ބޮލީވުޑް

ބާންސާލީގެ ހިފެހެއްޓުމެއް ތައުރީފު އާލިއާއަށް

ހިންދީ ސިނަމާއަށް ލޯބިކުރާ ގިނަ ބަޔަކަށް ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީގެ ފިލްމުތައް ވަރަށް ކަމުދެ އެވެ. އާދައިގެ ބޮލީވުޑް ފިލްމުތަކާ އެ ފިލްމުތައް ތަފާތުވުމާއި ފިލްމުގެ ސެޓުތަކާއި ލަވަތައް އަދި ވާހަކަ ކިޔައިދޭ ގޮތް ވެސް ތަފާތުވެފައި ރީތިވީމަ އެވެ. "ޕަދުމާވަތު"، "ބާޖީރާއޯ މަސްތާނީ" ފަދަ ފިލްމުތަކުން ބާންސާލީ ވަނީ އޭނާގެ ޖާދޫއެއް ފަދަ ހުނަރު ބެލުންތެރިންނަށް ދައްކާދީފަ އެވެ.

މިހާރު އަނެއްކާވެސް ބާންސާލީގެ އާ ފިލްމެއް ރިލީޒް ކުރުމަށް ވަނީ ތައްޔާރުވެފަ އެވެ. އާލިއާ ބަޓް ލީޑް ރޯލު ކުޅެފައިވާ "ގަންގުބާއީ ކަތިއާވަޅީ" އެވެ. މި ފިލްމަކީ މިއަހަރު ރިލީޒް ކުރަން ހަމަޖެހިފައިވާ ހިންދީ ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އެ ފިލްމެއް ބަލާލަން އިންތިޒާރުކުރާ ފިލްމެވެ.

ފިލްމުގެ މަސައްކަތް ފެށިތާ މާ ގިނަ ދުވަހެއް ނުވެ ކޮރޯނާވައިރަސް ޕެންޑެމިކް ލައިގަތުމުގެ ސަބަބުން ވަރަށް ގިނަ ގޮންޖެހުންތައް ފިލްމަށް ކުރިމަތިވެ ރިލީޒް ކުރަން އޮތް ދުވަހު ރިލީޒް ކުރެވޭ ގޮތެއް ނުވި އެވެ. ނަމަވެސް މިހާރު ފިލްމު ވަނީ ހުރިހާ ގޮންޖެހުންތަކެއް ގިރާކޮށް ނިންމައި ރިލީޒް ކުރަން ތައްޔާރުވެފަ އެވެ.

ފިލްމު ފުރަތަމަ ދައްކަން ހަމަޖެހިފައި ވަނީ ބާލިން ފިލްމު ފެސްޓިވަލްގަ އެވެ.

ފިލްމު ރިލީޒްކުރުމާ ދިމާކޮށް ވެރައިޓީ މަޖައްލާއަށް ދިން އިންޓަވިއު އެއްގައި ބާންސާލީ ވަނީ "ގަންގޫބާއީ ކަތިއާވަޅީ" އާ ގުޅޭ ގޮތުން އޭނާގެ ހިތުގައިވާ ޝުއޫރުތައް ބަންޑުން ޖަހާލާފަ އެވެ.

ބާންސާލީ ފުރަތަމަ ވެސް ތައުރީފުކުރީ ފިލްމުގައި އެންމެ މުހިއްމު ރޯލެއް ކުޅޭ އާލިއާ އަށެވެ. ބާންސާލީ ބުނި ގޮތުގައި ފުރަތަމަ ދުވަހުން ފެށިގެން އާލިއާ އެ ފިލްމުގެ ކެރެކްޓާއަށް ވަދެފައިވާ ތައުރީފު ހައްގު ގޮތަކަށެވެ. ގަންގޫބާއީގެ ދުނިޔެ އާއި އާލިއާގެ ހަގީގީ ދުނިޔެ އުޑާއި ބިމާހާ ތަފާތު ނަމަވެސް އެއްވެސް އުނދަގުލެއް ނެތި އާލިއާ ގަންގުބާއީގެ ދުނިޔެއަށް ވަދެފައިވާ ކަމަށް ބާންސާލީ ބުންޏެވެ.

"އާލިއާ އަކީ ވަރަށް މަތީ ޚާންދާނެއްގެ މުއްސަނދި ކުއްޖެއް. ވަރަށް ޒަމާނީ ދިރިއުޅުމެއް އުޅޭ އެކްޓަރެއް. ފިލްމުގައި ދައްކާ ދުނިޔެއަކީ އޭނާގެ ހަގީގީ ދިރިއުޅުމާ ހާސްބައި ތަފާތު ދިރިއުޅުމެއް. އަހަންނަށް ހަމައެކަނި ޖެހުނީ އޭނާގެ އަޑު ގެންގުޅޭ ގޮތަށް ބަދަލެއް ގެންނަން ތަމްރީނު ދޭން. ސަބަބަކީ އޭނާ އަށް ޑައިލޯގްތައް ކިޔެނީ ތަންކޮޅެއް ބާރަށް ކަމަށް ވާތީ. އެ ކަންތައް ރަނގަޅު ކޮށްލުމުން ވަރަށް ފަސޭހައިން ގަންގޫގެ ކެރެކްޓާއަށް އޭނާ ވަދެ ހަމަޖެހިލި،" ބާންސާލީ ބުންޏެވެ.

ބާންސާލީ ބުނި ގޮތުގައި ގަންގޫބާއީއަކީ ވަރަށް ބިރުކުޑަ އަންހެނެކެވެ. އޭނާގެ މުޖުތަމައުގެ މީހުންގެ ފަރާތުން ގަދަރާއި އިއްޒަތް ހޯދަން ވަރަށް ހިތްވަރާއެކު ބާރާއެކު ވަރުގަދަ މަސައްކަތްތަކެއް ކުރި ފިސާރަ ވަރުގަދަ އަންހެނެކެވެ.

ގަންގޫބާއީ ދިރިއުޅުނު ކަހަލަ ދުނިޔެއެއްގައި ބަލިކަށި އަންހެނުން ވަރަށް ފަސޭހައިން ގެއްލި ނިމިގެން ދާ ކަމަށާއި ގަންގޫބާއީއަށް އެފަދަ ތަނެއްގައި ސާބިތުވެ އެންމެންގެ މައްޗަށް ރަނިކަން ކުރެވުނީ އޭނާގެ ބިރުކުޑަ ކަމުން ކަމަށް ބާންސާލީ ކިޔައިދިނެވެ.

މި ފިލްމުގައި އަޖޭ ދޭވްގަން ވެސް ވަރަށް މުހިއްމު ރޯލެއް ކުޅެ އެވެ. އަދި ޓީވީ އެކްޓަރު ޝަންތާނޫ މަހޭޝްވާރީގެ ވެސް ވަރަށް ވަރުގަދަ ރޯލެއް މި ފިލްމުގައި ހިމެނެ އެވެ.

ވާހަކަ ލިޔުންތެރިޔާ ހުސެއިން ޒައިދީގެ "މާފިއާ ކުއީންސް އޮފް މުމްބައި"ގެ މައްޗަށް ކުޅެފައިވާ މި ފިލްމަކީ 1960 އިގެ އަހަރުތަކުގައި އުޅުނު އާދަޔާޚިލާފު ވަރުގަދަ އަންހެނެއްގެ ވާހަކަ އެވެ.