ލައިފްސްޓައިލް

އެއް ދުވަހު ކައިވެނިކޮށްފައި އަނެއް ދުވަހު ވަރިވެއްޖެ

އިންޑިޔާގެ ބިހާރުގެ ބުޒޫރު ޑިސްޓްރިކްޓްގައި ދިރިއުޅޭ ދެ މީހުން ކައިވެނި ކުރީ މިދިޔަ އާދީއްތަ ދުވަހު ހަވީރު އެވެ. އޭގެ އަނެއް ދުވަހު ދެ މީހުން ވަނީ ވަރިވެފަ އެވެ.

ފާރޫގު އަހުމަދު ކިޔާ ފިރިހެންމީހާ އޭނާގެ އަވަށާ ކައިރީގައި އޮންނަ ގާޒީޕޫރް ޑިސްޓްރިކްޓްގައި ދިރިއުޅޭ ނާޒިއާ ހަތޫންގެ ގެޔަށް ބޭން ޕާޓީގައި ދިޔައީ އާދީއްތަ ދުވަހު ހަވީރު އެވެ. މި ކައިވެނި ކުރުމުގެ ކުރިން މި ދެ މީހުންނަށް އެކަކު އަނެކަކާ ބައްދަލުވެފައެއް ނެތެވެ. ދެ މީހުން ވެސް ބަލާފައި ވަނީ އެކަކު އަނެކަކުގެ ފޮޓޯ އެވެ. ކައިވެނި ހަމަޖެއްސީ ދެ ފަރާތުގެ އާއިލާއިންނެވެ.

މި ކައިވެނީގެ ރަސްމިއްޔާތަށް ދިޔަ ހުރިހާ މެހެމާނުންނަށް ވެސް ނާޒިއާގެ އާއިލާއިން ހޫނު މަރުހަބާއެއް ކިޔައި ވަރަށް ރަނގަޅަށް މެހެމާންދާރީ އަދާކޮށްފައި ވެއެވެ. އަދި ދެ މީހުންގެ ކައިވެނި އާދީއްތަ ދުވަހުގެ އިރު އޮއްސުނު ވަގުތު ގާޒީއަކު ވަނީ ކޮށްދީފަ އެވެ.

ނަމަވެސް ކައިވެނީގެ ރަސްމިއްޔާތު ކުރިޔަށް ދިޔައިރު ނާޒިއާގެ އާއިލާގެ މީހުންނަށް ފާރޫގުގެ ފަރާތުން އެއް ކަމެއް ފާހަގަ ކުރެވުނެވެ. އޭނާގެ ކަނާއަތް ރަނގަޅަށް މަސައްކަތް ނުކުރާ ކަމެވެ.
ވަގުތުން ނާޒިއާގެ އާއިލާގެ މީހުން ފާރޫގުގެ އާއިލާ އާ ސުވާލުތައް ކުރިމަތި ކުރި އެވެ. ފާރޫގަށް ޕެރަލައިޓިކް އެޓޭކެއް އައިސް ކަނާއަތް އެހާ ރަނގަޅަށް މަސައްކަތް ނުކުރާ ކަމަށް އޭނާގެ އާއިލާއިން ނާޒިއާގެ އާއިލާގެ މީހުންނަށް ވިސްނައި ދިނެވެ.

މި ޚަބަރު ނާޒިއާ އަށް ލިބުނުއިރު ދެ މީހުންގެ ކައިވެނީގެ ރަސްމިއްޔާތު އޮތީ ނިމިފަ އެވެ. ނަމަވެސް ކައިވެނި ގަބޫލު ކުރަން ނާޒިއާ ދެކޮޅު ހަދައި އަނެއް ދުވަހު ހެނދުނު ޕޮލިސް ސްޓޭޝަނަށް ދިޔައީ އެވެ.

ފުލުހުން ބުނެފައި ވަނީ ފާރޫގުގެ ހުރި ނުކުޅެދުންތެރިކަން ނާޒިއާ އަށް ނާންގައި އޮޅުވާލައިގެން ކައިވެނި ކޮށްފައިވާތީ ނާޒިއާއަށް އޭނާގެ މައިންބަފައިންގެ ގެޔަށް ދިއުމުގެ އިޚްތިޔާރު ލިބޭނެ ކަމަށެވެ.

ފުލުހުންގެ އޮފިޝަލު ބުނީ އެ މައްސަލައިގެ ތެރެއަށް ފުލުހުން ވަދެ ދެ ފަރާތުގެ އާއިލާއާ ވާހަކަ ދައްކައި މައްސަލަ ހައްލު ކޮށްފައިވާ ކަމަށެވެ.

ބިހާރަކީ މިފަދަ ހާދިސާތައް ވަރަށް ގިނައިން ހިނގާ ރަށެކެވެ. ކައިވެނި ކުރާ ވަގުތު ފިރިހެންމީހާގެ ނުކުޅެދުންތެރިކަމެއް ހުރިކަން އެނގި އަންހެންމީހާ ކައިވެންޏަށް އިންކާރުކޮށް ނުވަތަ ކައިވެނިކުރި ނަމަވެސް އެ ކައިވެނި ރޫޅަން ކޯޓަށް ދިއުމުގެ 50 އަށް ވުރެ ގިނަ މައްސަލަތައް މި ފަހަކަށް އައިސް އެކަނިވެސް ބިހާރު ސްޓޭޓުން ވަނީ ނޯޓްކޮށްފަ އެވެ.