ޗެލްސީގެ ކޯޗެއްގެ ގޮތުގައި ހެޑްކޯޗު ގުސް ހިޑިންކާއެކު އެ ޓީމުގެ ކުރީގެ ފޯވަޑް ޑިޑިއޭ ޑްރޮގްބާ ގެންނަން ބޭނުން ކަމަށް ހިޑިންކް ބުނެފި އެވެ.
ނަތީޖާތައް ގޯސްވުމުންނާއި ކުޅުންތެރިންނާ ގުޅުން ގޯސްވުމުން ކޯޗުކަމުން ޗެލްސީގެ ތާރީހުގައި އެންމެ ކާމިޔާބު ކޯޗު ހޯސޭ މޮރީނިއޯ ވަކިކޮށް ހިޑިންކާ ކޯޗުކަން ހަވާލުކުރީ މި ސީޒަން ނިމެންދެންނެވެ.
ޑްރޮގްބާ ޗެލްސީގެ ކޯޗިން ޓީމަށް ގެނައުމަށް ހިޑިންކް ބޭނުންވާއިރު އޭނާއަކީ ކެނެޑާގެ މޮންޓްރިއަލްގެ ކުޅުންތެރިއެކެވެ.
"އަހަރެން ބޭނުންވޭ އަހަރެންގެ ރަހުމަތްތެރިންނަށް ރަނގަޅު ފުރުސަތު ހޯދައިދޭން. އަދި ކުލަބުގެ ލެޖެންޑުން އަހަންނާއެކު މަސައްކަތް ކުރަން. މި ގޮތުން ބަލާއިރު ޑްރޮގްބާ އަހަންނާއެކު މަސައްކަތްކުރަން އަހަރެން ވަރަށް ބޭނުން. އޭނާ ގެނައުމަށް އޮތް ހަމައެކަނި ހުރަހަކީ މޮންޓްރިއަލްގެ ކޮންޓްރެކްޓްގައި ހުރުން. އެކަމާ ވެސް މަޝްވަރާ ކުރެވޭނެ،" 69 އަހަރުގެ ކޯޗު ބުންޏެވެ.
ޑްރޮގްބާ ވަނީ ހިޑިންކާއެކު ޗެލްސީ އެންމެ ފަހުން ކުޅުނު މެޗު ވެސް ބަލައިފަ އެވެ.
ހިޑިންކް ބުނީ ޓީމާ ހަވާލުވުމަށްފަހު ހޮނިހިރު ދުވަހާއި އިއްޔެ އޭނާ ކުޅުންތެރިންނާ ވާހަކަ ދެއްކި ކަމަށާއި ޓީމުގެ ވެރިޔާ ރަޝިޔާގެ ބިލިއަނަރު ރޯމަން އަބްރޮމޮވިޗާއެކު މަޝްވަރާ ކުރާނީ މިއަދު ކަމަށެވެ.
އަބްރޮމޮވިޗްގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ ހިޑިންކް ވަނީ މީގެ ކުރިން ޗެލްސީގެ ކޯޗުކަން ވަގުތީ ގޮތުން ކޮށްފަ އެވެ. އެ ފަހަރު އޭނާ ވަނީ ޗެލްސީ އަށް އެފްއޭކަޕް ހޯދައިދީފަ އެވެ.
ހިޑިންކް މިހާތަނަށް ހުރީ ހޮލެންޑްގެ ގައުމީ ކޯޗުކަމުގަ އެވެ. ނަމަވެސް 1998 ވަނަ އަހަރު ހޮލެންޑް އަދި 2002 ވަނަ އަހަރު ދެކުނު ކޮރެޔާ ވޯލްޑް ކަޕުގެ ސެމީ ފައިނަލަށް އޭގެ ފަހުން އޮސްޓްރޭލިޔާ ވޯލްޑް ކަޕުގެ ދެ ވަނަ ބުރަށް ގެންގޮސްސިން ކޯޗު ހޮލެންޑްގެ ކޯޗުކަމުގެ މަގާމުން ވަކިކުރީ މި ފަހަރު ނަތީޖާތައް ގޯސްވުމުންނެވެ.