ފަރެސް މާތޮޑާ

ފަރެސްމާތޮޑާ އެއާޕޯޓުގެ ރީތި ޓާމިނަލްގެ އޮނިގަނޑު ރާވަނީ

ގދ. ފަރެސްމާތޮޑާ އެއާޕޯޓުގެ ޕެސެންޖަރު ޓާމިނަލްގެ ސްޓީލް އޮނިގަނޑު ރާވައި، ރަންވޭގެ ބޮޑުބައިގައި ތާރު އެޅުމުގެ މަސައްކަތުގެ ބައެއް ނިންމާލައިފި އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ ރަންވޭގެ އޭބީސީ މަސައްކަތް ނިމި ތިން ފުރާޅަށް ހަދާ ޓާމިނަލް އިމާރާތުގެ ސްޓީލް ސްޓްރަކްޗާ ރޭވުމުގެ މަަސައްކަތުގެ 81 ޕަސެންޓުގެ ނިމިފައިވާ ކަމަށެވެ. މީގެ އިތުރުން ޓެކްސީ ވޭ އާއި އާޕްރޮން އަދި ފަޔާ ވޯކްގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި މަޝްރޫއަކީ 144.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ފަރެސްމާތޮޑާ އެއާޕޯޓަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ބިން ހިއްކުމުގެ މަސައްކަތް ފެށި އެއާޕޯޓެކެވެ. ބިން ހިއްކާ ނިންމާލާފައި ވަނީ 2019 ވަނަ އަހަރުގެ އޯގަސްޓް މަހު އެވެ.

އެމްޓީސީސީން ފަރެސްމާތޮޑާ އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އޭރު އެމްޓީސީސީން މަސައްކަތް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް މަސައްކަތް ނިންމާލުމަށެވެ. ނަމަވެސް އެ ކުންފުނިން މިހާރު ބުނެފައިވަނީ މި އަހަރުގެ ޖުލައި 26 ގެ ކުރިން މަސައްކަތް ނިންމާލެވޭވަރުވާނެ ކަމަށެވެ.