ބޮލީވުޑް

ބައްޕީ ލެހެރީ މަރުވެއްޖެ

Feb 16, 2022

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މިއުޒިކް ކޮމްޕޯޒަރު، ބައްޕީ ލެހެރީ މަރުވެއްޖެ އެވެ.

ޑިސްކޯ މިއުޒިކްގެ ކިންގުގެ ގޮތުގައި މަޝްހޫރުވެފައިވާ ބައްޕީ ރޭގެ ވަގުތެއްގައި މަރުވެފައި ވަނީ އުމުރުން 69 އަހަރުގަ އެވެ. އޭނާ މަރުވި އިރު ސިއްހީ ގިނަ މައްސަލަތަކަކާ ގުޅިގެން މަހެއް ވާންދެން ދިޔައީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ.

އޭނާއަށް ފަރުވާ ދެމުން ދިޔަ ހޮސްޕިޓަލުން ބުނެފައި ވަނީ މިދިޔަ ހޯމަ ދުވަހު އޭނާ ހޮސްޕިޓަލުން ދޫކޮށްލި ނަމަވެސް ރޭ އަނެއްކާ ހާލު ގޯސްވީ ކަމަށެވެ. އޭނާ މަރުވެފައި ވަނީ ނިދަން އުނދަގޫވުމުގެ ބައްޔެއް ކަމަށްވާ އޮބްސްޓްރަކްޓިވް ސްލީޕް އެޕްނިއާގަ އެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ވެސް އޭނާ ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ. އެފަހަރު ވެސް އޭނާގެ ހާލު ވަރަށް ދެރަވި އެވެ.

ބައްޕީ މަޝްހޫރުވެފައި ވަނީ 80 އަދި 90 އިގެ އަހަރުތަކުގެ ލަވަތަކުންނެވެ. އޭނާ ވަނީ އޭރުގެ ގިނަ ޑިސްކޯ ޓްރެކްތައް ކޮމްޕޯޒް ކުރުމުގެ އިތުރުން އޭނާގެ އަޑުން ލަވަތައް ކިޔައިފަ އެވެ. އޭގެ ތެރެއިން ވެސް އޭނާގެ "އައިމް އަ ޑިސްކޯ ޑާންސާ" އަދި "ޖިމީ ޖިމީ އާޖާ އާޖާ" ފަދަ ލަވަތަކަކީ އަދިވެސް މަގުބޫލުކަން ލިބެމުން އަންނަ ލަވައެކެވެ.

ބައްޕީ އެންމެ ފަހުން ކޮމްޕޯޒްކުރި ލަވައަކީ 2020 ވަނަ އަހަރު "ބާގީ 3" ފިލްމުގެ ލަވައެކެވެ.

ރޭ ބައްޕީ މަރުވެފައިވާއިރު މީގެ ދުވަސް ކޮޅެއް ކުރިން ކޮވިޑާއި އަދި ނިއުމޯނިއާއަށް ފަރުވާ ހޯދަމުން ދަނިކޮށް އިންޑިއާގެ މިއުޒިކް ލެޖެންޑެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ލަތާ މަންގޭޝްކަރު ވެސް ވަނީ މަރުވެފަ އެވެ.