރަމުންދިޔަ ދެ މީހުންނަށް ވީމަ އެވެ.
ޓައިމްސް އޮފް އިންޑިއާގައިވާ ރިޕޯޓެއްގައިވާ ގޮތުން އަވިނާޝް ޝޭކަރް އާއި ޕަވިތުރަ ވާނީ އަކީ 30 އަހަރުގެ ދެ މީހުންނެވެ. ދެ މީހުންނަށް ވެސް ކިޑްނީގެ މައްސަލަތަކުގައި ގިނަ ދުވަސްތަކަކު ވަރަށް ބަލި ހާލުގައި އުޅެން ޖެހިފައި ވެއެވެ. އަވިނާޝްގެ ދެ ކިޑްނީ ފޭލްވެ ހާލު ބޮޑުވެފައި ވަނިކޮށް އޭނާއަށް ކިޑްނީ ހަދިޔާކުރީ އާއިލާގެ މީހެކެވެ. އޭނާގެ އަލަތު އަނބިމީހާއަށް ކިޑްނީއެއް ލިބުނީ މަރުވި މީހެއްގެ ފަރާތުންނެވެ.
މި ކައިވެނީގެ ރަސްމިއްޔާތުގައި އަވިނާޝްގެ ކިޑްނީ ބަދަލު ކޮށްދިން ޑރ. ސަންކާރާ ސުންދަރް ވެސް ބައިވެރިވި އެވެ. ޑޮކްޓަރު ބުނި ގޮތުގައި މި ކައިވެނި ޚާއްސަވީ މިގޮތަށް ކިޑްނީ ބަދަލު ކޮށްފައިވާ ދެ މީހުން ކައިވެނިކުރާތަން ފެންނަނީ ވަރަށް މަދުން ކަމަށް ވާތީ އެވެ.
"ކިޑްނީ ބަދަލުކޮށްފައިވާ މީހަކާއި ބަދަލު ނުކުރާ މީހުންގެ ކައިވެނިތައް ވަރަށް ގިނައިން ފެނޭ. އެކަމަކު ކިޑްނީ ބަދަލުކޮށްފައިވާ ދެ މީހެއްގެ ކައިވެންޏެއް އަދި މިފެނުނީ އަލަށް،" ޑޮކްޓަރު ބުންޏެވެ.
އަވިނާޝް އާއި ޕަވިތުރައަކީ ޓެކް ޕާކެއްގައި މަސައްކަތްކުރާ ދެ މުވައްޒަފުންނެވެ. އެމީހުންގެ މެދުގައި ލޯބީގެ ގުޅުން އޮންނަތާ ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ.
ޑޮކްޓަރު ބުނި ގޮތުގައި އަލަތު ކައިވެނި ކުރި ދެމަފިރިންނަށް އުފާވެރި ހަޔާތެއް އުޅެވިދާނެކަމުގެ އުންމީދު އެބައޮތެވެ. އަދި އެ ދެމަފިރިންނަށް އާ ހަޔާތެއް ލިބުމަށް މެދުވެރިވީ ފަރާތްތަކަށް އެމީޙުންގެ ހިތް ވަނީ ޝުކުރުން ފުރިފަ އެވެ.
"އަދިވެސް ގިނަ މީހުން ގުނަވަން ހަދިޔާކުރަން ބިރުގަނޭ. އަވިނީޝްގެ އާއިލާގައި ގުނަވަން ބަދަލުކޮށްފައިވާ ދެ މީހުން ތިބިއިރު ހަދިޔާކޮށްފައިވާ ތިން މީހުން އެބަތިބި. އަވިނާޝްގެ ބޭބެ މަރުވީ ކިޑްނީ ފެއިލް ވެގެން. އޭނައަށް ވެސް ކިޑްނީއެއް ނުލިބުނު ނަމަ އެފަދަ ގޮތެއް މެދުވެރިވުމަކީ އެކަށީގެންވާ ކަމެއް. އޭނާގެ މައިންބަފައިން ވެސް ވަނީ ކިޑްނީ ހަދިޔާކޮށްފައި. އަވިނާޝްގެ ބައްޕަ ކިޑްނީ ހަދިޔާ ކޮށްފައިވަނީ އަވިނާޝްގެ ބޮޑުބޭބެއަކަށް. އަވިނާޝް އަށް ފުރަތަމަ ޓްރާންސްޕްލާންޓް ކުރީ އޭނާގެ މަންމަގެ ކިޑްނީ. އެ ކިޑްނީ އޭނާގެ ހަށިގަނޑުން ރިޖެކްޓްކުރުމުން މިހާރު ލައްވާފައި އެވަނީ ބޮޑުދައިތައެއްގެ ކިޑްނީ. އެ ކިޑްނީ ލެއްވި ފަހުން އަވިނާޝްގެ ސިއްހަތު މުޅިން ބަރާބަރު،" ޑޮކްޓަރު ކިޔައިދިނެވެ.